މިހާރު ކުރިއަށްދާ އައިޕީއެލްގައި ރޭ ކުޅުނު އެލިމިނޭޓަރ މެޗުގައި ލަކްނޯ ސުޕަ ޖަޔަންޓްސް ބަލިކޮށް، މުމްބާއީ އިންޑިއަންސް ދެވަނަ ކޮލިފަޔާ އިން ޖާގަ ހޯދައިފިއެވެ.

މި ފަހަރުގެ ލީގު ބުރު ނިމުނުއިރު ތާވަލްގެ ތިންވަނަ އާއި ހަތަރެއްގައި އޮތް ދެ ޓީމުގެ މެދުގައި ކުޅުނު މި މެޗުން މުމްބާއީ މޮޅުވީ 81 ލަނޑުގެ ތަފާތަކުންނެވެ. މިއާއެކު، އެ ޓީމަށް ފައިނަލުން ޖާގައެއް ލިބޭނީ މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ކޮލިފަޔާގައި އެންމެ ފަހުގެ ޗެމްޕިއަން ގުޖުރާތު ޓައިޓަންސް ބަލިކޮށްގެންނެވެ. ޕްލޭއޮފްސްގެ ފުރަތަމަ ކޮލިފަޔާގައި ގުޖުރާތު ބަލިކޮށް ޗެންނާއީ ސުޕަ ކިންގްސް (ސީއެސްކޭ) ވަނީ ފައިނަލުން ސީދާ ޖާގައެއް ހޯދާފައެވެ.

ޗެންނާއީގެ އެމްއޭ ޗިދަމްބަރަމް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން މުމްބާއީ އިން ގަސްދުކުރީ ކުޅެން އަރާށެވެ. ފުރަތަމަ އިނިންގްސްގައި މުމްބާއީ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި 8 ވިކެޓަށް 182 ލަނޑުހެދިއެވެ.

މި މެޗުގެ ފުރަތަމަ އިނިންގްސްގެ ޕަވާޕްލޭގައި މުމްބާއީގެ އޯޕަނިން ބެޓްސްމަނުން ކަމަށްވާ ރޯހިތު ޝަރްމާ އާއި އިޝާން ކިޝަން ގުޅިގެން ރަނގަޅު ސްކޯއެއް ހަދާފައިވަނިކޮށް، 3.2 އާއި 4.2 ވަނަ އޯވަރުގައި މި ދެ ކުޅުންތެރިން ނުބައިވިއިރު ސްކޯ ބޯޑުގައި އޮތީ 38 ލަނޑެވެ. އެ ދަނޑިވަޅުގައި މުމްބާއީ އިން ދެން ކުޅެން ނިކުތް ދެ ކުޅުންތެރިން ކަމަށްވާ ކެމަރަން ގްރީން އާއި ސޫރްޔަކުމާރު ޔާދަވް (ސްކައި) ގުޅިގެން ތިންވަނަ ވިކެޓަށް ހެދި 66 ލަނޑުގެ ޕާޓްނާޝިޕް ވެގެންދިޔައީ އެ ޓީމަށް މި އިނިންގްސްގައި ރަނގަޅު ސްކޯއަކާ ދިމާލަށް ދެވުނު މައިގަނޑު އެއް ސަބަބުގެ ގޮތުގައެވެ.

މުމްބާއީ އިން އެންމެ ރަނގަޅަށް ކުޅުނީ 23 ބޯޅައިން 41 ލަނޑުހެދި ގްރީން އެވެ. އޭނާ ވަނީ ހަ ފަހަރު ހަތަރަކަށް ޖަހައި، އެއް ފަހަރު ހަޔަކަށް ޖަހައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ސޫރްޔަކުމާރު (ސްކައި)، 20 ބޯޅައިން 33 ލަނޑުހެދިއިރު އިމްޕެކްޓް ޕްލެއާގެ ގޮތުގައި ކުޅެން ނިކުތް ނިހާލް ވަދޭރާ ވަނީ 12 ބޯޅައިން 23 ލަނޑުހަދައިފައެވެ. މީގެއިތުރުން، 22 ބޯޅައިން 26 ލަނޑުހެދި ތިލަކް ވަރްމާގެ ކުޅުން ފާހަގަކޮށްލެވުނެވެ. އޭނާގެ މި އިނިންގްސްގައި 2 ފަހަރަ ހަޔަކަށް ޖަހާފައިވެއެވެ. މުމްބާއީގެ ކެޕްޓަން ރޯހިތު ނުބައިވީ 11 ލަނޑަށެވެ.

ލަކްނޯ އިން އެންމެ ރަނގަޅަށް އުކީ ނަވީން-އުލް-ޙައްޤު އާއި އިމްޕެކްޓް ޕްލެއާގެ ގޮތުގައި ކުޅެން ނިކުތް ޔާޝް ތާކުރް އެވެ. ނަވީން ހަތަރި ވިކެޓްނެގިއިރު، ޔާޝް ތާކުރް ވަނީ ތިން ވިކެޓްނަގާފައެވެ. އެ ޓީމުގެ އަނެއް ވިކެޓްނެގީ މި ދެ ޓީމު އެންމެ ފަހުން ކުޅުނު މެޗުން ލަކްނޯ މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި މޮހްސިން ޚާން އެވެ.

ޖަވާބުގައި ކުޅެން އެރި ލަކްނޯގެ ހުރިހާ ކުޅުންތެރިން 16.3 އޯވަރުގެ ތެރޭގައި ނުބައިވީ 101 ލަނޑަށެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅުނު މާކަސް ސްޓޮއިނިސް 27 ބޯޅައިން 40 ލަނޑުހެދިއެވެ. ދެން ކިރިޔާ ވެސް ހިތްވަރެއް ކުރެވުނީ ކައިލް މެޔާސް އާއި ދީޕަކް ހޫޑާ އަށެވެ. މެޔާސް، 13 ބޯޅައިން 18 ލަނޑުހެދިއިރު ދީޕަކް ހޫޑާ ވަނީ 13 ބޯޅައިން 15 ލަނޑުހަދައިފައެވެ.

ދެވަނަ އިނިންގްސްގައި ލަކްނޯގެ ހުރިހާ ކުޅުންތެރިން މިހާ ދަށް ސްކޯއަކަށް ނުބައިކޮށްލުމުގައި އިސް ދައުރެއް އަދާކުރީ މުމްބާއީގެ އުކުންތެރިޔާ އާކާޝް މަދްވާލް އެވެ. އޭނާ ވަނީ 3.3 އޯވަރަށް 5 ލަނޑަށް 5 ވިކެޓް ނަގައިފައެވެ. މިއީ ޕްލޭއޮފްސްގައި މިހާތަނަށް އުކުންތެރިއެއްގެ ފަރާތުން ފެނުނު އެންމެ ރަނގަޅު ކުޅުމެވެ. މުމްބާއީ އިން ދެން އެންމެ ރަނގަޅަށް އުކި ކްރިސް ޖޯޑަން އާއި ޕިޔުޝް ޗައުލާ ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ. މީގެއިތުރުން، ލަކްނޯގެ ސްޓޮއިނިސް އާއި ދީޕަކް ހޫޑާ އަދި ކްރިޝްނައްޕަ ގޯތަމް ރަން އައުޓްކޮށްލުމުގައި މުމްބާއީގެ ފީލްޑަރުން ދެއްކި ކުޅުން ފާހަގަކޮށްލެވެއެވެ.

މި މުބާރާތުގައި މާދަމާ ގުޖުރާތުއާ މުމްބާއީ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭގަޑިން ރޭގަނޑު 7:00 ގައެވެ.