ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ރޭ 1-0 އިން އޭސީ މިލާން ބަލިކުރުމަށްފަހު އިންޓަ މިލާނުން 13 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ މިދިޔަ 30 އަހަރުގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި އެ ޓީމުން ވާދަކުރާ ދެވަނަ ފައިނަލެވެ. އެ ޓީމު އެންމެ ފަހުން ފައިނަލްގައި ކުޅުނު އަހަރު ކަމަށްވާ 2010 ގައި ވަނީ ތަށި އުފުލާލައިފައެވެ.
މި ދެ ޓީމުގެ ދެމެދުގައި މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ކުޅެވުނު ފުރަތަމަ ލެގުގައި 2-0 ގެ ތަފާތަކުން އިންޓަ މޮޅުވެފައިވުމާއެކު، މިލާނުން ރޭގެ މެޗަށް ނިކުތީ އެ ދެ ގޯލުގެ ނަތީޖާ އަނބުރާލުމަށް އަޒުމް ކަނޑައަޅައިގެންނެވެ.
މިލާނުން ރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުގައި ނުކުޅެވުނު ޕޯޗުގަލްގެ ވިންގް، ރަފައެލް ލެއާއޯ އެނބުރިއައިސް ޓީމާ ގުޅިފައިވުމަކީ ކޯޗު ސްޓެފާނޯ ޕިއޯލީ އަށް ލިބިފައިވާ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ރޭގެ މެޗުގައި މިލާނަށް ލަނޑެއްޖަހައިދޭން ތިއޯ ހެނާންޑޭޒް އަށް ލިބުނު ފުރުޞަތުގެ ބޭނުމެއްނުހިފުނުއިރު، ބްރަހިމް ޑިއާޒް ފޮނުވާލި ބޯޅަ އިންޓަގެ ގޯލްކީޕަރު އަންދްރޭ އޮނާނާ ހުއްޓުވިއެވެ. އޭގެފަހުން، ލެއާއޯ އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ދަނޑިކައިރިން ބޭރަށެވެ. މި ހާފުގައި ހިލޭޖެހުމަކުން ހަކާން ޗައަނޮގްލޫ ފޮނުވާލި ބޯޅަ އިންޓަގެ ފޯވާޑް، އެޑިން ޖެކޯ ބޮލުން ފޮނުވާލުމުން މިލާންގެ ކީޕަރު މައިކް މައިގްނޯން އަށް މަތަކުރެވުނީ ކިރިޔާ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 74 ވަނަ މިނެޓުގައި އިންޓަ އަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ލަޓާރޯ މާޓިނޭޒް އެވެ. އޭނާ މި ލަނޑުޖެހީ ފަހު ހާފުގައި ކުޅެން ނިކުތް ބެލްޖިއަމްގެ ފޯވާޑް، ރޮމެލޫ ލުކާކޫ ދިން ބޯޅައަކުންނެވެ.
އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލްގައި ކުޅުމަށް ހަމަޖެހިފައިވާ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިންޓަ ނިކުންނާނީ މެންޗެސްޓާ ސިޓީއާ ރެއާލް މެޑްރިޑް މިރޭ ބައްދަލުކުރާ ސެމީގެ ދެވަނަ ލެގުގެ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މި ދެ ޓީމުގެ ދެމެދުގައި ރެއާލްގެ ދަނޑުގައި ކުޅެވުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
