މިހާރު ކުރިއަށްދާ 11 ވަނަ އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗުތަކަށްފަހު އޯޕަން ސިންގަލްސް ފައިނަލުން އިބްރާހިމް ހުޖާން އަލީ އާއި އިސްމާއިލް އަޒްމީން ޖާގަ ހޯދައިފިއެވެ.
މި ދެ ކުޅުންތެރިންގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗު އޮންނާނީ މި މަހުގެ 26 ވާ ހުކުރު ދުވަހުގެ ރޭ 8:00 ގައެވެ. މި މުބާރާތުގެ ހުރިހާ އިވެންޓެއްގެ ފައިނަލެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު އެވެ.
މި މަހުގެ 18 އިން 26 އަށް ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި އަންހެން އަދި ފިރިހެން ސިންގަލްސް އާއި ޑަބަލްސް އިވެންޓްގެ އިތުރުން އޯޕަން ސިންގަލްސް ކުޅުމަށް ހަމަޖެހިފައިވެއެވެ. މި ފަހަރުގެ މުބާރާތުގައި ޖުމްލަ 45 ކުޅުންތެރިން ބައިވެރިވެފައިވެއެވެ.
މިދިޔަ ދެ އަހަރު ރާއްޖޭގެ އެންމެ މޮޅު ކެރަމް އެތުލީޓުގެ މަޤާމް ހޯދި އަޒްމީން މި މުބާރާތުގެ އޯޕަން ސިންގަލްސް ބައިގެ ފައިނަލުން ޖާގަ ހޯދީ ސެމީގައި އާދަމް އަދީލް 23-9 އިން ބަލިކޮށްގެންނެވެ. އަޒްމީން އާއި އިބްރާހިމް އަޒްމީންގެ ޕެއާ ވަނީ މި މުބާރާތުގެ ފިރިހެން ޑަބަލްސް އިވެންޓްގެ ފައިނަލުން ވެސް ޖާގަ ހޯދާފައެވެ. އޯޕަން ސިންގަލްސްގެ ދެވަނަ ސެމީގައި ހުޖާން ވަނީ އާމިނަތު ވިޝާމާ އަތުން 25-14 އިން މޮޅުވެފައެވެ.
އަޒްމީން ފައިނަލަށް ކުރި ދަތުރަށް ބަލާލާއިރު ކުއާޓާގައި އޭނާ ވަނީ ހަ ފަހަރު ޤައުމީ ޗެމްޕިއަންކަން ހޯދާފައިވާ ހުސެއިން ނީޝަމް މައްޗަށް 25-16 އިން ކުރިހޯދާފައެވެ. ޕްރީ-ކުއާޓާގައި އަހުމަދު ޖަލާލް އަލީ އަތުން 25-5 އިން މޮޅުވިއިރު، އޭގެކުރީން ކުޅުނު ދެވަނަ ބުރުގެ މެޗުގައި އައިޝަތު ފައިނާޒް އަތުން މޮޅުވީ 25-0 އިންނެވެ.
މުބާރާތުގައި ހުޖާން ކުޅުނު ފުރަތަމަ މެޗުގައި 25-11 އިން އަލީ ހަސަން އަތުން މޮޅުވިއިރު، ދެވަނަ ބުރުގައި ކުރީގެ ޤައުމީ ޗެމްޕިއަން މުހައްމަދު މުންތަސިރު (މުންކޮ) އަތުން މޮޅުވީ 22-14 އިންނެވެ. އެއަށްފަހު ދެން ކުޅެވުނު ޕްރީ-ކުއާޓާގައި ވާދަވެރި މެޗަކަށްފަހު 19-18 އިން އިބްރާހިމް ލިފާއު އާމިރު ބަލިކޮށް، ކުއާޓާ އަށް ދަތުރުކުރިއެވެ. ކުއާޓާގައި ހުޖާން ވަނީ އިބްރާހިމް އަޒްމީން އަތުން 25-5 އިން މޮޅުވެފައެވެ.
މި މުބާރާތުގައި މިރޭ ކުރިއަށްދާނީ އަންހެން އަދި ފިރިހެން ސިންގަލްސް އިވެންޓްގެ މެޗުތަކެވެ.
