ދަންނަ ޒުވާން ކުއްޖެއްގެ ފޯނު ސްކްރީނަށް ބަލާލިވަގުތު ފެނުނީ ޕައިލެޓް ޔުނީފޯމް އަޅައިގެން ހުރި ކޮރިއާ ހިސާބު ފިރިހެން ކުއްޖެއްގެ ފޮޓޯއެވެ. ކާކު ފޮޓޯއެއްތޯ ސުވާލުކޮށްލުމުން މިއީ ކޮރެއާ ސެލްބްރިޓީއެއްގެ ފޮޓޯކަން އެނގުނެވެ. އަދި އެމީހާއާއި ބައްދަލުކުރަން ކޮރެއާއަށް އުދުހިލާފަ ވިއަސް ދާންހުރީ ތައްޔާރަށެވެ. މިގޮތަށް ޒުވާން ދެތިން ކުއްޖެއްގެ ފޯނުން ހަމަ އެކުއްޖާގެ ފޮޓޯ ފެނުމުން މިއީ ކާކުތޯ ބަލާލުމުގެ ޝައުގުވެރިކަން އުފެދިއްޖެއެވެ.

ޒުވާން ކުދިންގެ މެދުގައި ކޮރެއާގެ ފިލްމުތަކާއި ލަވައަށް އޮތް ފޯރި މިވަނީ އަލިފާންގަނޑެއް ހެން ފެތުރިފައެވެ. ފޯނުތަކުގެ ވޯލްޕޭޕަރއާއި ފޮތްތަކުގެ ބޭރާ ސޯޝަލް މީޑީއާގެ އެކައުންޓްތައް ވެސް ފުރިހަމަ ކޮށްލާފައިވަނީ ކޮރެއާ ތަރިންގެ ފޮޓޯތަކުންނެވެ. ބީޓީީއެސް ގެއިތުރުން ތަފާޓު ކޭޕޮޕްގެ ކުލަވަރުން މިވަނީ އެކުދިންގެ ހިތްތަކުގައި ކުލަޖައްސާފައެވެ.

 އެހެންނަމަވެސް އެންމެ ގިނަ ކުދިން ތާއީދުކުރާ މީހެއްގެ ގޮތުގައި ފާހަގަވީ ސައުތު ކޮރެއާގެ މަޝްހޫރު އެކްޓަރު އަދި ލަވަކިޔުންތެރިޔާ ލީ މިން ހޯއެވެ.

ކޮރެއާގެ މަގްބޫލު އެކްޓަރު ލީ މިން ހޯއަކީ އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ ކޮރެއާގެ އެކްޓަރުގެ ރިކޯޑް ގާއިމްކޮށްފައިވާ ތަރިއެކެވެ.

އޭނާގެ އިންސްޓަގްރާމުގައި އަދި ފޭސްބުކް އެކައުންޓުގައި  20 މިލިއަން ފޮލޯވަރުން އެބަތިއްބެވެ. އިންސްޓަގްރާމާއި ފޭސްބުކްގެ އިތުރުން ވެއިބޯގައި 28.63 މިލިއަން ފޮލޯވަރުން ލީ މިން ހޯ އަށް ލިބިފައި ވެއެވެ. އަދި ޓްވިޓާގައި ތިން މިލިއަން މީހުން އޭނާ ފޮލޯ ކުރެ އެވެ. 

ބޯއިޒް އޯވަރ ފްލާވަރޒް، ޕަރސަނަލް ޓޭސްޓް، ދަކިންގް އެޓަރނަލް މޮނާކް ފަދަ ފިލްމުތަކުންނާއި ސީރީޒްތަކުން ނަންވިދާލާފައިވާ ލީ މިން ހޯ ވަނީ މިލިޓްރީގައިވެސް މަސައްކަތް ކޮށްފައެވެ.

މީގެ ކުރިން ދިވެހިންގެ ހިތްތަކުގައި ޖާގަ ދެވިފައިވަ ޝާޚްރުހާން، ސަލްމާން ޚާން، ރިތިކު ރޯޝަން ގެ އިތުރުން، ބްރެޑް ޕިޓް، ކަރޓް ކޮބެއިން، ލިއަރނާޑޯ ޑިކެޕްރިއޯ ފަދަ ތަރިން ފުހެވިގެން ގޮސް މިހާރު މިވަނީ އެދުވަސް ބަދަލުވެ ކޮރެއާ ފަދަ ގައުމުތަކުގެ ތަރިންނަށް އޮތްތާއީދު އިތުރުވެފައެވެ.