ބަތަލާ އާދާ ޝަރުމާގެ "ދަ ކެރެލާ ސްޓޯރީ" ރިލީޒްކޮށްފައިވާއިރު، އެ ފިލްމުގައި އޭނާގެ ފެނިގެންދިޔަ ސޮލިޑް ޕާފޯމަންސަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ލޯބި ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ސުދީޕްޓޯ ސެން ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސިނަމާތަކަށް ރިލީޒް ކުރީ މެއި މަހުގެ ފަސް ވަނަ ދުވަހު އެވެ.

މިހާރުވެސް ބައެއް ސްޓޭޓްތަކުން ވަނީ މި ފިލްމު މަނާކޮށްފައެވެ. މެއި މަހުގެ 8 ވަނަ ދުވަހު ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރު މަމްތާ ބެނާޖީ ވަނީ އެ ސްޓޭޓްގައި ފިލްމު މަނާ ކުރުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ. މަނާކުރުމާއި މުޒާހަރާތަކާ ކުރިމަތިލާން ޖެހުމުގެ ތެރޭގައި، މީގެ ދުވަސްކޮޅެއް ކުރިން އާދާ ވަނީ ސޯޝަލް މީޑިއާގައި ފިލްމަށް ސަޕޯޓް ދިން ފޭނުންނަށް ޝުކުރު އަދާކޮށްފަ އެވެ. 

ޗީފް މިނިސްޓަރު މަމްތާ ބެނާޖީ އެދިވަޑައިގަތީ ބެންގާލްގައި އަމާންކަން ދެމެހެއްޓުމަށާއި އަނިޔާވެރިކަން ހުއްޓުވުމަށް ފިލްމު ދެއްކުމުގެ މަސައްކަތް ހުއްޓާލުމަށެވެ. މި ފިލްމުގެ ޕްރޮޑިއުސަރު ވިޕުލް ޝާހް އާއި ޓީމްގެ ބައެއް މެމްބަރުންނަށް މަރުގެ އިންޒާރު ލިބިފައިވާ އިރު އާދާ ވަނީ ފިލްމުގެ ސްޓިލްތައް ހިއްސާކޮށް، އެ ފިލްމު ބަލާ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. 

އޭނާ ސޯސަލް މީޑިޔާ ގައި ލިޔެފައިވަނީ "އަހަރެމެންގެ ފިލްމު ބަލަން އުޅޭ ހުރިހާ އެންމެނަށް ޝުކުރިއްޔާ، އަހަރެން ގެ ފިލްމު ޓްރެންޑް ކޮށްދިން ކަމަށްޓަކައި ޝުކުރިއްޔާ،އަހަރެންގެ ޕާފޯމަންސަށް އާންމުން ދިން ހިތްވަރުގެ ސަބަބުން ވަރަށް އުފާވޭ" ކަމަށެވެ.

އެ ޕޯސްޓް ޝެއާ ކުރުމަށް ފަހު އޭނާގެ ފޭނުން އެކަމާ ގުޅިގެން ރިއެކްޓް ކުރާތަން ފެނިފައިވެ އެވެ. ފޭނަކު ލިޔެފައިވަނީ "ގްރޭޓް ޖޮބް މެމް.... ވީ ލަވް އިޓް" ކަމަށެވެ. އަނެއް ފޭނަކު ލިޔެފައިވަނީ "ވަރަށް ޝުކުރިއްޔާ، ލޯބީގެ ޖިހާދު ފަދަ ސީރިއަސް މައުޟޫއަކަށް ފިލްމެއް ހަދައިގެން މުޅި އިންޑިއާގައި ހިންދޫ އަންހެން ކުދިން ހޭލައްވާލައި ކެރެލާގެ ހަގީގީ ހާލަތު ދައްކާލުމަށް މަސައްކަތް ކުރުމުން ވަރަށް އުފާވޭ" ކަމަށެވެ.

ކެރެލާ ސްޓޯރީ އެނބުރެނީ އިސްލާމީ ރައްޓެހިންގެ ސިކުނޑި ދޮވެ، ފަހުން އައިއެސް ޓެރަރިސްޓް އޯގަނައިޒޭޝަނަށް ފޮނުވާ ކެރެލާގެ ހިންދޫ އަންހެނުންގެ މައްޗަށެވެ. ފިލްމަށް ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިވި ނަމަވެސް ބޮކްސް އޮފީހުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އެބަދެއެވެ.

މީގެ ކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެ ފިލްމަށް ތައުރީފު ކުރައްވަމުން ގެންދަވާ މަންޒަރު ފެނިފައިވެއެވެ. އެއްވުމުގައި އޭނާ ވިދާޅުވާ އަޑު އިވިފައި ވަނީ "އެމީހުން ބުނަނީ، ދަ ކެރެލާ ސްޓޯރީ ބިނާވެފައިވަނީ އެ ރީތި ސްޓޭޓްގައި ހިނގާ ކަންތައްތަކުގެ މައްޗަށް. އެކަމަކު ކޮންގްރެސް އަށް ބަލާލަ ބަލަ. އެމީހުން ތިބީ ޓެރަރިސްޓުންނާ އެކު ތިބެގެން އެކަން މަނާ ކުރަން. ކެރެލާ ސްޓޯރީ އިން ވަނީ ކެރެލާގައި ހިންގާ ޓެރެރިޒަމް އަމަލުތައް ފަޅާ އަރުވާލައިފަ." ކަމަށެވެ.