މިހާރު ކުރިއަށްދާ 11 ވަނަ އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗުތަކަށްފަހު އަންހެން އަދި ފިރިހެން ޑަބަލްސް އިވެންޓްގެ ފައިނަލްގައި ކުޅޭ ޕެއާތައް ކަށަވަރުވެއްޖެއެވެ.
މި މަހުގެ 18 އިން 26 އަށް ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި އަންހެން އަދި ފިރިހެން ސިންގަލްސް އާއި ޑަބަލްސް އިވެންޓްގެ އިތުރުން އޯޕަން ސިންގަލްސް ކުޅުމަށް ހަމަޖެހިފައިވެއެވެ.
އަންހެން ޑަބަލްސް އިވެންޓްގައި ގްރޫޕްގެ ހުރިހާ މެޗެއް ކުޅެ ނިމުނުއިރު ތިން މެޗުން މޮޅުވެ، އެއްވަނަ ޕެއާގެ ގޮތުގައި ފައިނަލުން ޖާގަ ހޯދީ އައިމިނަތު ވިދާދް އާއި އައިމިނަތު ޝުބާ އާދަމް އެވެ. ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކުރީ ފާތިމަތު ރަޔާނާ އާއި އާމިނަތު ވިޝާމާގެ ޕެއާ އެވެ.
ފިރިހެން ޑަބަލްސް އިވެންޓްގައި ރޭ ކުޅުނު ސެމީ ފައިނަލްގެ މެޗުތަކަށްފަހު ފައިނަލުން ޖާގަ ހޯދީ އިސްމާއިލް އަޒްމީން އާއި އިބްރާހިމް އަޒްމީންގެ ޕެއާގެ އިތުރުން ހަސަން ނާޒިމް (ނާނަ) އާއި އުމަރު ޒިޔާދުގެ ޕެއާ އެވެ.
އިސްމާއިލް އަޒްމީން އާއި އިބްރާހިމް އަޒްމީންގެ ޕެއާ ފައިނަލުން ޖާގަ ހޯދީ ސެމީގައި 2-1 ގެ ނަތީޖާއަކުން އާދަމް އަދީލް އާއި އިބްރާހިމް ލިފާއު އާމިރުގެ ޕެއާ ބަލިކޮށްގެންނެވެ. މުބާރާތުގެ ފިރިހެން ޑަބަލްސް އިވެންޓްގެ ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކުރި ނާނަ އާއި އުމަރުގެ ޕެއާ ވަނީ ސެމީގައި މުހައްމަދު މުންތަސިރު (މުންކޮ) އާއި އަހުމަދު މުޝްރިފްގެ ޕެއާ އަތުން 2-1 އިން މޮޅުވެފައެވެ.
މި އަހަރުގެ މުބާރާތުގެ އަންހެން އަދި ފިރިހެން ޑަބަލްސް އިވެންޓްގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައެވެ. މި މުބާރާތުގައި މިރޭ ކުޅޭނީ އޯޕަން ސިންގަލްސް މެޗުތަކެވެ.
