އިންސާނާގެ ހަށިގަނޑުގައި ދައުރުވާ ލޭގެ ތެރޭގައި ލޭކޮޅެއް ގަނޑުވުމަކީ އެއީ ބައެއްފަހަރު އޭގެ ނުރައްކާ ވަރަށް ބޮޑުވެގެންދާ ކަމެކެވެ. މިގޮތަށް ލޭކޮޅެއް ގަނޑުވާއިރު، އެ ލޭކޮޅެއް ގަނޑުވަނީ އިންސާނާގެ ހަށިގަނޑުގެ އެއްމެ މުހިއްމު ގުނަވަންތައް ކަމުގައިވާ ހިތާއި ސިކުނޑިއާއި އަދި ފުއްޕާމޭގައި ނުވަތަ އެއިން ގުވަނަވަކަށް ލޭ ފޮނުވައިދޭ ލޭހޮޅިއެއްގައި ކަމުގައިވަނީނަމަ، އެއީ އިންސާނާގެ ފުރާނައަށް އޮތް ވަރަށްބޮޑު ބިރުވެރިކަމެކެވެ. 

ލޭހޮޅި ތެރޭ ލޭގަނޑުވުމުގައި ޑީޕް ވެއިން ތްރޮންބޯސިސް (ޑީވީޓީ) ނަމަކަށް ކިޔާ ހާލަތެއްވެސް އާދެއެވެ. މިއީ އިންސާނާގެ ހަށިގަނޑުގެ ތެރެއިން ފުނުގައި ނުވަތަ އެއްމެ އެތެރޭގައި ހުންނަ، ހަޑިގަނޑުން ހިތަށް ލޭފޮނުވައި ދިނުމަށް އެހީތެރިވެދޭ ވެއިންސް ނަމަކަށް ކިޔާ ލޭހޮޅިއެއްގައި ނުވަތަ ލޭހޮޅިތަކެއްގައި އުފެދޭ ގަނޑު ލޭކޮޅެކެވެ. އާއްވުކޮށް މިހެން ދިމައިވަނީ ފައިގެ ތިރީބައިގައްޔާއި ފަލަމަސްގަނޑާ ދިމާލުން ހަށިގަނޑުގެ އެތެރެއަށްވާ ހިސާބުގައެވެ. 

ޑީޕް ވެއިން ތްރޮންބޯސިސް އެއް ފައިގެ ލޭހޮޅިއެއްގައި ހުރި ނަމަވެސް، އެ ތަނަކުން އެ ގަނޑު ލޭކޮޅު ނެއްޓިގެންގޮސް ލޭހޮޅިތަކުގެ ތެރެއިން ދަތުރުކުރުމުގެ ފުރުސަތު އޮވެއެވެ. އަދި މިގޮތަށް ލޭހޮޅިތަކުގެ ތެރެއިން ދަތުރުކުރާއިރު، އިސްވެ ބަޔާން ކުރެވުނު، މުހިއްމު ގުނަވަންތަކަށް ލޭ ފޮނުވައިދޭ ލޭހޮޅިއަކަށްވެސް އެ ގަނޑު ލޭކޮޅު ގޮސްދާނެއެވެ. އެހިސާބުން އެއިން ހޭ ހޮޅިއެއް ބެދި، ނުރައްކާތެރި ހާދިސާއެއް ހިނގާފާނެއެވެ.

ފައިގެ ލޭހޮޅިއެއްގައި ލޭގަނޑު ވެއްޖެ ނަމަ ފެނިދާނޭ އަލާމާތް ތަކަކީ އެ ފައެއްގައި ރިއްސުމާއި އެކު ދުޅަވެ ހަރުވެފައި ހުރުމެވެ. އަދި ރަތްވެފައިވެސް ހުރެދާނެއެވެ. އެހިސާބެއްގައި ހޫނު ކަމެއްވެސް ހުރެދާނެއެވެ. އާއްމުކޮށް މިހާލަތު ފެންނާނީ ފައިގެ ކުޑަކަޅުވާ މަސްގަނޑުންނެވެ. ފައިގެ ފަލަމަސްގަނޑާއި ދޯނގި ދޭތެރޭގައި ހުންނަ ލޭހޮޅިތައް ފުއްޕާފައި ހުރެދާނެއެވެ. ހަރުވެ ގޮށްޖެހިފައި ހުންނަ ގޮތަކަށް ހުރެދާނެއެވެ.

ޑީޕް ވެއިން ތްރޮމްބޯސިސް އަކީ ފަރުވާތެރިވެ ރައްކާތެރިވެގެން އުޅޭނަމަ، މެދުވެރިވުން ދުރު ހާލަތެކެވެ. އެގޮތުން ގިނައިރު އިށީނދެ އަދި ކޮޅަށް ތިބޭ މީހުންނަށް މި ހާލަތު ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. އަދި ވަކިން ހާއްސަކޮށް އިށީނދެ ނުވަތަ ކޮޅަށް ތިބޭ ތިބުމުގައި ހަރަކާތްތެރިކަން ކުޑަ މީހުންނެވެ. ކަން މިހެން ހުރުމާއި އެކު، އެފަދަ ވަޒީފާތަކުގައި ތިބޭ މީހުން، އިށީނދެ ނުވަތަ ކޮޅަށް ތިބޭ ތިބުމުގައި ހަރަކާތްތެރިވެ ހެލިފެލިވުމަށް ސަމާލުކަން ދޭންވާނެއެވެ. 

ފައިގެ މަސްތައް ހަރަކާތް ނުކޮށް ގިނައިރުވުމުން، ކޮޅަށް ހުރުމުން ނުވަތަ އިށީނދެގެން އިނުމުން ފައިގެ ލޭހޮޅިތަކުން ހިތާ ދިމާލަށް ލޭ ފޮނުވުމުގައި އުނދަގޫކަމެއް ހުރެެއެވެ. އެހެނީ ދުނިޔޭގެ ބިމަށްދަމާ ބާރާއި ދެކޮޅަށް ( ތިރިން މައްޗަށް، ހިތާ ދިމާލަށް) ލޭ ފޮނުވައިދޭން ޖެހޭއިރު، ލޭ ދައުރުކުރާ ބާރުމިންވެސް މަޑުވެއެވެ. އެހެންކަމުން ފައި ނުވަތަ މީހާގެ ހަރަކާތްތެރިވުން އިތުރުވާނަމަ، ހަށިގަނޑުގެ މަސްތަކުގެ ހަރަކާތްތެރިކަންވެސް އިތުރުވާނެއެވެ. ނަތީޖާއަކަށް މި ވަނީ އެ މަސްތަކާއި އިންވެގެން ހުންނަ ލޭހޮޅިތަކުގެ ހަރަކާތްތެރިކަން އިތުރުވުމެވެ. ޖުމުލަ ނަތީޖާއަކީ ލޭދައުރުވުން ފަހިވުމެވެ.

މިގޮތަށް ލޭދައުރުވުން ފަހިވާނަމަ، ލޭ ގަނޑުވުމުން ދުރުވާނެއެވެ. އެހެންކަމުން ގިނައިރު އިށީނދެ ތިބޭ މީހުންނާއި ކޮޅަށް ތިބެން ޖެހޭ މީހުން، ހެލިފެލިވެ ހަރަކާތްތެރިވާން ވާނެއެވެ. އިށީނދެ ތިބޭ ވަގުތުގައްޔާއި ކޮޅަށް ހުންނަ ވަގުތުތަކުގައެވެ. މިގޮތަށް ހަރަކާތްތެރިވުމުން، ޑީޕް ވެއިން ތްރޮންބޯސިސް އޭ މިކިޔާ ހާލަތާ ދުރުވެވޭނެއެވެ.