"ކުއީން އޮފް ރޮކް އެންޑް ރޯލް" ގެ ނަމުން މަޝްހޫރުވެފައިވާ ލަވަ ކިޔުންތެރިޔާ އަދި އެކްޓްރެސް ޓީނާ ޓާނާ މަރުވެއްޖެއެވެ.
އުމުރުން 83 އަހަރުގައި އޭނާ މަރުވިއިރު، އޭނާ ދިޔައީ ސިއްހީ އެތައް މައްސަލަތަކަކަށް ފަރުވާ ވެސް ހޯދަމުންނެވެ.
އެގޮތުން ބޭރުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ޓީނާ ގެ ކިޑްނީ ފެއިލްވެފައިވާއިރު، ކެންސަރު ބައްޔަށް ވެސް ދިޔައީ ފަރުވާ ހޯދަމުންނެވެ.
ޓީނާ ގިނަބައެއްގެ ލޮލުގައި އަޅައިގަތީ 1980 ގައި ސޯލޯ އާޓިސްޓެއްގެ ގޮތުގައި ނުކުތް ހިސާބުންނެވެ. ރޮކް އެން ރޯލް މިއުޒިކުގައި ފާހަގަކޮށްލެވޭ ޓީނާ ވަނީ ރޮކް އެން ރޯލް ހޯލް އޮފް ފޭމްއިން 1991 ވަނަ އަހަރު އައިކްއާ އެކު ޖާގަ ލިބުމަށްފަހު، ސޯލޯ އާޓިސްޓެއްގެ ގޮތުގައި 2021 ވަނަ އަހަރު ވެސް އޭނާ ވަނީ އެ ޝަރަފް ހޯދާފައެވެ.
މީގެ އިތުރުން ގްރެމީ އެވޯޑު ވެސް ހޯދާފައި ވެއެވެ.
ޓީނާ ޓާނާގެ އޭރުގެ މަޝްހޫރު ބައެއް ލަވަތަކުގެ ތެރޭގައި "ޕްރައުޑް މޭރީ" އަދި "ރިވާ ޑީޕް، މައުންޓަން ހައި" ހިމެނެއެވެ.
އޭނާ ވަނީ އައިކްއާއެކު ދިރިއުޅެމުންދިޔަ އިރ ލިބުނު އަނިޔާތަކުން ސަލާމަތްވުމަށް 1978 ވަނަ އަހަރުގެ ތެރޭގައި އައިކްގެ ކައިރިން ވަރިވެފައެވެ. ޓީނާ ޓާނާ 2018 ގައި ނެރުނު އޭނާގެ ބަޔޮގްރަފީ "މައި ލަވް ސްޓޯރީ" ގައި އައިކްގެ އަނިޔާތަކުގެ ވާހަކަ ލިޔުނެވެ.
ޓީނާ ވަނީ ކަޅު އަންހެނުންނަށް ސްޓޭޖް މަތީ ޕާފޯމް ކުރުމަށް އޮތް ހުރަސްތައް ނައްތާލާ، އެ ނަސްލުގެ މީހުންނަށް ވެސް އެކަން ވާނެކަން ސާބިތުކޮށްދީފައެވެ.