ސާފުތާހިރުކަން މަތީ ދެމިހުރުމަށްޓަކައި ދުވާލަކު މަދުވެގެން ދެފަހަރު ދަތްއުގުޅުމަކީ އަޅުގަނޑުމެން އެންމެންގެވެސް އާދައެކެވެ. ނަމަވެސް ދުވާލަކު ދެފަހަރު އަޅުގަނޑުމެން ދަތްއުނގުޅަމުންދާ ބުރުސް ބަދަލުކުރެވެނީ ކިހާ އަވަހަކަށްބާއެވެ؟ އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގައި ރީތިވާން ބޭނުންކުރާ ސާމާނު އަވަސްއަވަހަށް ބަދަލުކުރެވެއެވެ. އަދި މުއްދަތުހަމަވާން ކައިރިވެފައި ހުންނަ އެއްޗެހި މުއްދަތުހަމަވުމަށްފަހު ނުވަތަ ހަމަވުމުގެ ކުރުން އުކާލެވެއެވެ. ނަމަވެސް ދަތްއުގުޅާ ބުރުހަށް މާބޮޑު ސަމާލުކަމެއް ދެވޭ ތަނެއް ނާދެއެވެ. ހަމައެއާއެކު ބުރުސް ބަދަލުނުކޮށް ގިނަދުވަހު ބޭނުންކުރުމަކީ ސިއްޙަތަށް ކިހާ ގެއްލުންހުރި ކަމެއްކަން އެނގެނީ ކިތައްމީހުނަށް ހެއްޔެވެ. 
އެމެރިކެން ޑެންޓަލް އެސޯސިއޭޝަންގެ ދަތުގެ މާހިރުން ވިދާޅުވާގޮތުގައި ކޮންމެ ތިންމަހުން އެއްފަހަރު ދަތްއުނގުޅާ ބުރުސް ބަދަލުކުރަންޖެހެއެވެ. ސަބަބަކީ ތިންމަސްތެރޭގައި ބުރުހުގައި ހުންނަ ނަރުތަކުގެ ބާރުދަށްވެ ނަރުތައް ހަލާކުވެއެވެ. އަދި ނަރުތަކުގެ ބާރުދަށްވުމަށްފަހު ދަތުގައި ހަރުލާފައިހުންނަ ކޮބަޑިތައް ބުރުހުގެ އެހީގައި ރަނގަޅަށް ސާފުނުވެއެވެ. އެހެންވުމުގެ ސަބަބުން ހިރުގަނޑުގައި ޖަރާސީމު އުފެދުމާއި ދަތްފަނިކެއުން ފަދަ ކަންކަން ކުރިމަތިވެއެވެ. މީގެ އިތުރުންވެސް ޑެންޓިސްޓުން ބުނާގޮތުގައި އަޅުގަނޑުމެންގެ ލޮލަށްނުފެންނަ ކުދިކުދި ބެކްޓީރިޔާތައް ބުރުހުގެ ނަރުގަނޑު ތެރޭގައި ފިލާތިބެއެވެ. އެހެންކަމުން އަވަހަށް ބުރުސް ބަދަލުކުރުން ޙާއްސަކޮށް ރޯގާޖެހި ހުންއައުމަށްފަހު ބުރުސް ބަދަލުކުރުމަކީ މުޙިންމު ކަމެކެވެ. ދަތްއުނގުޅާ ނިމުމަށްފަހު ރަނގަޅަށް ހޫނުފެނުން ބުރުސް ސާފުނުކުރެވޭނަމަ ބުރުހުގެ އެތެރެ ފަށަލާގައު ބެކްޓީރިޔާ ފަންގަސް ފަދަ ޖަރާސީމު ހަރުލައެވެ. އެހެންކަމުން ބުރުސް ބޭނުނުކުރުމަށްފަހު ރަނގަޅަށް ސާފުކުރުމާއި އެހެން ބުރުސްތަކާއި ދުރުގައި ރައްކާތެރި ތަނެއްގައި ބުރުސް ބޭއްވުމަކީ މުހިންމު ކަމެކެވެ. ބުރުސް ޖަހާ ދަޅުފަދަ އެއްޗެހީގައި އެހެންމީހުންނާ އެކު ބުރުސް ބޭއްވި ކަމުގައިވިޔަސް ދެބުރުސް ނުޖެހޭ ގޮތަށް ބުރުހުގެ ނަރުގަނޑު ނިވާކޮށްފައި ބޭއްވުން އެދެވިގެންވެއެވެ. 
ތިމާއަށް ދަތްއުގުޅާ ބުރުހަށް ވީ ކިހާދުވަހެއްކަން ހަނދާންނެތިއްޖެނަމަ ބުރުހަށް އަންނަ ބަދަލުން އެކަން ދެނެގަނެވޭނެއެވެ. ބުރުހުގެ ނަރުގަނޑު ވީދިފައިހުރުން، ނަރުތައް މަދުވުން އަދި އެތެރެ ފަށަލާގައި ކަޅުތިކިތަކެއް ފާހަގަވާނަމަ ލަސްނުކޮށް ބުރުސް ބަދަލުކުރަންވާނެއެވެ. އެހެންނޫންނަމަ ތިމާއަށް ނޭގިވެސް އެދަތުރުކުރެވެނީ ބަލިތަކާއި ދިމާއަށެވެ. ގިނަފަހަރަށް ދަތަށް ދިމާވާ މައްސަލަތަކަކީ މިދެންނެވުނު ޖަރާސީމުތަކުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ވުމަކީ ގާތްކަމެކެވެ. އެހެންކަމުން މިފަދަ ކުދިކުދި ކަންކަމަށް ފަރުވާ ނުކުރެވުމުގެ ސަބަބުން ބައެއްފަހަރު ދަތްތައް ނަގަންޖެހި ދަތް ފައިބާ ފަހަރުވެސް އާދެއެވެ.