ރީތި ހުދު ދަތްޕިލައެއް ލިބުމަކީ ކޮންމެ މީހަކުވެސް ނުހަނު އެދޭނެ އަދި އެކަމަކަށް ބޮޑެތި ހޭދަތައް ކުރަމުން އަންނަ ކަމެކެވެ. ބައެއްމީހުން ދަތްތައް ހުދުކުރުމަށްޓަކައި ޚާއްސަ ދަތްއުނގުޅާބޭހާއި، ޖެލްއާއި ބައެއް ވައްތަރުގެ ޗުއިންގަމްވެސް ކައިއުޅެއެވެ. މާބޮޑު މަސައްކަތެއް ނުކޮށް ޤުދުރަތީގޮތުން މިފަދަ ދަތްޕިލައެއް ލިބުމަކީ ލިބޭ ފަޚުރެކެވެ. މިއާޚިލާފަށް ހުދުކަން ކުޑަ ދަތްތައް ހުރުމަކީ މީހުންނަށް ބަލައިގަންނަން އެހާ ފަސޭހަކަމެއް ނޫނެވެ. ކިތަންމެ ވަރަކަށް ސާފުކޮށް ހުއްޓަސް ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި އެފަދަ ދަތްޕިލަ ހުންނަ މީހުންނަކީ ސާފުތާހިރުކަން ކުޑަ ބައެކެވެ. ނަމަވެސް މިދެންނެވުނު ހުދުކަން ކުޑަ ދަތްތައް ހުންނަ މީހުނަށް އުފާވެރި ޙަބަރެއް އެބައޮތެވެ. އެއީ ހުދުދަތްތަކަށްވުރެ ހުދުކަން ކުޑަ ދަތްތައް މާބޮޑަށްވެސް ވަރުގަދަވެފައި ސިއްޙަތު ރަނގަޅު ކަމެވެ.
ކޮންމެގޮތެއްވިޔަސް މިކަމަކީ ބައެއްމީހުނަށް ޤަބޫލުކުރަންދަތި ކަމަކަށް ވެދާނެއެވެ. ދުބާއީގެ ބެވަރލީ ހިލްސްގެ މަޝްހޫރު ކޮސްމެޓިކް ޑެންޓިސްޓެއް ކަމަށްވާ ކެވިން ސޭންޑްސް ބުނާ ގޮތުގައި ޤުދުރަތީގޮތުން ބައެއް މީހުންގެ ދަތްޕިލަ އުފެދިފައި ހުންނަ ގޮތުން (އެނަމަލް) ނުވަތަ ދަތުގެ ބޭރު ފަށަލަ ނޫ-ހުދު ކުލައެއްގައި ހުރެއެވެ. ނަމަވެސް ދަތުގެ ބުޑު ހުންނާނީ ރީނދޫ ކުލައިގައެވެ. އެހެންކަމުން ބައެއް މީހުންގެ ދަތްތައް މަޑު އަޅިކުލަ އަދި މަޑު ރީނދޫކުލައިގައި ހުރެއެވެ. މިގޮތަށް ގުދުރަތީގޮތުން މަޑުރީނދޫ ކުލައިގެ ދަތްތައް ހުންނަ މީހުން ދަތް ހުދުކުރުމަށްޓަކައި ބްލީޗް ކުރުމާއި ޕޮލިޝްކުރުން ފަދަ ކަންތައް ކުރެއެވެ. އަދި މިފަދަ ކަންކަން ކުރުމުން ދަތްތައް ބަލިކަށިނުވި ނަމަވެސް ބާރުގަދަ ސްކްރަބް ފަދަ ތަކެތި ބޭނުން ކުރުމުން ދަތުގެ ބޭރުން ފަށަލައެއް ނައްތާލެވެއެވެ. އަދި މިފަދަ ބައެއް ބްލީޗްތަކުގައި ވަރަށް ނުރައްކާތެރި ސައިޑްއެފެކެޓް ހުރެއެވެ. އޭގެ ތެރޭގައި ދަތްތައް ބްލީޗް ކުރުމަށްފަހު ގިނަދުވަސްތަކަކަށް ފިނި އެއްޗެއް ބޭނުން ނުކުރެވުމާއި ހިރުގަނޑުގައި ރިއްސުން ފަދަ ކަންތައް ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން މީހާއަށް އުނދަގޫވެ ދަތުގައި ރިއްސުން ފަދަ ކަންކަން ދިމާވެއެވެ.
އެހެންކަމުން ހުދުދަތްޕިލައެއް ބޭނުން ނަމަ މިދެންނެވުނު ކެމިކަލް މާއްދާތައް ހިމެނޭ ބޭސްތައް ބޭނުން ނުކޮށް ޤުދުރަތީ ގޮތުން ކުރެވޭނެ ކަންކަމާމެދު ވިސްނާށެވެ.
