މިހާރު ކުރިއަށްދާ 11 ވަނަ އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗުތަކަށްފަހު އަންހެން ސިންގަލްސް އިވެންޓްގެ ފައިނަލްގައި އައިމިނަތު ވިދާދްއާ އާމިނަތު ވިޝާމާ ބައްދަލުކުރާން ޖެހިއްޖެއެވެ.

މި މަހުގެ 18 އިން 26 އަށް ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި އަންހެން އަދި ފިރިހެން ސިންގަލްސް އާއި ޑަބަލްސް އިވެންޓްގެ އިތުރުން އޯޕަން ސިންގަލްސް ކުޅުމަށް ހަމަޖެހިފައިވެއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ވިދާދް ފައިނަލަށް ދަތުރުކުރީ ސެމީގައި ސީދާ ދެ ގޭމުން އަފީފުއްނިސާ ބަލިކޮށްގެންނެވެ. އެ މެޗުގެ ސެޓުތައް ވިދާދް ގެންދިޔައީ 25-0 އަދި 25-0 އިންނެވެ. އޭގެކުރީން، ކުޅުނު މެޗުގައި ރާފިއަތު ރިޒްމާ އަތުން ވިދާދް މޮޅުވީ ވެސް 25-0، 25-0 އިންނެވެ.

ވިޝާމާ ވަނީ ސެމީގެ ދެވަނަ މެޗުގައި ތިން ސެޓު ކުޅެގެން 2-1 އިން އައިމިނަތު ޝުބާ އާދަމް ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 22-6 އިން ޝުބާ ގެންގޮސްފައިވަނިކޮށް، ވިޝާމާ ވަނީ ދެން ކުޅެވުނު ދެ ސެޓު 25-14 އަދި 25-4 އިން ގެންގޮސް ފައިނަލަށް ދަތުރުކޮށްފައެވެ. އަންހެން ސިންގަލްސް ބައިގައި ވިޝާމާ ކުޅުނު ފުރަތަމަ މެޗުގައި އާމިނަތު ޝިޔާމާ ހާޟިރުނުވުމުގެ ސަބަބުން އެ މެޗު ލިބުނުއިރު، ދެން ކުޅުނު މެޗުގައި ފާތިމަތު ރަޔާނާ އަތުން މޮޅުވީ 25-2 އަދި 25-15 އިންނެވެ.

ވިދާދްއާ ވިޝާމާ ވާދަކުރާ އަންހެން ސިންގަލްސް ފައިނަލް މެޗު އޮންނާނީ މި މަހުގެ 26 ވާ ހުކުރު ދުވަހު އެވެ.

މި މުބާރާތުގައި މިއަދު ކުރިއަށްދާނީ ފިރިހެން ސިންގަލްސް އިވެންޓްގެ ގަދަ 16ގެ މެޗުތަކެވެ.