މިހާރު ކުރިއަށްދާ އައިޕީއެލްގައި ރޭ ތާވަލްގެ ފުލުން ދެވަނައިގައި އުޅޭ ސަންރައިޒާސް ހައިދަރުއާބާދު 34 ލަނޑުގެ ތަފާތަކުން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ގުޖުރާތު ޓައިޓަންސް އެ މުބާރާތުގެ ޕްލޭއޮފްސް އިން ޖާގަ ކަށަވަރުކޮށްފިއެވެ.

މިއީ ގުޖުރާތުން މުބާރާތުގެ ގްރޫޕް ފިޔަވަހީގައި އެންމެ ކުރީގައި އުޅޭ ދެ ޓީމުގެ ތެރޭގައި ޖެހިޖެހިގެން ހިމެނުނު ދެވަނަ ފަހަރެވެ. އަދި މިއީ އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. މި ފަހަރުގެ މުބާރާތުގައި އެ ޓީމު މިހާތަނަށް ބަލިވެފައިވަނީ ހަތަރު މެޗުންނެވެ.

ރޭގެ ނަތީޖާއާއެކު ގުޖުރާތަށް އެއްވަނަ ލިބެނީ ކުޅުނު 13 މެޗުން ލިބުނު 18 ޕޮއިންޓާއެކު އެވެ. ދެން އެ ޓީމާ އެންމެ ގާތުން ވާދަކުރަމުން އަންނަ ޗެންނާއީ ސުޕަ ކިންގްސް އޮތީ 13 މެޗުން ލިބުނު 15 ޕޮއިންޓާއެކު ދެވަނައިގައެވެ. މި ދެ ޓީމަށް ވެސް ބާކީ އެއް މެޗު އޮތްއިރު، ގުޖުރާތު ފަހަތަށް ޖައްސާލުމުގެ ފުރުޞަތެއް ޗެންނާއީ އަކަށް ނެތެވެ. ތިންވަނައިގައި އުޅޭ މުމްބާއީ އިންޑިއަންސް އަށް 12 މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ލަކްނޯ ސުޕަ ޖަޔަންޓްސް އަށް 12 މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.

މި އަހަރުގެ އައިޕީއެލް މުބާރާތުގެ ލީގު ބުރުގައި 10 ޓީމު ބަހާލާފައިވަނީ "ވާޗުއަލް" ދެ ގްރޫޕަކަށެވެ. އެގޮތުން، 10 ޓީމުގެ ތެރެއިން ކޮންމެ ޓީމަކުން ޖުމްލަ 14 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިން، އަމިއްލަ ދަނޑުގައި ހަތް މެޗު އަދި ރަށުން ބޭރުގައި ހަތް މެޗެވެ. އަދި ކޮންމެ ޓީމަކުން އަނެއް ގްރޫޕުގެ ފަސް ޓީމާއި ދެ ފަހަރު އަދި އަމިއްލަ ގްރޫޕުގައި ހިމެނޭ އަނެއް ހަތަރު ޓީމާ އެއްފަހަރު ބައްދަލުކުރާނެއެވެ. އެއަށްފަހު ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އުޅޭ ގަދަ 4 ޓީމަށް ޕްލޭއޮފުން ޖާގަ ލިބޭނެ އެވެ.

ސަންރައިޒާސްގެ ކުޅުންތެރިއަކު ނުބައިކޮށްލުމަށްފަހު ގުޖުރާތުގެ މުޙައްމަދު ޝާމީ (ވ) އާއި އެ ޓީމުގެ އެހެން ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ

އަހުމަދުއާބާދުގައި ހުންނަ ނަރެންދްރަ މޯދީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ސަންރައިޒާސް އިން ގަސްދުކުރީ ހޮވަން އަރާށެވެ. ފުރަތަމަ އިނިންގްސްގައި ގުޖުރާތުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ނުވަ ވިކެޓަށް 188 ލަނޑުހެދިއެވެ.

މި އިނިންގްސްގައި ގުޖުރާތުން އެންމެ މޮޅަށް ކުޅުނީ ސައްތަ ހެދި ޝުބްމަން ގިލް އެވެ. އޭނާ ވަނީ 58 ބޯޅައިން 101 ލަނޑުހަދާފައެވެ. ގިލްގެ މި އިނިންގްސްގައި 13 ފަހަރު ހަތަރަކަށް ޖަހައި، އެއް ފަހަރު ހަޔަކަށް ޖަހައިފައެވެ. އެ ޓީމުން ދެން އެންމެ ރަނގަޅަށް ކުޅުނީ 36 ބޯޅައިން 47 ލަނޑުހެދި ސާއީ ސުދާރްސަން އެވެ. އާއްމުކޮށް ފުރަތަމަ އޯވަރުތަކުގައި މޮޅު ކުޅުމެއް ދައްކާ ރިދިމަން ސަހާ ނުބައިވީ ސުމަކަށެވެ. އެ ޓީމުގެ ކެޕްޓަން ހާޑިކް ޕާންޑްޔާ އަށް ހެދުނީ އެންމެ 8 ލަނޑެވެ. ސަންރައިޒާސްގެ އުކުންތެރިންގެ ތެރެއިން ބުވްނޭޝްވަރު ކުމާރު (ބޫވީ) ފަސް ވިކެޓްނެގިއެވެ.

ޖަވާބުގައި ކުޅެން އެރި ސަންރައިޒާސްގެ ނުވަ ކުޅުންތެރިން ނުބައިވެގެން 20 އޯވަރުގެ ތެރޭގައި ހެދުނީ 154 ލަނޑެވެ. ދެވަނަ އިނިންގްސްގައި މިވަރުގެ ސްކޯއަކަށް ސަންރައިޒާސްގެ ކުޅުންތެރިން ނުބައިކޮށްލުމުގައި ގުޖުރާތުގެ މުހައްމަދު ޝާމީ އާއި މޯހިތު ޝަރްމާ ކުރެން ކޮންމެ ކުޅުންތެރިއަކު ހަތަރު ވިކެޓްނެގިއެވެ. ސަންރައިޒާސް އިން އެންމެ ރަނގަޅަށް ކުޅުނު ހެއިންރިކް ކްލާސެން ވަނީ 44 ބޯޅައިން 64 ލަނޑުހަދައިފައެވެ. އެ ޓީމުގެ އިތުރު ބެޓްސްމަނަކަށް ރަނގަޅު ސްކޯއެއް ނުކުރެވުނުއިރު، ދެން އެންމެ ރަނގަޅަށް ކުޅުނީ އުކުންތެރިން ކަމަށްވާ ބޫވީ އާއި މަޔަންކް މާކަންޑޭ އެވެ. ބޫވީ ވަނީ 26 ބޯޅައިން 27 ލަނޑުހަދައިފައެވެ. މާކަންޑޭ ވަނީ ނުބައިނުވެ ނުވަ ބޯޅައިން 18 ލަނޑުހަދައިފައެވެ.

މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި މުމްބާއީ ނިކުންނާނީ ލަކްނޯއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ހަތެއް ޖަހާއިރު އެވެ.