ގިނަ ގައުމުތަކުން ޚާއްސަކޮށް ތަރައްޤީވެފައިވާ ގައުމުތަކުން ހިޖުރަވެރިންނަށް މާ ހޫނު މަރުޙަބާ އެއް ނުކިޔައެވެ. އަހުލީ ހަނގުރާމަ ނުވަތަ ގުދުރަތީ ކާރިސާއެއްގެ ސަބަބުން ރެފިއުޖީންގެ ގޮތުގައި އެތެރެވާންވެސް ހުއްދަދެނީ ބައެއް ގައުމުތަކުންނެވެ. އެހެން ގައުމަކަށް ހިޖުރަކުރުމަށް މަތީ ތަޢުލީމީ ސަނަދާއި ޙާއްސަ ފަންނީ ހުނަރު ބޭނުންވެއެވެ. ނަމަވެސް ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން ފަސޭހަ އުސޫލެއްގެ ދަށުން އެގައުމުތަކަށް ހިޖުރަ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ގައުމުތައް ވެއެވެ. މިއަދު މި ބަލާލަނީ އެފަދަ ބައެއް ގައުމުތަކަށެވެ. ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ ގައުމެއްގައި ދިގު މުއްދަތަކަށް ދިރިއުޅުމުގެ ހުއްދަ ލިބުމާއި އެގައުމެއްގެ ރަށްވެހިކަން ލިބުމަކީ މުޅިން ތަފާތު ދެކަމެއް ކަމެވެ. ރަށްވެއްސަކަށް ވުމުން ލިބޭ ވަރަށް ގިން އިނާޔަތްތައް ހިޖުރަވެރިންނަށް ނުލިބިދާނެއެވެ. ޔޫރަޕްގެ ބައެއް ގައުމުތަކަކީ އެގަމުގެ ރައްޔިތުންނަށް ވަރަށް ގިނަ ބޮޑެތި އިނާޔަތް އެކި ނަންނަމުގައި ދޭ ބައެކެވެ.
-
އުރުގުއޭ

އުރުގުއޭއަށް ނަން ކިއިފައިވަނީ އުރުގުއޭ އާއި އާޖެންޓީނާ ވަކިކޮށްދޭ ކޯރުގެ ނަމަށް ނިސްބަތްކޮށެވެ. މިއީ ސައުތު އެމެރިކާގެ އާބާދީ މަދު އަދި ކުޑަ ގައުމެކެވެ. ނަމަވެސް މިއީ ސައުތު އެމެރިކާގެ ހުރިހާ ގައުމުތަކެއްގެ ތެރެއިން ވެސް އެންމެ ރަގަޅު ސިއްޙީ ފަރުވާގެ ނިޒާމް އޮންނަ ގައުމެވެ. ކުޑަ އަދި އާބާދީ މަދު ގައުމަކަށް ވުމުން ބޭރުން އަންނަ މީހުނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާ ވަރަށް ފަސޭހައިން ރައްޓެހިވެ އުޅުމަކީ މި ގައުމުގެ ރައްޔިތުންގެ ފަރާތުން އެންމެ ފާހަގަ ކޮށްލެވޭ ސިފައެވެ. މި ގައުމުގައި ހިނގާ ސިނާޢީ މަސައްކަތްތަކުގެ ސަބަބުން ޖައްވު ނުސާފުވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. އެހެންކަމުން މި ގައުމު ހިމެނެނީ ސައުތު އެމެރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ވައި ސާފު ގައުމުގެ ގޮތުގައެވެ.
އުރުގުއޭގެ ރަށްވެހިކަން ހޯދަން އެދޭ ނަމަ އެ ގައުމުގައި އެންމެ މަދުވެގެން 5 އަހަރު ދިރިއުޅެން ޖެހެއެވެ. މި ގައުމުގެ މީހަކާ ކައިވެނިކޮށްގެން އުޅޭ ނަމަ މި އަދަދު 3 އަހަރަށް ކުރުވެގެން ދެއެވެ. މި ގައުމުގެ ރަށްވެހިކަމަށް އެދި ހުށައަޅާ ނަމަ ތިރީގައިމިވާ ގޮތަށް އަމަލު ކުރަން ލާޒިމްކުރެއެވެ.
-
އުރުގުއޭގެ ރަށްވެހިކަން ބޭނުންވާ ސަބަބު ލިޔުމަކުން ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށައެޅުން
-
އުރުގުއޭގެ ސަރުކާރުން ގަބޫލުކުރާވަރުގެ އުފަންދުވަހުގެ ސެޓްފިކެޓެއް ހުށައެޅުން
-
ކައިވެނިކޮށްގެން އުޅޭ ނަމަ ކައިވެނީގެ ސެޓްފިކެޓް ހުށައެޅުން
-
ގަވާއިދުން ލިބޭ އާމްދަނީގެ މައުލޫމާތު ޙިއްސާކުރުން
-
ސިއްޙީ ބޮޑު މައްސަލައެއްހުރިތޯ ބަލަން ޓެސްޓް ކުރުން
-
އުރުގުއޭގައި ދާއިމީކޮށް ދިރިއުޅޭވޭނެ އެޑްރެހެއް ހުރިކަން ޔަގީންކޮށްދިނުން
މި ގައުމުގެ ރަށްވެހިކަމަށް ހުށައެޅުމަށްފަހު އެކަން ހަމަޖެހެން 2-1 އަހަރު ނަގާފާނެއެވެ.
-
އިކުއަޑޮރ

ދުނިޔޭގައި އެކްސްޕޯޓް ކުރެވޭ 3 ބައި ކުޅަ ދެބައި ދޮންކެޔޮ ހައްދާ އިކުއަޑޮރއަކީ އެންމެ ގިނައިން ދޮންކެޔޮ ހައްދާ ގައުމެވެ. ދުނިޔެ ދެބައިހަމަވާ ރޮނގާއި ވަރަށް ކައިރީގައިވާ ފެހިކަންގަދަ އަދި ރީތި މި ގައުމަކީ ސައުތު އެމެރިކާއިން ފާހަގަ ކޮށްލެވޭ ގައުމެކެވެ. ޖަޒީރާރަށެއް ކަމަށްވާ ގަލާޕަގޮސް އައިލެންޑަކީ ވެސް އިކުއަޑޮރގެ ދަށުގައިވާ ރަށެކެވެ. މި ގައުމަށް ހިޖުރަ ކުރަން ބޭނުންނަމަ އާމްދަނީގެ ގޮތުގައި ގަވާއިދުން މަހަކު 800 ޑޮލަރު ލިބެންޖެހެއެވެ. އަދި ތިމާގެ ބެލުމުގެ ދަށުގައިވާ ( ދަރިން، އަނބިން، މައިންބަފައިން) ކޮންމެ މީހަކަށް އިތުރު 100 ޑޮލަރު ލިބެން ޖެހެއެވެ. މިގައުމުން ރަށްވެހިކަން ދެނީ "ޕެންޝަނަރސް ވިސާ" ގެ ގޮތުގައެވެ. ނަމަވެސް ޕެންޝަން ލިބިފައިވަ ނުވާ މީހުނަށްވެސް ހިޖުރަ ކުރެވޭނެއެވެ. އެމީހުންނަށ އޮތީ ފިކްސް ޑިޕޮސިޓް ބަހައްޓައިގެން އިންޓަރެސްޓްގެ ގޮތުގައި 800 ޑޮލަރު ހޯދުމެވެ. ނުވަތަ މި ގައުމުގެ މީހަކާއެކު ވިޔަފާރިއަކަށް އިންވެސްޓްކޮށްގެން އެވަރުގެ ފައިދާއެއް ހޯދާކަމުގެ ލިޔެކިޔުން ހުށައެޅުމެވެ.
މިގޮތަށް "ޕެންޝަނަރސް ވިސާ" ލިބުމުން 21 މަސް ދުވަހު މި ގައުމުގައި ދިރިއުޅެފިނަމަ ރަށްޔިތަކަށް ވުމަށް އެދި ހުށައެޅޭނެއެވެ. އެކަމަށް ބޭނުންވާ ޝަރުތުތައް ތިރީގައި އެވަނީއެވެ.
-
އުފަން ގައުމުން ދީފައިވާ އުފަންދުވަހުގެ ސެޓްފިކެޓްގެ އަސްލު (މިލިޔުމަކީ އިކުއަޑޮރ ސައުކާރުން ގަބޫލުކުރާ ލިޔުމަކަށް ވާންވާނެއެވެ)
-
އުފަން ގައުމުގެ ރަށްވެހިކަން ކަށަވަރުކޮށްދޭ ހުރިހާ ލިޔުމެއް
-
އިކުއަޑޮރގެ ރަށްވެހިކަމަށް އެދޭމީހުންނަށް ކުރެވޭ ޚާއްސަ އިންޓަރވިއު ފުރިހަމަ ކުރުން
-
އާޖެންޓީނާ

އާޖެންޓީނާއަކީ ސައުތު އެމެރިކާގެ ކުޑަ އާބާދީއެއް ހިމެނޭ ބޮޑު ގައުމެކެވެ. މިއީ ދިރިއުޅުމުގެ ފެންވަރު ރަގަޅު ގައުމެއްގެ ގޮތުގައި ފާހަގަވެފައި ވުމުން ހިޖުރަކުރާ މީހުންގެ މެދުގައި މަޤްބޫލު ގައުމެކެވެ. މި ގައުމުގެ އާބާދީ ބެހިފައިވާ ގޮތަކީ ކޮންމެ އަކަ ކިލޯމީޓަރަކަށް އެންމެ 15 މީހުނެވެ. މި ގައުމަކީ މޫސުމުގެ ފަރަގުތައް ވަރަށްގިނަ ގައުމެކެވެ. މި ގައުމުގައި ދިރިއުޅުމަށް ބޭނުންވަނީ 850 ޑޮލަރަށްވުރެ މަތީ އާމްދަނީ އެއް ލިބޭކަން ކަށަވަރު ކޮށްދިނުމެވެ. މީގެ އިތުރުން ރަށްވެހިކަމަށް އެދި ހުށައަޅާނަމަ ތިރީގައިވާ ލިޔުންތައް ހުށައަޅަން ޖެހެއެވެ.
-
އުފަންގައުމުގައި ހުންނަ އާޖެންޓީނާގެ ކޮންސިއުލޭޓް އޮފީހުން ގަބޫލުކުރާ އުފަންދުވަހުގެ ސެޓްފިކެޓް
-
މިހާރު ދިރިއުޅެމުންދާ ގައުމުގައި ދިރިއުޅޭކަން ކަށްވަރު ކޮށްދޭ ލިޔެކިޔުން
-
ކާކުކަން އަންގައިދޭ ލިޔުންތައް
-
މާލީ ތަނަވަސްކަން ނުވަތަ ގަވައިދުން ލިބޭ އާމްދަނީގެ ތަފްޞީލް
-
ބެލީޒް

ރީތި ގޮނޑުދޮށްތަކާއި އެހެންވެސް ގުދުރަތީ ރީތި މަންޒަރުތަކުގެ ސަބަބުން މީހުންގެ މެދުގައި މަޤްބޫލުވެފައިވާ ބެލީޒްއަކީ ވަރަށް އާބާދީ މަދު އަދި ހިޖުރަ ކުރާ މީހުނަށް ވަރަށް ފަސޭހަ އުސޫލެއް އޮތް ގައުމެކެވެ. ބެލީޒްގައި އެއް އަހަރު ދިރިއުޅުމަށްފަހު އެގައުމުގެ ރަށްވެހިކަމަށް އެދެވޭނެއެވެ. ޓުރިސްޓް ވިސާގައި އެތެރެވުމަށްފަހު 30 ދުވަސް ވުމުން އިތުރު 50 ހަފްތާއަށް ވިސާ އާ ކުރެވޭނެއެވެ. މި މުއްދަތު ނިމުމުން އެކަމަށް ޚާއްސަ ކުރެވިފައިވާ ފޯމާއި 1000 ޑޮލަރު ދެއްކުމުން ރަށްވެހިކަން ލިބޭނެއެވެ. އަދި 5 އަހަރު ބެލީޒްގައި ދިރިއުޅުމުން އެގައުމުގެ ދާއިމީ ރައްޔިތަކަށް ވެވޭނެއެވެ.
