އިނގިރޭސި ޕްރިމިއާ ލީގުގެ ތަށްޓަށް ވާދަކުރަމުން އަންނަ އާސެނަލްގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ވިލިއަމް ސަލީބާ އާއި އޮލެގްޒެންޑާ ޒިންޗެންކޯ އަށް އަނިޔާގެ ސަބަބުން މި ސީޒަނުގައި ބާކީ އޮތް ބައިގައި ދެން ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.
2004 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމަށް އާސެނަލް އިން ކުރަމުން އަންނަ މަސައްކަތުގައި މިހާތަނަށްއައިއިރު އެ ޓީމުގެ ޑިފެންސްލައިންގައި މި ދެ ކުޅުންތެރިން ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ސަލީބާ، 22، އަށް އަނިޔާވީ މިދިޔަ މާރިޗް މަހުގައި ޔުރޮޕާ ލީގުގެ ގަދަ 16 ގެ ބުރުގައި އަމިއްލަ ދަނޑުގައި ސްޕޯޓިން ލިޒްބަން އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި މެޗުގައެވެ. އެ މެޗުގެ ކުރީކޮޅު ސަލީބާގެ ބުރަކަށްޓަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކޮށްފައިވާއިރު، އެ ޓީމު އެންމެ ފަހުން ކުޅުނު 8 މެޗުގައި ވެސް އޭނާ ކުޅެފައެއްނުވެއެވެ. ޒިންޗެންކޯ އަށް އަނިޔާވީ ލީގުގައި މިދިޔަ އާދީއްތަ ދުވަހު ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވި މެޗުގައެވެ.
މި ދެ ކުޅުންތެރިންނަށް ލިބިފައިވާ އަނިޔާގެ ސީރިއަސް ކަމުން މި ސީޒަނުގައި ދެން ކުޅުމަށް އެނބުރި ނާދެވުނު ނަމަވެސް، ދެ ކުޅުންތެރިން ވެސް އޮޕަރޭޝަން ކުރަން ނުޖެހޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ސީޒަނުގެ ބާކީ އޮތް ބައިގައި ޒިންޗެންކޯގެ ބަދަލުގައި އާސެނަލްގެ ޑިފެންސުން ފެނިގެންދާނީ، ނިއުކާސަލް މެޗުގެ ދެވަނަ ހާފުގައި ކުޅެން ނިކުތް ސްކޮޓްލެންޑްގެ ފުލްބެކް ކިއެރަން ޓިއާނީ އެވެ. ސަލީބާ އަށް އަނިޔާވި ފަހުން، އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ ވަނީ ސެންޓްރަލް ޑިފެންސްގައި ގިނަ މެޗުތަކެއްގައި ގެބްރިއަލް މަގަލޭޝް އާއެކު ރޮބް ހޯލްޑިން ބޭނުންކޮށްފައެވެ. ނަމަވެސް، އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުގައި އެ މަގާމަށް ކުޅެފައިވަނީ ޕޮލެންޑްގެ ޑިފެންޑަރު، ޖަކޫބް ކިވިއޯ އެވެ.
ލީގުގައި އާސެނަލަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ފަށާނީ ރާއްޖޭ ގަޑިން ރޭގަނޑު 8:30 ގައެވެ.
