ތަނެއް ހަމަ ކަނޑައިގެން ދާއިރަށް، ނުވަތަ މަށައިގެން ދާއިރަށް ނުވަތަ އެނޫންވެސް ގޮތަކުން ފާރުކޮޅެއް ހެދިއްޖެނަމަ، ޑަކްޓަރު ޓަޓްނަސް އިންޖެކްޝަނެއް ޖެހުމަށް އިރުޝާދު ދެއެވެ. މިއީ ބައެއްމީހުން އެހާ ގަޔާވާ ކަމަކަަށް ނުވެއެވެ. ފަހަރުގައި އެހެންވެސް ވެދާނެއެވެ. ފައިގެ ބޮޑުވައި އިނގިލި ކަނޑައިގެން ދިއުމުން އަތުގެ ކޮނޑުހުޅުންތިރީގައި އޮންނަ މަސްގަނޑަށް އިންޖެކްޝަނެއް ޖެހުމުގެ ބޭނުން، ފަހަރުގައި އޮޅިދާނެއެވެ. ފަހުމު ނުވެދާނެއެވެ.
ޓަޓްނަހަކީ ބައްޔެކެވެ. ދިވެހިން މިއަށް އިދިފުށަށް ދަމާ ބައްޔޭ ކިޔައެވެ. މިއީ ބެކްޓީރިއަމް ކޮލޮސްޓްރިޑިއަމް ޓެޓަނީ ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. މާހައުލު ތެރޭގައި، ވެލިގަނޑުގެ ތެރޭގައި އަދި ނުސާފު ދަގަނޑާ އެނޫންވެސް މައުދަންތަކުގައި އަދި ނުސާފު ކޮންމެ މާހައުލެއްގައި މި ޖަރާސީމު ހުރުމުގެ ފުރުސަތު އޮވެއެވެ. މިއީ ހަމައެކަނި ދަގަނޑުގައި ހުންނަ ޖަރާސީމެއް ނޫނެވެ.
ހަށިގަނޑުގައި ހެދޭ ފުން، ނުވަތަ ބޮޑެތި ފާރުކޮޅުތަކަކީ ސީދާ އިންސާނާގެ ހަށިގަނޑުގެ ކުދި ކުދި ލޭހޮޅިތަކާއި ގުޅިފައި ހުންނަ ފާރުކޮޅުތަކެވެ. މާހައުލުގެ ތެރެއިން ލިބޭ އަނިޔާތަކުގައި އުފެދޭ މިފަދަ ފާރުކޮޅުތަކުގެ ސަަބަބުން، ހަށިގަނޑުގެ ލޭ ދައުރުކުރާ ނިޒާމުގެ ތެރެއަށް އެކިކަހަލަ ހަތާތަކަށް ވަނުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން މާހައުލުގެ ތެރެއިން، އިންސާނާގެ ހަށިގަނޑުގެ ތަނެއް ފާރުވެދާއިރު، އެ މާހައުލެއްގައި ހުންނަ ޖަރާސީމެއް އެ ފާރުކޮޅެއްގައި ނުވަތަ ފާރުގަނޑެއްގައި އަށަގަނެފައި ހުރެއެވެ.
އުފެދޭ އެ ފާރުކޮޅު ރަނގަޅަށް ސާފު ނުކުރެވުމާއި، ފަރުވާކުރުން ލަސްވުމާއި މިފަދަ ކަންކަމުގެ ސަބަބުން އެ ފާރުކޮޅުގައި އެ އަށަގަތް ޖަރާސީމެއް، އެތަނަކަށް ގަދަވާން ފަށައެވެ. ފާރުކޮޅުތަކުގައި ދޮސްލުމާއި، ފަސޭހަ ނުވުމާއި، ނުބައިވުން ފަދަ ކަންކަން ހިނގަނީ ކޮންމެވެސް ޖަރާސީމެއްގެ ސަބަބުންނެވެ. އަދި މީހާ ހުން އައުންފަދަ ކަންކަން މެދުވެރިވަނީ، އެ ފާރުގަނޑުގެ ކައިރީގައިވާ ކުދި ލޭ ހޮޅިތަކުން އެއްކަލަ ޖަރާސީމުތައް ލޭގެ ތެރެއަށް ނަގާތީއެވެ.
މިގޮތަށް ފާރުކޮޅުތަކުން ލޭގެ ތެރެއަށް ގޮސްދާނެ އެއްމެ ނުރައްކާތެރި އެއް ޖަރާސީމަކީ ޓަޓްނަސް ޖައްސާ ޖަރާސީމެވެ. ޓަޓްނަހަކީ ޓަޓްނަސް ޖައްސާ ޖަރާސީމު ލޭގެ ތެރެއަށް ވަދެ، ލޭގެ ތެރޭގައި އުފައްދާ ވިހަ އަކުން މެދެވެރިވާ ކަންތައްތަކަކުން އުފެދޭ ހާލަތްތަކަކަށް ޖުމުލަކޮށް ނިސްބަތް ކުރެވޭ ބަލީގެ ނަމެވެ. މި ވިހަތައް ލޭގެ ތެރޭގައި ގިނަ ވުމުން، ފާރުކޮޅު ފަސޭހަވާން އުނދަގޫވެ، ލަސްވެއެވެ. އަދި މި ވަހައިގެ ސަބަބުން ފުރާނައަށް ނުރައްކާވަނީ، އެ ވިހަތަކުގެ ސަބަބުން މައިބަދައިގެ ތެރެއިން ސިކުނޑިއާއި ގުޅިފައި ހުންނަ ހިއްސީ ނާރުތަކަށް އަސަރު ކުރާތީއެވެ. މި ވިހައިގެ ސަބަބުން މި ނާރުތަކަށް އަސަރު ކުރުމުން، މި ނާރުތަކުން އުފައްދައިދޭ މެސެޖުތަކަށް ބުރު އަރާ، ނުބައި މެސެޖުތަކެއް އުފެދެން ފަށައެވެ. ނަތީޖާއަކަށް ވަނީ އިންސާނާގެ ހަށިގަނޑުގެ ކިޔަމަންކުރުމުގެ ބާރު އިންސާނާއަށް ގެއްލިގެން ދިއުމެވެ. އެނގުމަކާއި ނުލާ ގަސްތަކާއި ނުލާ ހިނގާ ހަރަކާތްތަކެއް ހިނގުމެވެ. ހަށިގަނޑުގެ ހުރިހާ މަސްތަަކެއް ހަރުވެ ކުރުގެޅުމެވެ. މިކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވަނީ އިންސާނާގެ ނޭވާ ހާސް ކުރުވާ ނޭވާލާން އުނދަގޫކުރުވާތީއެވެ. މިގޮތަށް މަސްތައް ހަރުވެ ކުރުގެޅޭ އިރު، އިންސާނާއަށް އެ އަންނަ ބަދަކުތަކަށް ނިސްބަތްކޮށް، އިދިފުށަށް ދަމާ ބައްޔޭ، މި ބައްޔަށް ކިޔާ އުޅެއެވެ.
މި ބަލިން ރައްކާތެރިވުމަށް އޮތް އެއްމެ އަސާސީ ފަރުވާ އަކީ ޓަޓްނަސް އިންޖެކްޝަން ނުވަތަ ވެކްސިން ޖެހުމެވެ. މި ވެކްސިން ގެ ސަބަބުން، ލޭގެ ތެރެއަށް ޓަޓްނަސް ޖައްސާ ޖަރާސީމު ވަނެއް ކަމަކު، އޭގެ ބާރު ނެތިކޮށްލާ، އެ ޖަރާސީމު މަރާލުމުގެ ކުޅަދާނަކަން ދިފާއީ ނިޒާމަށް ލިބިގެން ދެއެވެ. މަސްގަނޑަށް ޖަހާ މި އިންޖެކްޝަނުގެ ސަބަބުން، ލޭގެ ތެރެއަށް މަޑު މަޑުން އެ އިންޖެކްޝަނުގެ އަސަރު ކުރަން ފަށާނެއެވެ. އަދި ދައުރުވާ ލެއާއި އެކު، އެ އިންޖެކްޝަނުގެ މާއްދާތައް ލޭގެ ތެރޭގައި ދައުރުވާނެއެވެ. މިއީ މާހައުލުގެ ތެރޭގައި ހުންނަ ޖަރާސީމެއް ކަމުން، ހަމަ ގިނަ ފާރުކޮޅުތަކަށް ނުވަތަ ފާރުގަނޑުތަކަށް ފަރުވާކުރުމުގައި ޑަކްޓަރު، ޓަޓްނަސް އިންޖެކްޝަން ބޭނުން ކޮށްފާނެއެވެ. އެއީ ހައްތަހާވެސް ބަލި މީހާގެ ރައްކާތެރިކަމަށް ޑަކްޓަރުން ދޭ އިރުޝާދެކެވެ. ނުވަތަ ދޭ ފަރުވާ އެކެވެ.
