ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާ ގުޅިގެން އިންތިޒާމްކޮށްގެން ބާއްވާ ކެރަމް ބޭސިކް އަމްޕަޔަރުންގެ ކޯސް ފަށައިފިއެވެ.
މި މަހުގެ 12 އިން 16 އަށް ހެންވޭރު ބޯޅަގޭގައި ހުންނަ ސެމިނާ ހޯލްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބޭސިކް އަމްޕަޔަރުންގެ ކޯހުގައި 26 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެއެވެ.

މި ކޯހުގެ ބައިވެރިންނަށް ކިޔަވައިދިނުމުގައި ހަރަކާތްތެރިވަނީ އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް)ގެ ސާޓިފައިޑް އަމްޕަޔަރުން ކަމަށްވާ އަލީ މާހިރު އާއި މުހައްމަދު ވަހީދު އެވެ. އަދި މި ކޯހުގައި ކިޔަވައިދޭ މޮޑިއުލްތަކުގެ ތެރޭގައި، "ލޯސް އޮފް ކެރަމް" އާއި ކެރަމްގެ ތިއަރީ އަދި ޕްރެކްޓިކަލް ބައި ހިމެނެއެވެ.
ސީއޭއެމް އިން ބުނީ، ބޭސިކް އަމްޕަޔަރުންގެ ކޯހެއް ހިންގުމުގެ މައިގަނޑު ބޭނުމަކީ، އިންޓަނޭޝަނަލް ސާޓިފައިޑް އަމްޕަޔަރުން ރާއްޖޭގައި ބޭތިއްބުން ކަމަށާއި، އެ އެސޯސިއޭޝަންގެ އަމާޒަކީ މިހާރަށްވުރެ ގިނައިން އިންޓަނޭޝަނަލް އެކި މުބާރާތްތަކުގައި ރާއްޖޭގެ އަމްޕަޔަރުންނަށް އިންސާފުކުރުމުގެ ފުރުޞަތު ލިބިގެންދިއުން ކަމަށެވެ.

އެގޮތުން، އެންމެ ފަހުގެ ކެރަމް ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖޭގެ ހަތަރު އަމްޕަޔަރުން އިންސާފުކޮށްފައިވާކަން ސީއޭއެމް އިން ފާހަގަކުރިއެވެ. އެ މުބާރާތުގައި އިންސާފުކުރި ރާއްޖޭގެ އަމްޕަޔަރުންނަކީ؛ މުޙައްމަދު އަލޫފް، ހައިޝަމް މުޙައްމަދު އާއި އާމިނަތު ޒައިނަތު އާޒިމް އަދި މުޙައްމަދު ނާއިމް ނާހިދު ހަސަން އެވެ.
ކެރަމް އެސޯސިއޭޝަނުން ދެކެނީ އަމްޕަޔަރުންނަކީ މުހިއްމު އެސެޓެއްގެ ގޮތުގައި ކަމަށާއި، އެ އެސޯސިއޭޝަނުން ބާއްވާ އެކި މުބާރާތްތައް ކުރިއަށްގެންދިއުމުގައި ބައިވެރިވާ އެންމެ މުހިއްމު އެއް ބަޔަކީ އަމްޕަޔަރުން ކަމަށް ވެސް ފާހަގަކުރިއެވެ.

ސީއޭއެމް އިން އިތުރަށް ބުނީ، ކުރިއަށް އޮތް ތާނގާއި އެޑްވާންސް އަމްޕަޔަރުންގެ ކޯހަކާއި، ނޭޝަނަލް އަދި އިންޓަނޭޝަނަލް އަމްޕަޔަރުންގެ ކޯހެއް ބާއްވާނެ ކަމަށެވެ.
ނިންމާލަމުން ކެރަމް އެސޯސިއޭޝަނުން ވަނީ، މިހާރު ކުރިއަށްގެންދާ ބޭސިކް އަމްޕަޔަރުންގެ ކޯސް ބޭއްވުމުގައި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް (އެމްއެންއައިއެސް) އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށް ބުނެފައެވެ.
