ކޮންމެ އަހަރެއްގެ މޭ މަހުގެ 17 ވަނަ ދުވަސް ފާހަގަ ކުރަނީ ލޭމައްޗަށްދާ ބަލީގެ ދުވަހުގެ ގޮތުގައެވެ. ލޭމައްޗަށްދިއުން ނުވަތަ ހައިޕަރޓެންޝަން އަކީ މުޅި ދުނިޔޭގައިވެސް ވަރަށް ގިނަވަމުން އަންނަ ބައްޔެކެވެ. ރާއްޖޭގައިވެސް މިކަން އޮތީ މިހެނެވެ. އަދި ހިތުގެ އެކި އެކި ބަލިތަކާއި ސްޓްރޯކުތަކުގައި މަރުވާ މީހުންގެ ގިނަ މީހުންނަކީ ލޭމައްޗަށް ދިއުމުގެ ސަބަބުން ދިމައިވާ މައްސަލަތަކުގައި މަރުވާ މީހުންނެވެ. ވީ އިރު ލޭމައްޗަށް ދިއުމާއި މެދު ސަމާލުވެ ފަރުވާތެރިވުން އެއީ ކޮންމެ މީހެއްގެ މައްޗަށް އޮތް ކަމެކެވެ. ހާއްސަކޮށް މިއީ އާއިލީގޮތުން ވާރުތަ ކޮށްފާނެ ބައްޔެއްކަމުގައިވެސް ވާތީ އިތުރަށް ސަމާލުކަން ދޭން ޖެހޭނެއެވެ.

ލޭމައްޗަށް ދިޔަ ނުދިނުމަށްޓަކައި އަހަރެމެންގެ ދިރިއުޅުމުގެ އާދަތަކަށް ބަދަކުތަކެއް ގެނެވިދާނެއެވެ. އެގޮތުން ހަކުރު އަދި ތެޔޮ އެކުލެވޭ ބާވައްތައް ކެއުމުގައި މަދުކުރުމާއި ބަންދުކޮށްފައި ހުންނަ ތައްޔާރީ ކާނާ ކެއުންވެސް މަދުކުރެވިދާނެއެވެ. ދުންފަތާއި މަސްތުވާ ތަކެއްޗާއި ބަނގުރާފަދަ އެއްޗެއްސަކީވެސް މިއަދު ރާއްޖޭގައި ބައެއް ދިވެހިން ބޭނުންކުރާ އެއްޗެހި ކަމުން، އެ އެއްޗެހި ބޭނުން ކުރުން ހުއްޓާލަން ޖެހެއެވެ.

މަދުވެގެން ދުވާލަކު 30 ނުވަތަ 20 މިނެޓު ކަސްރަތު ކުރަން އާދަކުރާށެވެ. ކަސްރަތަކީ އާދަވެ ގަވައިދެއްގެ މަތިން ތަރުތީބަކުން ތަކުރާރު ކުރަމުން ކުރާ ހަރަކާތްތަކެކެވެ. ކަސްރަތު ކުރުމުގެ އިތުރަށް ހެލިފެލިވެ އުޅުން އެއީވެސް ވަރަށް ބޭނުންތެރި ކަމެކެވެ. އަބަދު ލިފްޓް ބޭނުން ކުރުމުގެ ބަދަލުގައި ސިޑިވެސް ބޭނުން ކުރަން ވާނެއެވެ. އަބަދު ސައިކަލުގައި ތަންތަނަށް ދިއުމުގެ ބަދަލުގައި ހިނގާލާފަވެސް ތަންތަނަށް ދާން އާދަ ކުރަންވާނެއެވެ. ގޭތެރޭގައި އުޅޭއިރުވެސް ހަރަކާތްތެރިވެ، މުރާލިވެ ހީވާގިވާން ވާނެއެވެ.

ލޭމައްޗަށް ދާ އަނެއް ސަބަބަކީ ކެއުމުގައި ލޮނު ބޭނުންކުރެވޭ މިންވަރު އިތުރުވުމެވެ. އެހެންކަމުން ލޭމައްޗަށް ދިޔަ ނުދިނުމަށް ކުރެވިދާނެ މުހިއްމު އެއް ކަމަކީ ކެއުމުގައި ލޮނު ބޭނުން ކުރެވޭ މިންވަރު މަދު ކުރުމެވެ. މީގެ އިތުރުން ކަންކަމާ ވިސްނާ، ފިކުރުބޮޑުވުމަކީވެސް އެއީ ލޭގެ ޕުރެސަރު މަތިވާ އެއް ސަބަބެވެ. އެހެންކަމުން، ހާސްކަމާއި ނުތަނަވަސްކަން ބޮޑު ދިރިއުޅުމުން ތިބާ ނުކުމެ، ހަމަޖެހޭ ސާދާ ސީދާ ދިރިއުޅުމެއް އުޅޭށެވެ. މައްސަލަތައް މަދު، ބޮލަށް ފަސޭހަ ދިރިއުޅުމެއް އުޅޭށެވެ.

ތިމާ އަކީ ލޭމައްޗަށް ދިއުމުގެ ފުރުސަތު އޮތް މީހެއްތޯ ޑަކްޓަރުން ކުރެން އަހާ އޮޅުން ފިލިވާށެވެ. ފުރުސަތު ކުޑަ މީހެއްނަމަވެސް ކޮންމެ ހަ މަހަކުން އެއްފަހަރު، ލޭގެ އާއްމު ހުރިހާ ތަހުލީލު ތަކަކާއި އެކު ލޭގެ ޕުރެސަރު ބަލާ ޗެކު ކުރަންވާނެއެވެ. ފުރުސަތު ބޮޑު މީހެއްނަމަ ކޮންމެ ތިންމަހަކުން ޓެސްޓުތައް ހަދަން ވާނެއެވެ. ހަކުރާއި ކޮލެސްޓްރޯލާއި ގުރުދާގެ މަސައްކަތް ބަލާ ޓެސްޓުތައް ފަދަ އާއްމު ޓެސްޓްތަކެވެ. އަދި ލޭގެ ޕުރެސަރުވެސް މިގޮތަށް ގަވައިދުން ބަލަމުން ގެންދަން ވާނެއެވެ. އޭރުން ޑަކްޓަރުގެ ލަފާގެ މަތިން، އިރުޝާދުގެ ދަށުން ދިރިއުޅުމުގެ އާދަތައް، ހާލަތަށް ރިއާޔަތްކޮށް ބަދަލުކޮށްގެން، ލޭމައްޗަށް ނުދާ މީހެއްގެ ގޮތުގައި ހުރުމުގެ ފުރުސަތު ބޮޑުވެއެވެ.

ބައެއް މީހުންނަކީ އަވަހަށް ބޭސްކާން ބޭނުންވާ މީހުންނެވެ. ނަމަވެސް ބޭސް ބޭނުންކުރުން އެއީ އާދައިގެ "ނޯމަލް" ކަމެއް ކަމުގައި ނުދެކޭށެވެ. ބޭސް ބޭނުން ކުރުމުގެ ކުރިން، ދިރިއުޅުމުގެ އާދަތަކަށް ގެންނަ ބަދަލުތަކުން، ލޭގެ ޕުރެސަރު ދަށްކުރެވޭތޯ ބަލަންވާނެއެވެ. އެެހެނީ އެފަދަ ބަދަލުތަކާއި އެކު، ވަރަށް ފަސޭހަކަމާއި އެކު ލޭގެ ޕުރެސަރު ދަށްކުރެވޭނެއެވެ. ބަދަލުތައް ގެނައުމާއި އެކުވެސް ލޭގެ ޕުރެސަރު ދަށްނުކުރެވިއްޖެނަމަ ދެން އޮތީ ބޭސް ބޭނުން ކުރުމެވެ. ބޭސް ބޭނުން ކުރާނަމަ، ޑަކްޓަރުގެ ލަފާގެ މަތިން ގަވައިދުން ބޭސް ބޭނުން ކުރަންވާނެއެވެ. ބޭސް ކެއުމުގައި ފަރުވާތެރިވެ ސަމާލުކަން ދޭންވާނެއެވެ. ބޭސް ހުސްވުމުގެ ކުރިން، ބޭސް އައުކުރަން ޑަކްޓަރަށް ދައްކަން ވާނެއެވެ. މިފަދަކަންކަމަށް ސަމާލުކަންދިނުމަކީ ވަރަށްވެސް ބޭނުންތެރި އަދި އެހާމެ މުހިއްމު ކަމެކެވެ.