ލޭގެ ރަތުލޭހަތާ ހަތާތަކަކީ އިންސާނާގެ ދިރިހުރުމާ ސީދާ ގުޅުންހުރި ހަތާތަކެކެވެ. ފަނާގަލެއްގެ ބައްޓަމަށް މެދަށް އަޑިކޮށް ހުންނަ މި ހަތާތަކަކީ ހަށިގަނޑުގައި ދައުރުވާ ލޭގެ ތެރޭގައި އޮކްސިޖަނާއި ކާބަންޑައިއޮކްސައިޑް އުފުލާ ހަތާތަކެވެ. އިންސާނާ ނޭވާލުމާއި އެކު ހުންނަ އޮކްސިޖަންތައް މި ރަތުލޭ ހަތާތަކުގެ ތެރެއަށްވަދެ، މުޅި ހަށިގަނޑުގައި ދައުރުކުރެއެވެ. އަދި އެހެން ހަތާތަކަށް ފޯރުކޮށްދެއެވެ. އެއަށްފަހު އެހެން ހަތާތަކުން ބޭރުކުރާ ކާބަންޑައިއޮކްސައިޑް އަނެއްކާ ރަތުލޭ ހަތާތަކުގެ ތެރެއަށް ވަދެ، ފުއްޕާމެއަށް އައިސް ބޭރުވެދެއެވެ.
ފުއްޕާމެއިން އޮކްސިޖަން، ރަތުލޭ ހަތާތަކުގެ ތެރެއަށްވަދެ، ގުޅެނީ ރަތުލޭހަތާތަކުގައި ހުންނަ ހިމޮގުލޮބިން ނަމަކަށް ކިޔާ މާއްދާއަކާއެވެ. އެހާރުން އެއަށް އޮކްސިހިމޮގުލޮބިން އޭ ކިޔައެވެ.
އާއްމު ގޮތެއްގައި ހެދޭ ލޭގެ ތަހުލީލު ތަކުގައި ހަދާ، އެޗް.ބީ ނަމަކަށް ތަހުލީލަކީ މި މާއްދާ ހުރި މިންވަރު ބެލުމަށް ހަދާ ތަހުލީލެކެވެ. އެއިން ދައްކައިދެނީ ރަތުލޭހަތާތަކުގައި ހިމޮގުލޮބިން ހުރި މިންވަރެވެ. ހުންނަންވާ މިންވަރަށްވުރެ އެ މާއްދާ މަދުކަމުގައި ވަނީނަމަ، އެކަމުގެ މާނައަކީ ރަތުލޭހަތާތަކުގައި އޮކްސިޖަން އުފުލުގެ ގާބިލުކަން ކުޑަކަވުމެވެ. މިހާލަތަށް ދިވެހިން އާއްމުކޮށް ލޭ މަދުވުމޭ ކިޔައެވެ.
އެޗް.ބީ ދައްވުމާއި އެކު، އެ މާއްދާ މަތިކުރުމަށް ޑަކްޓަރު ބޭހެއް ދެއެވެ. މިގޮތަށް އާއްމުކޮށް ދޭ އެއް ބޭހަކީ ފޯލިކް އެސިޑެވެ. އަސްލަކީ މަދުވާ އެޗް.ބީ މަތިކުރުމަށް ބޭނުންވަނީ ދަގަނޑުގެ މާއްދާއެވެ. ފޯލިކް އެސިޑަކީ ދަގަނޑުގެ މާއްދާގެ ސަޕްލިމެންޓެކެވެ.
ބައެއް މީހުންނީ ދޭތެރެ ދޭތެރެއިން ލޭ މަދުވާ މީހުންނެވެ. އެފަދަ މީހުންގެ ކިބައިން ފެންނަ އެއްމެ ބޮޑު އެއް އަލާމާތަކީ ވަރުބަލި ވުމެވެ. މި މީސްމީހުންމަށް ވަރުބަލިކަން އިހުސާސް ކުރަން ޖެހެނީ އެޗް.ބީ މަދުވުމުން ނުވަތަ ލޭ މަދުވުމޭ މި ކިޔާ ހާލަތު ދިމައިވުމުން، ލޭގެ ތެރޭގައި އޮކްސިޖަން އުފުލާ މިންވަރު މަދުވެ، ގުނަންތަކަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ނުލިބޭތީއެވެ.
މާބަނޑުދުވަސްވަރު ފޯލިކް އެސިޑް ކެއުމަކީ މުހިއްމު ކަމެކެވެ. އަދި ޑަކްޓަރުގެ ލަފައާއި އެއްގޮތަށް އެއީ ކެއުން ކޮންމެހެން މުހިއްމު ބޭހެކެވެ. އެއީ މައިމީހާއަށްވުރެ ބޮޑަށް، ބަނޑުގައިވާ ކުޑަ ދަރިފުޅުގެ ސިއްޙަތާއި ގުޅިފައިވާ ބޭހެކެވެ. މާބަނޑު ނޫން ހާލަތްތަކުގައި، އާއްމު ހާލަތްތަކުގައި އާދަވެ ލޭ މަދުވާ މީހުން ނުވަތަ އެޗް.ބީ ދައްވާ މީހުން، ދަގަނޑުގެ މާއްދާ ގިނައިން އެކުލެވޭ ކާނާ ކެއުމަށް ސަމާލުކަން ދޭށެވެ. ގަވައިދުން އާދަވެ އެފަދަ ކާނާ ކާނަމަ، އެޗް.ބީ ދަށްވުމުގެ ފުރުސަތު ކުޑަވެއެވެ.
ދަގަނޑުގެ މާއްދާ ގިނަ އަދަދަކަށް އެކުލެވޭ ބާއެއް ކާނާ ތަކަކީ އެއްގަމު މަހާއި ކަނޑުމަހާއި ކޯރު މަހެވެ. ކުކުޅު ބިހާއި ހިއްކާފައި ހުންނަ އެކިކަހަލަ މޭވާ އާއި އެކިކަހަލަ ނަޓްސް ނުވަތަ މަދުގެ ބާވަތްތައް ހިމެނެއެެވެ. ފެހިކުލަ ގަދަ ފަތްފަތާއި ހާއްސަކޮށް މުރަނގަފަތް ފަދަ ފަތްތަކަކީ ގިނަ އަދަދަކަށް ދަގަނޑުގެ މާއްދާ ލިއްބައިދޭ ކާނާ ތަކެކެވެ. ތަރުކާރީތަކުގެ ތެރެއިން ބޮރޮކޮލި އަކީވެސް ދަގަނޑުގެ މާއްދާއިން މުއްސަނދިވެފައިވާ ކާނާއެކެވެ. ރަތްކުލަ ގަދަ މޭވާ އާއި، ކުދި އޮށް ގިނަ މޭވާ އަކީވެސް ދަގަނޑުގެ ބައި އިތުރުކޮށްދިނުމަށް އެހީތެރިވެދޭ މޭވާ ތަކެކެވެ. ޖުމުލަކޮށް ގޮވާމާއި ފަލަމަޑީގެ ބާވަތްކާއި ތެލާއި ކިރުގެ މާއްސާތަކަށްވުރެ ބޮޑަށް މޭވާއާއި ތަރުކާރީގެ ބާވަތްތަށް ކެއުމުގައި ގިނަކުރެވޭތޯ ބަލަން ވާނެއެވެ.
މިއީ އާއްމުކޮށް އަހަރެމެންގެ ދިރިއުޅުމުގައި ލިބެން ހުންނަ ކާނާތަކުގެ ތެރެއިން ދަގަނޑުގެ މާއްދާ ނުވަތަ އަޔަން ގިނަ އަދަދަކަށް ލިއްބައިދޭ ކާނާތަކެވެ. މީގެ އިތުރުންވެސް އަދިވެސް ކިތައްމެ ކާނާއެއް ހުންނާނެއެވެ. އާއްމުކޮށް ލޭ މަދުވާ މީހުން މިފަދަ ކާނާތަށް ކެއުމަށް ސަމާލުކަން ދޭން ޖެހޭނެއެވެ. އާއްމުކޮށް ލޭ މަދުނުވާ (ދުޅަހެޔޮ) މީހުންވެސް އެމީހުންގެ ކެއުމުގައި ދަގަނޑުގެ މާއްދާ ހިމަނަން ވާނެއެވެ.
