ކަރަލާއި ލުނބޮލަކީ ދިވެހިންނަށް ވަރަށް ކަމުދާ ދެ މޭވާއެވެ. ލުނބޯ އާއްމުކޮށް ބޭނުން ކުރަނީ ކާއެއްޗެހި ތައްޔާރު ކުރުމުގައެވެ. ކަރާ ރޮލާވެސް ކާއިރު، ފަނި ގިރައިގެންވެސް ބޭނުން ކުރެވެއެވެ.
ވޯޓަރމެލަން ލެމަނާޑް އަކީ ކަރަލާއި ލުނބޮލުން ތައްޔާރުކޮށްލެވޭ މީރު ބުއިމެކެވެ. މިއީ ހޫނު ގަދަ ދުވަސްތަކުގައި މީހާގެ ހަށިގަނޑު ތާޒާކޮށްދީ ހަށިގަނޑު ފިނިކޮށްދީ، ހަށިގަނޑުގައި ފެން ހިފަހައްޓައި ދިނުމަށް ވަރަށްވެސް އަދި އަދި މީރު ބުއިމެކެވެ. ތައްޔާރުކޮށްލަންވެސް ފަސޭހަ މި ބުއިމަކީ އަމިއްލަ ގޭގައިވެސް ތައްޔާރުކޮށްލެވިދާނެ ބުއިމެކެވެ.
މި ބުއިން ތައްޔާރު ކުރުމަށް ބޭނުންވާނީ އޮށް ނަގާފައިވާ ކަރާ ކޮޅަކާއި ލުނބޯ ކޮޅެކެވެ. ރަހަ ހެޔޮވަރު ވާ ވަރަށް ކަރަލާއި ލުނބޯ މިކްސްޗަރަކަށް އެޅުމަށްފަހު، ރަނގަޅަށް އޮލަކޮށް ގިރާލާނީއެވެ. ކަރާވެސް ތޮށި މަށާފާ އަޅާ އިރު، ލުނބޯވެސް ރަނގަޅީ ތޮށި މަށާފާ އެޅުމެވެ. އެއީ އުފެދިދާނޭ ހިތި ރަހައަކުން ދުރުވުމަށެވެ.
މިގޮތަށް އޮލަކޮށް ގިރާލުމަށްފަހު ތަށްޓަކަށް އަޅާލާށެވެ. އެއަށްފަހު ބޮވޭ ވަރަށް ދިޔާކޮށްލަން ފެންފޮދެއް އަޅާލާށެވެ. މިގޮތަށް ފެން އަޅާއިރު، ފިނި ފެންފޮދެއް، އައިސް ކިއުބު ތަކަކާއި އެކު އަޅާލާނަމަ، މީގެ ފިނިކަން ހެޔޮވަރު ވެދެއެވެ. ދެން އެމީހަކު ބޭނުން ގޮތަކަށް އޭގައި ފޮނި ރަހަ ލެއްވިދާނެއެވެ. އެއްބަޔަކު އެއްގޮތަކަށްވެސް ފޮނިރަހަ ނުލައްވާވެސް ބޭނުން ކުރެއެވެ. ހަކުރު އަޅައިގެން އެއްބަޔަކު މި ބުއިމުގައި ފޮނިރަހަ ހެޔޮ ކުރާއިރު، އަނެއްބަޔަކު އަޅަނީ މާމުޔެވެ.
ކޮންމެ ގޮތަކަށްވެސް ތައްޔާރުކޮށްލެވޭ މި ބުއިމަކީ، ގޭގައި ފަސޭހައިން ތައްޔާރުކޮށްލެވޭ ބުއިމެކެވެ. ބޭނުން ކުރާނޭ ކަރަލާއި ލުނބޮލުގެ މިންވަރު ބަޔާން ނުކުރީ، އެކި ލުނބޮލުގައި ހުތުގެ ރަހަ އެކި މިންވަރަށް ހުރުމާއި، އެއްބަޔަކު މާ ހުތްކޮށް އަދި އަނެއްބަޔަކު އެހާ ހުތް ގަދަ ނޫން ގޮތަކަށް ވޯޓަރމެލަން ލެމަނާޑް ބޯން ބޭނުން ވާނެތީއެވެ.
