ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ރޭ މެންޗެސްޓާ ސިޓީ އަތުން 4-0 އިން ރެއާލް މެޑްރިޑް ބަލިވި މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ފަރާތުން ފެނިގެންދިޔަ ހައި ޕްރެސްގެ ސަބަބުން ރެއާލްގެ ހަޤީޤީ ކުޅުން ނުދެއްކުނު ކަމަށް އެ ޓީމުގެ ގޯލްކީޕަރު ތިބައުޓް ކޯޓުއާ ބުނެފިއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި 1-1 އިން އެއްވަރުވުމުން ރޭގެ މެޗަށް ދެ ޓީމުން ނިކުތީ މޮޅުވުން ނޫން ގޮތެއްނެތި، އެ ރޫޚުގައެވެ. 

ނަމަވެސް، ރޭގެ މެޗު ފެށިގެން ސިޓީން ވަނީ ވަރަށް ޕެކްކޮށް އެޓޭކްކޮށް، އަމިއްލަ ހާފުގެ ތެރޭގައި ވެސް ރެއާލަށް ހިންދެމިލާނެ ފުރުޞަތެއްވެސް ނުދީފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ރެއާލުން މަސައްކަތްކުރީ ކައުންޓަ އެޓޭކުގައި ލިބޭ ފުރުޞަތުތަކުގައި ސިޓީ އަށް ނުރައްކާ ކުރުމަށެވެ. އެކަމަކު، ވަރަށް އޯގަނައިޒްކޮށް ފެނިގެންދިޔަ ސިޓީގެ ޑިފެންސުން ރެއާލަށް އެއްވެސް ޖާގައެއް ނުދިނެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ސިޓީގެ އެތަކެއް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ސިޓީން 125 ޕާސް ފުރިހަމަކުރިއިރު، ގާތްގަނޑަކަށް 80 އިންސައްތަ ވަގުތުގައި ބޯޅަ ގެންގުޅުނެވެ. އޭރު، އެންމެ ފަހުގެ ޗެމްޕިއަން ރެއާލަށް ފުރިހަމަކުރެވުނީ އެންމެ 13 ޕާސް ކަމަށް ޔުއެފާގެ ހިސާބުތަކުން ދައްކައެވެ.

ރެއާލް މެޑްރިޑާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

ކޯޓުއާ ބުނީ، ރޭގެ މެޗަށް ނިކުތުމުގެ ކުރީން ވެސް ރެއާލުން ގަބޫލުކުރީ ސިޓީން ޕްރެސްކުރާނެ ކަމަށާއި، ރެއާލްގެ އަމިއްލަ ގޭމް ކުޅޭނެ ފުރުޞަތު ނުދޭނެ ކަމަށެވެ. އަދި ކަންތައް ވީ ވެސް ހަމަ އެހެން ކަމަށާއި، އެމީހުންގެ ހައި ޕްރެސްގެ ސަބަބުން ރެއާލްގެ ހުރިހާ ކުޅުންތެރިންނަށް ވެސް އަމިއްލަ ބޮކްސް އަށް ވުރެ ކުރިއަށް ޖެހިލުމުގައި ހުރަސްތައް ކުރިމަތިކުރުވި ކަމަށް ވެސް ކޯޓުއާ ބުންޏެވެ.

"މެޗުގެ ކުރީކޮޅު ކޮންމެވެސް ވަރަކަށް ރަނގަޅަށް މެނޭޖްކުރެވުނު ނަމަވެސް އަމިއްލަ ގޭމް ކުޅެވޭގޮތެއްނުވި. ލަނޑުޖަހާނެ ފުރުޞަތެއް ތަނަވަސްކުރެވޭ ގޮތެއްނުވި، އެ މީހުންނަށް ނުރައްކާކުރެވޭ ގޮތެއް ވެސް ނުވި. އޭގެ ސަބަބުން އެ މީހުންނަށް އިތުރަށް ފަސޭހަވެގެންދިޔަ،"

"23 ވަނަ މިނެޓުގައި އެމީހުން ކާމިޔާބުކުރި ގޯލާއެކު މެޗުގެ ތެރެއަށް އަހަރެމެންނަށް ވަންނަން އިތުރަށް އުނދަގޫވި." ކޯޓުއާ ބުންޏެވެ.

މި މެޗުގެ ފުރަތަމަ 40 މިނެޓުގެ ތެރޭގައި ސިޓީ އަށް ބެނާޑޯ ސިލްވާ ޖަހައިދިން ދެ ލަނޑާއެކު، މި ލެގުގެ ކޮންޓްރޯލް އެމީހުން އަތުލި ކަމަށާއި، ނަމަވެސް ރެއާލަށް ފަރަގު ކުޑަކުރަން ލިބުނު ފުރުޞަތުގައި ޓޯނީ ކްރޫސް ފޮނުވާލި ބާރު ހަމަލާގައި ގޯލެއް ކާމިޔާބުކުރެވުނު ނަމަ، ފަހަރެއްގައި ނަތީޖާ އެހެން ގޮތަކަށް ނިކުތުން އެކަށީގެންވާ ކަމަށެވެ.

މެންޗެސްޓާ ސިޓީގެ އާލިން ބްރައުޓް ހާލަންޑް ބޮލުން ފޮނުވާލި ބޯޅައެއް ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ތިބައުޓް ކޯޓުއާ (ވ) މަތަކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ރެއާލުން މިދިޔަ ސީޒަނުގައި ޗެމްޕިއަންކަން ހޯދުމުގެ ރޭހުގައި ސިޓީ، ޗެލްސީ އަދި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކައި، ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލިނަމަވެސް ރޭގެ މެޗުގައި އެކަން އެގޮތަށް ތަކުރާރު ނުކުރެވުނެވެ. ސިޓީން ފަހު ހާފުގައި ޖެހި އިތުރު ދެ ލަނޑާއެކު، ފައިނަލުން ޖާގަ ހޯދިއެވެ.

"މިދިޔަ އަހަރުގެ މުބާރާތުގައި ނަތީޖާތައް އަހަރެމެންގެ ކޮޅަށް އަނބުރާލި ގޮަތަށް މިފަހަރު އެކަން އެގޮތަށް ނުވި. ރޭގެ މެޗުގެ ދެވަނަ ހާފު ފެށިގެން ނަތީޖާ އަނބުރާލުމަށް ހުރި ޝައުގުވެރިކަމާއި، އަހަރެމެން ކުރި މަސައްކަތްތައް ފެންނާނެ،" ކޯޓުއާ އިތުރަށް ބުންޏެވެ.

ނިންމާލަމުން ކޯޓުއާ ބުނީ، ދެވަނަ ހާފު ފެށިގެން ރެއާލްގެ ކުޅުން ރަނގަޅު ކުރި ކަމަށާއި އެހެންނަމަވެސް ލަނޑުޖަހާނެ ފުރުޞަތުތައް ތަނަވަސްކުރުމުގައި އެ ޓީމަށް އުނދަގޫތައް ކުރިމަތިވި ކަމަށެވެ. އަދި ހުސްޖާގައިގެ ބޭނުން ހިފަން ލިބުނު ދަނޑިވަޅުތަކުގައި އެޑްވާންޓޭޖް ނުނެގުމުގެ ސަބަބުން މެޗު ނިމިގެންދިޔައީ ހިތި ގޮތަކަށް، ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެގެން ކަމަށެވެ.