މިހާރު ކުރިއަށްދާ އައިޕީއެލްގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި ގުޖުރާތު ޓައިޓަންސް އަތުން ބަލިވެ، ރޯޔަލް ޗެލެންޖާސް ބެންގަލޫރު ކެޓިއިރު މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ މުމްބާއީ އިންޑިއަންސް ޕްލޭއޮފްސް އިން ޖާގަ ހޯދައިފިއެވެ.
ބެންގަލޫރުން ރޭގެ މެޗަށް ނިކުތްއިރު ޕްލޭއޮފްސް އިން ޖާގަ ކަށަވަރުކުރުމަށްޓަކައި މޮޅުވުން ނޫން ގޮތެއްނެތެވެ. އެއީ އިއްޔެ ހަވީރު ކުޅުނު މެޗުގައި ސަން ރައިޒާސް ހައިދަރުއާބާދު އަތުން ފަސް ވިކެޓުން މުމްބާއީ މޮޅުވުމުންނެވެ.
ރޭގެ ނަތީޖާއާއެކު ގުޖުރާތު އެއްވަނައިގައި އޮތީ 14 މެޗުން ލިބުނު 20 ޕޮއިންޓާއެކު އެވެ. އެ ޓީމުން މިދިޔަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވެސް ކުޅުނު 10 މެޗު ކާމިޔާބުކޮށް، މިއަދަދަށް ޕޮއިންޓް ހަމަކުރިއެވެ. ދެވަނައިގައި އޮތް ޗެންނާއީ ސުޕަ ކިންގްސް އާއި ތިނެއްގައި އޮތް ލަކްނޯ ސުޕަ ޖަޔަންޓްސް އަށް ލިބިފައިވާ 10 މެޗުން 17 ޕޮއިންޓެވެ. ޗެންނާއީ އަށް ކުރިލިބެނީ ނެޓް ރަން ރޭޓުންނެވެ. މުމްބާއީ ހަތަރުވަނައިގައި އޮތީ 14 މެޗުން ލިބުނު 16 ޕޮއިންޓާއެކު އެވެ. ލީގު ބުރު ނިމުނުއިރު ޕްލޭއޮފްސް އިން ޖާގަ ލިބުނީ އެންމެ ކުރީގައި އުޅޭ ހަތަރު ޓީމަށެވެ.
ބެންގަލޫރުގެ ޗިންނަސްވާމީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ގުޖުރާތުން ގަސްދުކުރީ ހޮވަން އަރާށެވެ. ފުރަތަމަ އިނިންގްސްގައި ބެންގަލޫރުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ފަސް ވިކެޓަށް 197 ލަނޑުހެދިއެވެ.
މި އިނިންގްސްގައި ބެންގަލޫރުން އެންމެ މޮޅަށް ކުޅުނީ ސައްތަ ހެދި ވިރާތު ކޯލީ އެވެ. އޭނާ ވަނީ ނުބައިނުވެ 61 ބޯޅައިން 101 ލަނޑުހަދައިފައެވެ. ކޯލީގެ މި އިނިންގްސްގައި ވަނީ 13 ފަހަރު ހަތަރަކަށް ޖަހައި، އެއް ފަހަރު ހަޔަކަށް ޖަހައިފައެވެ. މިއީ ކޯލީ، ޖެހިޖެހިގެން ހެދި ދެވަނަ ސައްތަ އެވެ. އެންމެ ފަހުން ސަންރައިޒާސްއާ ދެކޮޅަށް ބެންގަލޫރު ކުޅުނު މެޗުގައި ވެސް އޭނާ ވަނީ ސައްތަ ހަދައިފައެވެ.
ބެންގަލޫރުގެ އިނިންގްސްގައި ދެން އެންމެ ރަނގަޅަށް ކުޅުނީ މައިކަލް ބްރޭސްވެލް އާއި އަނޫޖް ރާވަތު އެވެ. ބްރޭސްވެލް، 16 ބޯޅައިން 26 ލަނޑުހެދިއިރު އެ ޓީމުގެ ވިކެޓްކީޕަރު ބެޓްސްމަން ރާވަތު ވަނީ ނުބައިނުވެ 15 ބޯޅައިން 23 ލަނޑުހަދައިފައެވެ. ގުޖުރާތުން އެންމެ ރަނގަޅަށް އުކީ ދެ ވިކެޓްނެގި ނޫރު އަހުމަދު އެވެ.
ޖަވާބުގައި ކުޅެން އެރި ގުޖުރާތުން ވަނީ ބާކީ ފަސް ބޯޅަ އޮއްވާ، ހަތަރު ކުޅުންތެރިން ނުބައިވެގެން 198 ލަނޑުހަދައިފައެވެ. އެ ޓީމަށް މިވަރުގެ ބޮޑު ޓާގެޓަކަށް ވާސިލްވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ޝުބްމަން ގިލް އެވެ. އޭނާ ވަނީ ނުބައިނުވެ 52 ބޯޅައިން 104 ލަނޑުހަދައިފައެވެ. ޝުބްމަންގެ މި އިނިންގްސްގައި ފަސް ފަހަރު ހަތަރަކަށް ޖަހައި، 8 ފަހަރު ހަޔަކަށް ޖަހާފައިވެއެވެ. މިއީ އޭނާގެ ފަރާތުން ޖެހިޖެހިގެން ފެނުނު ދެވަނަ ސައްތަ އެވެ. އަދި މިއާއެކު، ޝުބްމަން ވަނީ އައިޕީއެލްގެ ތާރީޚުގައި ޖެހިޖެހިގެން ދެ މެޗުގައި ސައްތަހެދި ހަތަރުވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މި ލިސްޓުގައި ދެން ހިމެނެނީ؛ އިންޑިއާގެ ކުރީގެ ކެޕްޓަން ކޯލީ އާއި ޝިކަރު ދަވަން އަދި ޖޮސް ބަޓްލާ އެވެ.

ދެވަނަ އިނިންގްސްގައި ގުޖުރާތަށް ދެން އެންމެ ރަނގަޅަށް ކުޅުނީ އިމްޕެކްޓް ޕްލެއާގެ ގޮތުގައި ކުޅެން އެރި ވިޖޭ ޝަންކަރު އެވެ. އޭނާ ވަނީ 35 ބޯޅައިން 53 ލަނޑުހަދައިފައެވެ. މި އިނިންގްސްގައި ބެންގަލޫރުން އެންމެ ރަނގަޅަށް އުކި މުޙައްމަދު ސިރާޖް ދެ ވިކެޓްނެގިއިރު، ވިޖޭކުމާރު ވީޝަކް އާއި ހަރްޝަލް ޕަޓޭލް ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ.
މުމްބާއީ އިން އިއްޔެ ހަވީރު ސަންރައިޒާސްއާ ދެކޮޅަށް ކުޅުނު މުހިއްމު މެޗު ކާމިޔާބުކުރީ 8 ވިކެޓުންނެވެ. މުމްބާއީގެ ވަންކެޑޭ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ކުޅެން އަރައި ސަންރައިޒާސް އިން ފަސް ވިކެޓަށް 200 ލަނޑުހެދިއިރު، ޖަވާބުގައި ކުޅެން އެރި މުމްބާއީ އިން ބާކީ ދެ އޯވަރު އޮއްވާ މެޗު ކާމިޔާބުކުރީ ދެ ކުޅުންތެރިން ނުބައިވެގެން 201 ލަނޑުހަދައިގެންނެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 47 ބޯޅައިން 100 ލަނޑުހެދި ކެމަރަން ގްރީން އެވެ.
މި މުބާރާތުގައި ދެން އޮތީ މާދަމާ ރޭގަނޑު 7:00 ގައި ޗެންނާއީއާ ދެކޮޅަށް ގުޖުރާތު ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ ކޮލިފަޔާ އެވެ. މިއީ ލީގުގެ އެއްވަނަ އަދި ދެވަނަ ޓީމުގެ ދެމެދުގައި ކުޅޭ މެޗެވެ. މި މެޗުން މޮޅުވާ ޓީމެއް ސީދާ ފައިނަލަށް ހޮވޭއިރު، ބަލިވާ ޓީމަށް އިތުރު ފުރުޞަތެއްލިބޭނެ އެވެ. އެއީ އަންނަ ބުދަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެލިމިނޭޓާ މެޗުގައި ލަކްނޯއާ މުމްބާއީ ކުރެން މޮޅުވާ ޓީމަކާ ދެކޮޅަށް އަންނަ ހުކުރު ދުވަހު ކުޅޭ ދެވަނަ ކޮލިފަޔާ ކާމިޔާބުކޮށްގެންނެވެ.
