އިންސާނާގެ ހަށިގަނޑުގެ ބުންވަރަކީ އެއީ ބުރަ މަސައްކަތްތަކަށް ވަރަށް މުހިއްމު އެއްޗެކެވެ. ހާއްސަކޮށް ބޮޑެތި ކުޅިވަރުތަކުގައެވެ. އެގޮތުން ބުންވަރު އިތުރުކުރުމަކީ މިފަދަ ކުޅިވަރުތަކާއި މަސައްކަތްތައް ކުރާ ހަމަ ކޮންމެ މީހަކުމެ ބޭނުންވާނެ ކަންކަމެވެ. މި ލިޔުމުގައި މި ބަލާލަނީ ކެއުމާއި ބުއިމުގެ އާދަތަކުގެ ތެރެއިން ބުންވަރު އިތުރުކުރެވިދާނެ ބައެއް ގޮތްތަކަށެވެ.

ބެލެންސް ޑައިޓޭ މި ކިޔާ ކެއުމުގައި ގެންގުޅޭ މި ހަމަ އަކީ ވަރަށް މުހިއްމު އެއްޗެކެވެ. އިންސާނާގެ ހަށިގަނޑުގައި ހުންނަ ހަކަތަ އަކީ އިންސާނާ ކާ އެއްޗަކުން ލިއްބައިދޭ އެއްޗެކެވެ. މި ހަކަތައާއި ބުންވަރު އެއްހަމައެއްގައި ހިފަހައްޓައިދިނުމަށް ބެލެންސް ޑައިޓެއް ވަރަށްވެސް މިހިއްމެވެ.

ތަފާތު ގިނަ މާއްދާތައް އެކުލެވޭ ކެއުންތައް ކެއުމަކީ ޑައިޓް ބެލެންސް ކުރުމެވެ. އެއް މާއްދާއަކަށް މާބޮޑަށް ބަރޯސާނުވެ، ގިނަ މާއްދާތައް އެކުލެވޭނޭ ގޮތަށް ކެއުން ބައްޓަން ކުރަންވާނެއެވެ. ހާއްސަކޮށް ތެޔޮ އެކުލެވޭ ކާނާ މަދުކޮށް، މޭވާއާއި ތަރުކާރީ ފަދަ، ވިޓަމިނާއި މިނަރަލްސް ގިނައިން ލިއްބައިދޭ ކެއުންތަކަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. އެހެނީ އޭރުން ތަފާތު ގިނަ ވައްތަރުގެ ވިޓަމިނާއި މިނަރަލްސް ލިއްބައިދޭނެތީއެވެ.

ކެއުމުގައި ސަމާލުކަން ދޭންޖެހޭ އަނެއް ކަމަކީ ތިމާ ކުރާ މަސައްކަތަކާއި އެކަށީގެންވާ ވަރުގެ ކެއުމެއް އިހްތިޔާރު ކުރުމެވެ. ކުރާ މަސައްކަތަށް ބޭނުންވާނޭ ހަކަތަ ނުލިބޭވަރަށް މަދުން ކައިފިނަމަ، ބުންވަރެއް ނުހުންނާނެއެވެ. އަދި މާ ގިނައިން ކައިފިނަމަވެސް އެ ބުންވަރެއް ނުހުންނާނެއެވެ. އެހެންކަމުން ޑައިޓީޝަނުން ލަފާ ދެނީ ކެއުމުގައި މަދުން ކެއުމެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ކޮންމެވެސް މަދު މިންވަރެއް ކެއުމެވެ. މިއީ ބުންވަރު އިތުރުކުރަން އެދޭ މީހާ ކެއުން ބައްޓަން ކުރަންވީ ގޮތެވެ. ދެން ސަމާލުކަންދޭން ޖެހޭނެ އަނެއް ކަމަކީ އެ މަސައްކަތެއް ނުވަތަ ކުޅިވަރެއް އޮންނަ ވަގުތުގެ މަދުވެގެން 3 ގަޑިއިރު ކުރިން ކެއުމެވެ. އަދި ކެއުމުގައި ތެލާއި ކުޅި މަދުކުރުމެވެ. ހަކަތަ ލިއްބައިދޭ މޭވާ އާއި ތަރުކާރީ އަދި އެކިކަހަލަ ނަޓްސް ފަދަ ތަކެތި ގިނައިން ބޭނުން ކުރަން ސަމާލުކަން ދޭންވާނެއެވެ. މާގިނައިން ނުވަތަ މާ މަދުންވެސް ކައިގެން ނުވާނެއެވެ.

ބުއިމުގެ އާދަތަކުގެ ތެރެއިން ބުންވަރު ރަނގަޅު ކުރަން އެދޭ މީހާ ގިނައިން ދިޔާ އެއްޗެހި ބޯންވާނެއެވެ. އެފަދަ ބުރަ މަސައްކަތެއް ނުވަތަ ކުޅިނވަރެއް އޮންނަ ދުވަހެއް ނަމަ، އެ ކަމެއްގެ ވަގުތު ވަނުމުގެ 24 ގަޑި އިރު ކުރިން، ހޭލާ ހުންނަ ކޮންމެ އިރަކު، މަދުވެގެން، ދެ ގަޑިއިރުން ދެ ގަޑިއިރުން ފެންފޮދެއް ބޯންވާނެއެވެ. އެ ކަމެއްގެ ވަގުތު ވަނުމުގެ ކުރިން ކިތައްމެ ގިނައިން ފެން ބޮއުނު ކަމުގައި ވިޔަސް ފަރުވާލެއް ނެތެވެ. ނަމަވެސް އެކަމެއްގެ ތެރޭގައި ގިނައިން ފެން ބޯނަމަ، އެއީ ބުންވަރު ފިލާދާނެ ކަމެކެވެ. އެކަމެއްގެ ތެރޭގައި ޖެހޭނީ ކަރު ތެމޭވަރަަށް، އަރު ފިނިވެލާވަރަށް ފެން ބޯށެވެ. ސަމާލުކަން ދޭންޖެހޭނެ ކަމަކީ ކަރުތެރެ ހިކުނަ ނުދީ މަދުމަދުން ފެންފޮދުފޮދު ދިރުވާލަން ޖެހޭނެ ކަމެވެ.

ބުންވަރު ބޭނުންވާ މަސައްކަތެއް ފެށުމުގެ ގާތްގަނޑަކަށް 1 ގަޑިއިރު ކުރިން 1 ލީޓަރުގެ ލޮނުޕަކެޓް ފެން ބޯންވާނެއެވެ. މިއީ ގިނަ އަދަދެއްގެ އިލެކްޓްރޯލައިޓްސް އޭގައި އެކުލެވޭ ބުއިމެކެވެ. އެއާއި އެކު ލޭގެ ތެރޭގައި ހުންނަ ފެންކަން ހިފަހައްޓައިދީ ލޭ ހޫނު ވުމުން ދުރުކޮށްދޭނެއެވެ. ނަތީޖާއަކަށްވަނީ ވަރުބަލިވުމާއި ކަރުހިއްކުން ކުޑަވުމެވެ. ބުންވަރު އިތުރު ވުމެވެ.

ކެފެއިންގެ މާއްދާއަކީ ކުރު މުއްދަތަކަށް ބުންވަރު އިތުރުކޮަށްދޭ މާއްދާއެއް ކަމަށް ދިރާސާތަކުން ދައްކައިދެއެވެ. އެހެންކަމުން އެ ބުރަ ކަމެއް ކުރަން ފެށުމުގެ ކުރިން ގާތްގަނޑަކަށް 30 މިނެޓު ކުރިން ކެފެއިން އެކުލެވޭ އެއްޗެއް ބޯލެވިދާނެއެވެ. ނަމަވެސް މިއީ އަަދަވެ ކުރުން ރަނގަޅު ކަމެއް ނޫނެވެ. ކުރު މުއްދަތަކަށް ބުންވަރު އިތުރުވިއެއްކަމަކު، ކެފެއިންއަކީ ދިގު މުއްދަތަށް ބުންވަރު ދަށްކޮށްދޭ އެއްޗެއް ކަމަށްވެސް ދިރާސާވެރިން ދެކިލައްވައެވެ. އެހެނީ އޭގައި ހުންނަ ދެވިހިފުމުގެ މާއްދާއެއްގެ ސަބަބުން އެއަށް އިންސާނާގެ ހަށިގަނޑު ހޭނިދާނެތީއެވެ.

ކެއުމުގެ ވައްޓަފާޅިއަށާއި ބުއިމުގެ އާދަތަކަށް ގެނެވޭ ބައެއް ބަދަލުތަކަކީ ބުންވަރު އިތުރުކުރުމަށް ކުރެވިދާނޭ މުހިއްމު ކަންތައްތަކެކެވެ. ނަމަވެސް ހަމައެކަނި ކެއުމަށާއި ބުއިމަށް ގެންނަ ބަދަލުތަކަކުން، ދާއިމަށް ބުންވަރު އިތުރެއް ނުވާނެއެވެ. ބުންވަރު އިތުރުކުރުމުގައި އަދިވެސް ގިނަ ކަންތައްތަކެއް ވެއެވެ. ކެއުން ބުއިމުގެ އާދަތަކަކީވެސް އޭގެ ތެރެއިން ހަމަ ބޮޑު ބައެކެވެ.

 

ހަވާލާ: ފްރެންސިސްކޯ ގޮމޭޒް، ހެލްތް ލައިން - 2023