އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކަށްފަހު މެންޗެސްޓާ ޔުނައިޓެޑުން ގަދަ ހަތަރެއްގެ އުއްމީދު އާކުރިއިރު ފުލަމް އަތުން ބަލިވެ، ސައުތެމްޓަން ރެލިގޭޓްވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ވުލްވްސް އަތުން 2-0 އިން ޔުނައިޓެޑް މޮޅުވިއިރު، ސައުތެމްޓަންގެ ދަނޑުގައި ފުލަމް އަތުން އެ ޓީމު ބަލިވީ 2-0 އިންނެވެ.
މިއީ ލީގުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. މީގެކުރީން، އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗަކީ ރަށުން ބޭރުގައި ބްރައިޓަން އާއި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުތަކެވެ. މި ދެ މެޗުން ވެސް ޔުނައިޓެޑް ބަލިވީ 1-0 އިންނެވެ.
މިރޭގެ ނަތީޖާއާއެކު ޔުނައިޓެޑުން ވަނީ ތާވަލްގެ ތިންވަނައިގައި އުޅޭ ނިއުކާސަލްއާ އެއްވަރަށް 35 މެޗުން 66 ޕޮއިންޓް ހަމަކޮށްފައެވެ. ނިއުކާސަލް އަށް ތިންވަނަ ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. މި ދެ ޓީމާ އެންމެ ގާތުން ގަދަ ހަތަރެއްގެ ރޭހުގައި ވާދަކުރާ ލިވަޕޫލް އޮތީ 35 މެޗުން ލިބުނު 62 ޕޮއިންޓާއެކު ފަސްވަނައިގައެވެ.
ރެލިގޭޝަން ޒޯންގައި ހިމެނޭ ޓީމުތަކަށް ބަލާއިރު، މިހާތަނަށް ކުޅުނު 36 މެޗުން ލިބުނު 24 ޕޮއިންޓާއެކު ސައުތެމްޓަން އޮތީ އެންމެ ފުލުގައެވެ. އެ ޓީމާ ދެން އެންމެ ކައިރީގައި އޮތް ލެސްޓާ ސިޓީ އަށް 35 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ކުރީގައި ލީޑްސް އޮތީ 18 ވަނައިގައެވެ.
ޔުނައިޓެޑުން މިރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން މާކަސް ރަޝްފޯޑަށް ނުކުޅެވުނުއިރު އެ ޓީމުގެ ޑިފެންސްލައިންގައި ހިމެނޭ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ ރަފައެލް ވަރާން އަނިޔާއިން ރަނގަޅުވެ، ކުޅުމަށް އެނބުރިއައިސް ފުރަތަމަ އެގާރައިގައި ހިމެނިފައިވުމަކީ ކޯޗު އެރިކް ޓެން ހާގަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.
އޯލްޑް ޓްރެފޯޑްގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ޔުނައިޓެޑުން ލީޑްނެގީ އެންތަނީ މާޝިއަލް ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ބްރެޒިލް ވިންގް، އެންތަނީ ދިން ބޯޅައަކުން މާޝިއަލް ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގައި ޔުނައިޓެޑްގެ ލީޑް ފުޅާކޮށްދޭން އެންތަނީ އަށް ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. މި މެޗުގައި ޔުނައިޓެޑުން ޖެހި ދެވަނަ ލަނޑު، އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ އަލެހަންދްރޯ ގާނާޗޯ އެވެ. މި ބޯޅަ ހުއްޓުވަން ވުލްވްސްގެ ގޯލްކީޕަރު ޑޭން ބެންޓްލީ އަށް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ. މުޅި މެޗުގައި ވެސް ވުލްވްސް އަށް ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއްނުވެއެވެ.
ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ފުލަމް އަތުން ސައުތެމްޓަން ބަލިވި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ފުލަމް އިން ލީޑްނެގީ ކާލޯސް ވިނީޝިއަސް ޖެހި ގޯލުންނެވެ. އޭގެފަހުން، މެޗުގެ 72 ވަނަ މިނެޓުގައި ފުލަމް އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ސާބިއާގެ ފޯވާޑް، އަލެކްސެންޑާ މިޓްރޮވިޗް އެވެ. މިއީ ސަސްޕެންޝަނަށް ފަހު ކުޅުމަށް އެނބުރިއައިސް އޭނާ ކުޅުނު ފުރަތަމަ މެޗެވެ.
މި މުބާރާތުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ލީޑްސް ޔުނައިޓެޑްގެ ދަނޑުގައި 2-2 އިން ނިއުކާސަލްއާ އެއްވަރުވިއިރު، ޗެލްސީގެ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ވެސް ހަމަ އެ ނަތީޖާއިންނެވެ. އެސްޓަން ވިލާ އިން އަމިއްލަ ދަނޑުގައި 2-1 އިން ޓޮޓެންހަމް ހޮޓްސްޕާ ބަލިކުރިއިރު، ބޯންމައުތު އަތުން ކްރިސްޓަލް ޕެލަސް މޮޅުވީ 2-0 އިންނެވެ.
