މިހާރު ކުރިއަށްދާ އައިޕީއެލްގެ ފުރަތަމަ ކޮލިފަޔާގައި އެންމެ ފަހުގެ ޗެމްޕިއަން ގުޖުރާތު ޓައިޓަންސް 15 ލަނޑުގެ ތަފާތަކުން ބަލިކޮށް، ޗެންނާއީ ސުޕަ ކިންގްސް އިން އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ލީގު ބުރު ނިމުނުއިރު ތާވަލްގެ އެންމެ ކުރީގައި އުޅުނު ދެ ޓީމުގެ ދެމެދުގައި ކުޅެވުނު ފުރަތަމަ ކޮލިފަޔާގައި ޗެންނާއީ އަތުން ގުޖުރާތު ބަލިވިނަމަވެސް، އެ ޓީމަށް ފައިނަލަށް ދިއުމުގެ ފުރުޞަތު އަދި އެބައޮތެވެ. އެއީ، މުބާރާތުގެ ލީގު ބުރު ނިމުނުއިރު ތިންވަނަ އަދި ހަތަރުވަނައިގައި އޮތް ދެ ޓީމު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް އަންނަ ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ކޮލިފަޔާ ކާމިޔާބުކޮށްގެންނެވެ.
ޗެންނާއީގެ އެމްއޭ ޗިދަމްބަރަމް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން ގުޖުރާތުން ގަސްދުކުރީ ހޮވަން އަރާށެވެ. ފުރަތަމަ އިނިންގްސްގައި ޗެންނާއީ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތް ވިކެޓަށް 172 ލަނޑުހެދިއެވެ.
ޗެންނާއީ އިން އެންމެ ރަނގަޅަށް ކުޅުނީ 44 ބޯޅައިން 60 ލަނޑުހެދި ރުތުރާޖް ގައިކްވާދް އެވެ. އޭނާ ވަނީ ހަތް ފަހަރު ހަތަރަކަށް ޖަހައި، އެއް ފަހަރު ހަޔަކަށް ޖަހައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޑެވޯން ކޮންވޭ ވަނީ 34 ބޯޅައިން 40 ލަނޑުހަދައިފައެވެ. އެ ޓީމުގެ އޯލްރައުންޑަރު ރަވިންދްރަ ޖަދޭޖާ، 16 ބޯޅައިން 22 ލަނޑުހެދިއިރު، އަޖިންކިޔާ ރަހާނޭ ވަނީ 10 ބޯޅައިން 17 ލަނޑުހަދައިފައެވެ. މީގެއިތުރުން، 8 ވަނަ އަށް ކުޅެން ނިކުތް މޮއީން އަލީ ވަނީ ނުބައިނުވެ 4 ބޯޅައިން 9 ލަނޑުހެދިއެވެ. ޗެންނާއީގެ ކެޕްޓަން މަހެންދުރަ ސިންގ ދޯނީ ނުބައިވީ އެންމެ ލަނޑަކަށެވެ.
ގުޖުރާތުން އެންމެ ރަނގަޅަށް އުކީ ހަތަރު އޯވަރުގެ ތެރޭގައި 28 ލަނޑަށް ދެ ވިކެޓްނެގި މުޙައްމަދު ޝާމީ އެވެ. މޯހިތު ޝަރްމާ ދެ ވިކެޓްނެގިއިރު ދަރްޝަން ނަލްކަންޑޭ އާއި ރަޝިދު ޚާން އަދި ނޫރު އަހުމަދު ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ.
ޖަވާބުގައި ކުޅެން އެރި ގުޖުރާތަށް ޓާގެޓަށް ވާސިލްނުވެވި، 20 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 157 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ޝުބްމަން ގިލް ވަނީ 38 ބޯޅައިން 42 ލަނޑުހަދައިފައެވެ. އޭނާގެ މި އިނިންގްސްގައި ހަތަރު ފަހަރު ހަތަރަކަށް ޖެހިއިރު، އެއް ފަހަރު ހަޔަކަށް ޖަހާފައިވެއެވެ. ދެން އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ އަފްޣާނިސްތާންގެ އުކުންތެރިޔާ ރަޝިދު ޚާންގެ ބެޓިން އެވެ. އޭނާ ވަނީ 16 ބޯޅައިން 30 ލަނޑުހަދައިފައެވެ. އެ ޓީމުގެ ކެޕްޓަން ހާޑިކް ޕާންޑްޔާ ނުބައިވީ 8 ލަނޑަށެވެ.
މި އިނިންގްސްގައި ޗެންނާއީގެ ހަތަރު އުކުންތެރިއަކު ދެ ވިކެޓްނެގިއެވެ. އެއީ ދީޕަކް ޗަހާރް، މަހީޝް ތީކްޝާނާ އާއި ރަވިންދުރަ ޖަދޭޖާ އަދި މަތީޝާ ޕަތިރާނާ އެވެ. އެ ޓީމުގެ ތުޝާރު ދޭޝްޕަންޑޭ ވިކެޓެއްނެގިއެވެ.
މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ އެލިމިނޭޓަރ މެޗުގައި ބައްދަލުކުރާނީ މުމްބާއީ އިންޑިއަންސްއާ ލަކްނޯ ސުޕަ ޖަޔަންޓްސް އެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 7:00 ގައެވެ.
???? ???????????: ????? ✈️?
— IndianPremierLeague (@IPL) May 23, 2023
Congratulations ? to ??????? ????? ?????, the first team to qualify for #TATAIPL 2023 Final ?#Qualifier1 | #GTvCSK | @ChennaiIPL pic.twitter.com/LgtrhwjBxH
