ދިވެހިންގެ ކެއިން ބުއިމުގެ ވައްޓަފާޅީގައި ފިޔާ އަކީ ވަރަށް އާއްމުކޮށް ވަރަށް ގިނައިން ބޭނުން ކުރެވޭ ތަރުކާރީއެކެވެ. ތަރުކާރީގެ ތެރެއިން ރޮލާ ކެވޭ ތަރުކާރީއެއް ކަމުގައި ފިޔާ ވީ ނަމަވެސް، ދިވެހިންގެ ގިނަ ކެއުންތަކުގައި ފިޔާ "މީރު" ކުރެއެވެ. މީރު ކުރުމުގެ މާނާގައި ކުރާ ކަމަކީ ތެޔޮކޮޅެއް ތެރޭގައި ޒާތަކަށް ރަތްކޮށްލަނީއެވެ.
ފިޔާ މީރު ނުކޮށް ފިޔާ ނުކެވޭނެ ހެއްޔެވެ؟ ފަހަރުގައި އަނގައަށް ނުބައި ވެފާ ކާން އުނދަގޫ ގޮތެއް ހުރެދާނެއެވެ. ނަމަވެސް ފިޔާ ކެއުން އެއްމެ ރަނގަޅީ ރޮލާ އެވެ. އަދި ހާއްސަކޮށް ތެލުލައިގެން ނުވަތަ ތެލުގައި ފިޔާ މީރުކޮށްގެން ކެއުމުން ފިޔާގައި ހުންނަ ފަދާތަކުގެ ގާތްގަނޑަކަށް %80 ގެއްލޭ ކަމަށް ދިރާސާތަކާ ހަވާލާދީ، ފަރަންސޭސި ވިލާތުގެ ކޯޑޮންބުލޫ މަޖައްލާގައި ބުނެފައިވެއެވެ. ފެނުކައްކާނަމަ، ގާތްގަނޑަކަށް %45 އޭގެ ފައިދާ ގެއްލޭ ކަމަށްވެސް އެ މަޖައްލާގައި ވެއެވެ.
އެހެން ތަރުކާރީތަކާއި ހިލާފަށް ފިޔާގެ ފައިދާ، ރޯފިލުވުމުން ގެއްލޭ ކަމަށްވެސް އެ މަޖައްލާގައި ބުނެފައި ވެއެވެ. ސަބަބަކީ ފިޔާގައި ހުންނަ ސަލްފިއުރިކް ކޮންޕޮނެންޓްސްގެ ސަބަބުންނެވެ. ރޯފިލުވުމުން ނުވަތަ ހޫނުވުމުން މި މާއްދައަށް އަންނަ ބަދަލުތަކެއްގެ ސަބަބުން އުފެދޭ އެންޒައިމްތަކެއްގެ ސަބަބުން ގިނަ ފައިދާތައް ފިޔާއިން ބޭރުކޮށްލައެވެ.
ފިޔާ އަކީ ވިޓަމިން ސީ އާއި ގިނަ އަދަދެއްގެ އެންޓިއޮކްސިޑަންޓްސް އާއި ފައިބަރާއި އަދި ފްލެވެނޮއިޑްސް އެކުލެވޭ ތަރުކާރީއެކެވެ. އަދި ސަލްފިއުރިކް ކޮންޕޮނެންޓްސް ވެސް ހިސާބަކަށް ގިނަ ތަރުކާރީއެކެވެ. ފިޔާ ކޮށާއިރު، އެ އަރާ ދިލަ ނުވަތަ އާތްވަނީ މި ސަލްފިއުރިކް ކޮންޕޮނެންޓްސް ގެ ސަބަބުން އުފެދޭ އާވިތަކެކެވެ. މިއީ އިންސާނާގެ ލޮލަށް ފަހަރުގައި ގެއްލުން ދީފާނެ މާއްދާއެއް ނަމަވެސް މިއީ ކުއުމުން ހަޖަމުގެ ނިޒާމާއި ލޭގެ ސާފުކަން އިތުރުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ.
ކަންމިހެން ހުރުމާއި އެކު، ފިޔާ މީރުކޮށްގެން ކެއުމަށްވުރެ، ނުވަތަ ރޯފިލުވައިގެން ކެއުމަށްވުރެ، ރޮލާ ކެވޭނޭ ކޮންމެވެސް ގޮތެއް އިހްތިޔާރު ކުރުން ބުއްދިވެރިއެވެ.
ހަވާލާ: ކޯޑޮންބުލޫ، ޕެރިސް، " ފައިވް ފުޑްސް ވިޗް މޭބީ ހެލްތިއަރ އީޓެން ރޯވ" - 2022
