ހައިޕަރޓެންޝަން ނުވަތަ ލޭމައްޗަށް ދިއުން ފަދަ ކަންކަމަކީ 'ހިމޭން ބަލިމަޑުކަމެއް' ކަމަށް ބުނެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގުނާ ނުލެވޭ ވަރަށް ގިނަ ބަޔަކަށް އަސަރު ކުރަމުން އަންނަ ކަމެކެވެ. ރާއްޖޭގައިވެސް ގިނައަދަދެއްގެ މީހުން މި ބައްޔާއެކު ދިރިއުޅެމުން އެބަދެއެވެ. މި ބައްޔަށް އަސަރުކުރާ އެތައް ކަމެއްގެ ތެރެއިން އެއް ކަމަކީ އަޅުގަނޑުމެން ދިރިއުޅުމުގެ އާދަތަކާއި ކެއުމުގެ އުސޫލެވެ. ލޭގެ ޕްރެޝަރާއި ހިތުގެ ސިއްހަތު ފަސޭހަކަމާއެކު ދެމެހެއްޓޭނީ އަހަރެމެންގެ ދުވަހުގެ ކެއުމުގައި  ރަނގަޅު ބާވަތުގެ ކާނާއާއި ބުއިންތައް ހިމަނައިގެންނެވެ. ގިނަ ފަހަރަށް މީހުން ސުވާލު އުފައްދަނީ ހައިޕަރޓެންޝަން މެނޭޖްކުރުމަށާއި ހިތުގެ ސިއްހަތު ރަނގަޅު ކުރުމަށް ކޮފީ ނުވަތަ ގްރީން ޓީ އަކީ  އެކަށީގެންވާ އެއްޗެއް ހެއްޔެވެ؟ ދާދިފަހުން ކުރެވުނު ދިރާސާއަކުން މި ސުވާލުގެ ބައެއް ޖަވާބުތައް ލިބިފައިވެއެވެ.

ޖަޕާން ކޮލަބަރޭޓިވް ކޯހޯޓް ސްޓަޑީ ފޯ އިވެލުއޭޝަން އޮފް ކެންސަރ ރިސްކް (ޖޭއޭސީސީ) އިން ކުރިއަށް ގެންދިޔަ މި ދިރާސާއަކީ ޖާނަލް އޮފް ދަ އެމެރިކަން ހާޓް އެސޯސިއޭޝަން (ޖޭއޭއެޗްއޭ) ގައި ޝާއިއުކޮށްފައިވާ ދިރާސާއެކެވެ. 12 އަހަރުގެ މުއްދަތެއްގެ ތެރޭގައި ކުރިއަށް ގެންދިޔަ މި ދިރާސާގައި ގާތްގަނޑަކަށް 18 ހާސް ބައިވެރިން ބައިވެރިވި އެވެ. މި ދިރާސާގެ ބޭނުމަކީ ބައިވެރިޔާގެ ކޮފީ އާއި ގްރީން ޓީ ބުއިމުގެ އާދަތަކުގެ ސަބަބުން ލޭގެ ޕްރެޝަރާއި ހިތުގެ ސިއްހަތަށް އަސަރުކުރާ ގޮތް ބެލުމެވެ.

ދިރާސާވެރިން ފާހަގަކޮށްފައިވާ ގޮތުގައި ކޮފީގައި 95 އާއި 200 މިލިގްރާމްގެ ކެފެއިން ހިމެނޭއިރު ގްރީން ޓީގައި 35 މިލިގްރާމް ކެފެއިން ހިމެނެއެވެ. މިގޮތުން އެއްތަށި ކޮފީގައި ގްރީން ޓީއަށްވުރެ ގާތްގަނޑަކަށް ތިންގުނަ ކެފެއިން ހުރެއެވެ. މި ދިރާސާއިން ދައްކާ ގޮތުގައި ކޮފީ އާއި ގްރީން ޓީ އަކީ ހައިޕަރޓެންޝަން އާއި ހިތުގެ ސިއްހަތަށް ފައިދާހުރި އެއްޗެއްތޯ ނުވަތަ ނޫންތޯ ސާބިތުވެފައިވެ އެވެ.

ކޮފީ ބުއިމަކީ ހަގީގަތުގައި ލޭމައްޗަށް ދިއުން ހުންނަ މީހުންނަށް ގެއްލުން ހުރި ކަމެއްކަން ސާބިތުވި އެވެ. މިގޮތުން ގްރީން ޓީ އަކީ ހިތުގެ ސިއްހަތު ރަނގަޅު ކުރުމަށް އެންމެ ރަނގަޅު ބުއިމެވެ. މިއީ ކެފެއިންގެ ގެއްލުންތަކަށްވުރެ ބޮޑަށް މި ބުއިންގައި ހިމެނޭ ޕޮލިފެނޯލްސްގެ ސަބަބުންނެވެ.ޕޮލިފެނޯލްސް އަކީ އެންޓިއޮކްސިޑެންޓްސް ގެ ނަމުން ނަންދެވިފައިވާ ވިޓަމިން ސީ، ވިޓަމިން އީ އަދި ކެރޮޓީނޮއިޑްސް ފަދަ ޑައިޓުގައި ހިމެނޭ އެހެން ރިޑަކްޝަން އެޖެންޓްތަކާއެކު ހަށިގަނޑުގެ ޓިޝޫތައް އޮކްސިޑޭޓިވް ސްޓްރެސް އާއި ކެންސަރާއި ކޮރޮނަރީ ހާޓް ޑިޒީޒް އަދި އިންފްލެމޭޝަން ފަދަ ގުޅުންހުރި ޕެތޮލޮޖީތަކުން ރައްކާތެރިކޮށްދޭ މާއްދާއެކެވެ.

ގްރީން ޓީ އަކީ ގިނަގުނަ ފައިދާތަކެއް ލިބޭ ސިއްހަތަށް ފައިދާހުރި އެއްޗެއްގެ ގޮތުގައި ތަކުރާރުކޮށް ސާބިތުވެފައިވާ ބާވަތެކެވެ. ގްރީން ޓީގެ ސަބަބުން ހައިޕަރޓެންޝަނަށް ކުރާ އަސަރާ ބެހޭ ގޮތުން ދިރާސާއިން ހޯދި ހޯދުންތަކުގެ އިތުރުން ގްރީން ޓީ އިން ލިބޭ ސިއްހީ ފައިދާތައް ގިނަ އެވެ.

ގްރީން ޓީ އަކީ ދިފާއީ ނިޒާމް ބާރުގަދަކޮށްދިނުމަށް  އެހީތެރިވެދޭ އެއްޗެކެވެ. ގްރީން ޓީ އަކީ ހުން، ރޯގާ އަދި ކެއްސުން ފަދަ ކަންކަމުން ރައްކާތެރިކޮށްދޭ އެންޓިއޮކްސިޑެންޓްސް ގިނަ އެއްޗެކެވެ. މިގޮތުން ކަރުތެރެ ރިއްސާ ކޮންމެ ފަހަރަކު ހޫނުކޮށްލުމަށް ގްރީންޓީ ބޯށެވެ.

ގްރީން ޓީގައި ހިމެނޭ ކެޓެޗިން ކޮމްޕައުންޑްތަކުގެ ސަބަބުން ނާރުތަކުގެ ސިއްހަތަށް ހެޔޮ އަސަރުތަކެއް ކޮށްފާނެ ކަމަށް ތަޖުރިބާކާރުން ފާހަގަކޮށްފައިވެ އެވެ. އަދި ސިކުނޑި މުސްކުޅިވުން ލަސްކުރުމަށް ނުވަތަ ފަހަތަށް ޖައްސާލުމަށް އެހީތެރިވެދެވިއެވެ.

ގްރީން ޓީ އަކީ ބަރުދަން ލުއިކުރުމަށް ބޭނުންކުރާ އަޖައިބު ކުރުވަނިވި ބުއިމެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މިއީ ހަޖަމުކުރުން އިތުރުކޮށްދޭ އެއްޗަކަށް ވާއިރު، ސަރުބީ އަންދާލުމަށް ވެސް ބޭނުންކުރާ އެއްޗެކެވެ.

މިއީ ގިނަ ބަޔަކަށް ނޭނގޭ ގްރީން ޓީ އިން ލިބޭ ހައިރާން ކުރުވަނިވި އެއް ފައިދާ އެވެ. ގްރީން ޓީ އިން ހަގީގަތުގައި އަނގައިގެ ސިއްހަތަށް ހެޔޮ އަސަރުތަކެއް ކުރެއެވެ.އެއީ ބެކްޓީރިއާ ބޮޑުވުން ހުއްޓުވާ މާއްދާއެއް އެކުލެވޭއެއްޗަކަށް ވާތީ އަނގައިގައި އުފެދޭ ނުބައިވަސް ނައްތާލައެވެ.