އިރުވަރު ބެލުމޭ ކިޔާއުޅެނީ ކަމަކުން ފައިދާ ލިބިގަތުމަށްޓަކައި އެ ކަމެއް ކުރާނެ ހެޔޮ ވަގުތު ހޯދުމަށެވެ. އިހުގެ ދިވެހީންނަކީ ދިރިއުޅުމުގައި ދިމާވާ ގިނަ ކަންތައްތަކުގައި އިރުވަރު ބަލައިގެން ކަންތައްތައް ކޮށްފައިވާ ބައެކެވެ. މިކަން ރާއްޖެއަށް ތަޢާރަފުވެފައިވަނީ ދިވެހީންގެ ތެރޭގައި އޮތް ބުދު ދީނާއި ހިންދީ ދީނުގެ ސަބަބުންކަމަށް ވެއެވެ. މިއީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަމެކެވެ. އެހެންނަމަވެސް ރާއްޖެއަށް އިސްލާމްދީން ތަޢާރަފުވުމަށް ފަހުވެސް ދިވެހި އާދަކާދައިގެ ތެރޭގައި އިރުވަރާއި ވަގުތު ބެލުން ކޮންމެވެސް ވަރަކަށް ދެމި އޮތެވެ. މި ލިޔުމުގައި ހިމަނާލާފައި މިވަނީ އަޙުމަދު ޝަފީޤު (2002) އަދި މޫސާ ޢަލީ (1994) ގެ ލިޔުއްވުންތަކުން ފާހަގަ ކޮށްލެވޭ ބައެއް ކަންކަމެވެ. 

ކައިވެނިކުރުން:

ކައިވެނި ކުރުމަކީ އިހުގައި ވަކި އިރުވަރެއް ބަލައިގެން ދިވެހީން ކޮށްއުޅުނު ކަމެކެވެ. އެގޮތުން މިކަމުގައި އެންމެ ރަނގަޅީ ކޮން އިރުވަރެއްތޯ ބަލައި އެ އިރުވަރަކަށް ކައިވެނި ކުރުމަށް ތައްޔާރުވެ، ކައިވެނި ކުރެއެވެ. ކައިވެނި ކުރުމަށް އެންމެ ރަނގަޅު މައްސަރުތަކަކީ، މުޙައްރަމް، ރަބީޢުލްއައްވަލު، ރަޖަބު، ޝަޢުބާން މަސް ކަމަށް ދިވެހީން ޤަބޫލުކޮށް އުޅުނެވެ. އަދި ހަފުތާގެ ދުވަސްތަކުގެ ތެރެއިން ހޯމަ އަދި ހުކުރު ދުވަހަކީ އެންމެ ރަނގަޅު ދުވަސްތައް ކަމުގައި ދެކި އުޅުނެވެ. 

ޚިތާނުކުރުން:

ޚިތާނުކުރުމަށްވެސް ދިވެހީން ވަކިއިރުވަރެއް ފާހަގަކޮށް އުޅުނެވެ. އަދި އެދުވަހުގެ އެވަގުތު ހަމަ ޖެހުމާއެކު ޚިތާނުކުރެއެވެ. ޚިޠާނުކުރުމުގައި ބަލައި އުޅުނު އިރުވަރަކީ ދިޔަވަރު ހިކޭ ވަގުތެވެ. ސަބަބަކީ، ދިޔަވަރު ބޮޑުވާ ވަގުތު ޚިޠާނުކުރާނަމަ، އަންނަ ލޭ މަނާކުރުމަށް އުނދަގޫވެދާނޭކަމަށް މީހުން ޤަބޫލުކޮށް އުޅުމެވެ.

ބަލިވެ އިނދެ ވިހާ ގަދަވުމުގެ އާދަކާދަ:

ވިހެއުމުން މައިމީހާ ބޭރުގެއަށް ނެރުމަކީ ވަރަށް ކުރީއްސުރެ ދިވެހީންގެ ތެރޭގައި އިރުވަރުން ކުރަމުން އައިކަމެކެވެ. މިގޮތުން 7 ދުވަސް ހަމަވާ ދުވަހުގެ ރޭ ފަތިހު ފަޖުރުލުމުން މައިމީހާއާއި ދަރިފުޅު ބޭރުގެއަށް ނެރެއެވެ. އިރު އެރުމުގެ ކުރިން މިކަމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި އޭރުގައި ވަނީ ވެފައެވެ. ބޭރުގެއަށް ނެރުމުގެ ކުރިން އެދުރުބެއަކު ނުވަތަ ދެތިން ހަތަރު ފިރިހެނަކު އެގެއެއްގައި ޞަލަވާތްފާތިޙާ ކިޔަވައެވެ. އަދި މައިމީހާއާއި ކުޑަ ދަރިފުޅު ކައިރީގައި ބައިންދައިގެން ކިޔަވައި ހެދުމަށް ފަހު ބޭރުގެއަށް ނެރެއެވެ. މިގޮތުން މިކަންކުރަނީ ނަކަތުގެ ގޮތުން ފުނޯސް، ވިހާ، ނޮރަ ނަކަތަށް ބަލައިގެނެވެ. އަދި ހަފުތާ ދުވަސްތަކުން ހުކުރު، ހޮނިހިރު، ހޯމަ ދުވަހަށް ބަލައިގެނެވެ.

ވިހައިގެން 7 ދުވަސްވާ ކުއްޖާއަށް ރަނގަޅު އިރުވަރެއް ބަލައި ފަތިހު ނުވަތަ އިރުއެރުމުގެ ކުރިން ނަންކިޔުމަކީ ދިވެހީން ވަރަށް ފަހާ ޖެހެންދެންވެސް ކުރަމުން އައި ކަމެކެވެ. ވިހައިގެން އޮންނަ މައިމީހާ 40 ދުވަސް ހަމަވާ ދުވަހުގެ ފަތިހު ފަޖުރު ލުމާއި އިރު އެރުމާއި ދެމެދުގެ ވަގުތެއްގައި އިރުވަރު ބަލައިގެން ބޭރަށް ނެރެއެވެ. މިކަމުގައިވެސް އެދުރުބެއަކު ނުވަތަ ފިރިހެނުންގެ ތެރެއިން ދެތިން ހަތަރު މީހަކު ވެގެން ކިޔެވުމަށް ފަހު، އެ ވިހައިގެން އޮންނަ މީހާ އެތަނަށް ޙާޟިރުކުރުވައި އޭނާއަށް ފުމެއެވެ. އަދި ގެއިން ބޭރަށް ނެރެއެވެ.

ދޯނިބޭލުން:

މަސްވެރިކަމުގައި ބޭނުންކުރާ ދޯނިފަހަރާއި އަލަށް ބާލާ ދޯނިފަހަރަކީ ވަކި އިރުވަރެއްގައި މޫދަށް ބާލާ ދޯނިފަހަރެވެ. މި ދޯނިފަހަރު ބޭލުމަށްޓަކައި ވަކި އިރުވަރެއް ބަލައެވެ. އަދި އެ އިރުވަރު ހަމަ އައިސް ޖެހުމުން އެ އިރުވަރުގައި އެ ދޯންޏެއް ބާލައެވެ. މިގޮތަށް އެދޯނި އިރުވަރުގައި ބޭލުމުން އެދޯނި ހުންނާނީ ހުރިހާ ގޮތަކުންވެސް ރައްކައުތެރިކަން ލިބިފައިކަމަށް އޭރުގެ ދިވެހީން ދެކެއެވެ. އަދި މީގެ އިތުރަށް ދޯނި އެހެލުމުގައިވެސް މިއާދަކާދަ ގެންގުޅެފައިވާކަމަށްވެއެވެ.

މިނޫނަސް ދިވެހީންގެ އާދަކާދައާއި ގުޅިފައިވާ އެހެނިހެން ގިނަ ކަންކަމުގައިވެސް އިރުވަރު ބެލުމަކީ އިހުގައި އާންމު ކަމެކެވެ. އެގޮތުން ގެދޮރު އިމާރާތް ކުރުމުގައި ބިންގާ އެޅުމާއި، ވަޅު ބެހެއްޓުމާއި، އަލަށް އަޅާ ގެޔަށް ބަދަލުވުމުގައި ވަކި ޤަބޫލުކުރުންތަކެއް ގެންގުޅުނެވެ. އަދި ފަންޑިތައާއި ސިހުރު ހެދުމުގައިވެސް ސާޢަތާއި، އިރުވަރަށް ބަލައި އުޅެއެވެ. މިއީ އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކަމެކެވެ.