ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީއާ 1-1 އިން އެއްވަރުވެއްޖެ އެވެ.
މިއީ ސިޓީން ހުރިހާ މުބާރާތެއްގައި ބަލިނުވެ ފުރިހަމަކުރި 21 ވަނަ މެޗެވެ. އޭގެތެރެއިން 17 މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ.
ރެއާލްގެ ސެންޓިއާގޯ ބާނެބެއުގައި މިރޭ ކުޅުނު މި މެޗު ފެށިގެން ސިޓީން ޑޮމިނޭޓްކުރިއިރު އެ ޓީމުގެ ކެވިން ޑި ބްރޭނާ އާއި އާލިން ބްރައުޓް ހާލަންޑް ފޮނުވާލި ދެ ހަމަލާއެއް ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ މަތަކުރިއެވެ. މި މެޗުގެ 36 ވަނަ މިނެޓުގައި ރެއާލުން ލީޑްނެގީ ޕެނަލްޓީއޭރިޔާ ބޭރުން ބްރެޒިލްގެ ވިންގް، ވިނީޝަސް ޖޫނިއާ ވައްދާލި ލަނޑުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ރެއާލްގެ ފްރާންސް މިޑްފީލްޑަރު، އެޑޮއާޑޯ ކަމަވިންގާ އެވެ. މިއީ ނޮކްއައުޓް ސްޓޭޖްގައި ވިނީޝަސް ކާމިޔާބުކުރި ހަތްވަނަ ގޯލެވެ.
ދެވަނަ ހާފުގައި ރެއާލުން ޑޮމިނޭޓް ކުރަން ފެށުމުން ސިޓީއަށް މެޗުގެ ތެރެއަށް އެނބުރިއައުމަށް މަގު ހުޅުވާލައިދިނީ 67 ވަނަ މިނެޓުގައި ޑި ބްރޭނާ އެވެ. އެ ޓީމުގެ ކެޕްޓަން އިލްކާއި ގުންޑޮގާން ދިން ބޯޅައަކުން ޑި ބްރޭނާ މި ލަނޑުޖެހީ އޭރިޔާ ބޭރުން ގޯލްގެ ތިރީކަނަށް އަމާޒުކޮށް، ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
އޭގެފަހުން، މެޗުގެ ފަހުވަގުތު ކޮޅުގެ ތެރޭގައި ރެއާލް މޮޅުކޮށްދިނުމަށް ކަރީމް ބެންޒެމާ އަށް ލިބުނު ފުރުޞަތުގައި ބޮލުން ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން މޮރައެސް ހުއްޓުވިއެވެ.
މި ދެ ޓީމުގެ ދެމެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭ ސިޓީގެ ދަނޑުގައެވެ. މި މެޗުން ކޮންމެ ޓީމެއް މޮޅުވިނަމަވެސް އަނެއް ބުރުގެ ފުރުޞަތު ލިބޭނެ އެވެ.
