މިހާރު ކުރިއަށްދާ 11 ވަނަ އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗުތަކަށްފަހު ފިރިހެން ސިންގަލްސް އިވެންޓްގެ ފައިނަލްގައި އިސްމާއިލް އަޒްމީންއާ މުހައްމަދު މުންތަސިރު (މުންކޮ) ބައްދަލުކުރާން ޖެހިއްޖެއެވެ.
މިއީ މި ފަހަރުގެ މުބާރާތުގައި އަޒްމީން ކުޅޭނެ ތިންވަނަ ފައިނަލެވެ. އަޒްމީން ވަނީ ފިރިހެން ސިންގަލްސް އިވެންޓްގެ އިތުރުން އޯޕަން ސިންގަލްސް އާއި ފިރިހެން ޑަބަލްސްގެ ފައިނަލުން ޖާގަ ހޯދާފައެވެ.
މި މަހުގެ 18 އިން 26 އަށް ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި އަންހެން އަދި ފިރިހެން ސިންގަލްސް އާއި ޑަބަލްސް އިވެންޓްގެ އިތުރުން އޯޕަން ސިންގަލްސް ކުޅުމަށް ހަމަޖެހިފައިވެއެވެ.
މިދިޔަ ދެ އަހަރު ރާއްޖޭގެ އެންމެ މޮޅު ކެރަމް އެތުލީޓުގެ މަގާމަށް ހޮވުނު އަޒްމީން ފައިނަލަށް ދަތުރުކުރީ، ރޭ ކުޅުނު ސެމީގައި ސީދާ ދެ ގޭމުން އިބްރާހިމް ހުޖާން އަލީ ބަލިކޮށްގެންނެވެ. އެ މެޗުގެ ސެޓުތައް އަޒްމީން ގެންދިޔައީ 25-4، 19-15 އިންނެވެ. މި މެޗުގެ ފުރަތަމަ ސެޓްގެ ހަތްވަނަ ބޯޑުގައި ހުޖާންގެ ފަރާތުން ބްލެކް ސްލޭމް އެއް ފެނިގެންދިޔައިރު، އަޒްމީން ވަނީ ފަހު ސެޓްގެ ހަވަނަ ބޯޑުގައި ވައިޓް ސްލޭމްއެއް ހަދާފައެވެ.
މި ފަހަރުގެ ފިރިހެން ސިންގަލްސް ފައިނަލަށް އަޒްމީން ކުރި ދަތުރަށް ބަލާލާއިރު، ފުރަތަމަ މެޗުގައި އުމަރު ޒިޔާދުއާ ދެކޮޅަށް ކުޅެން އޮތް މެޗަށް އޭނާ ހާޟިރުނުވުމުން އެ މެޗު ލިބުނުއިރު، ދެން ކުޅުނު މެޗުގައި އިބްރާހިމް އަޒްމީންގެ މައްޗަށް ކުރިހޯދީ 24-15، 25-0 އިންނެވެ. އެއަށްފަހު، ކުއާޓާގައި އަލީ ނިޔާޒް އަތުން މޮޅުވީ 25-10 އަދި 25-8 އިންނެވެ.
2019 ވަނަ އަހަރުގެ ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ މުންކޮ ވަނީ ސެމީގެ ދެވަނަ މެޗުގައި ތިން ސެޓު ކުޅެގެން 2-1 އިން އަލީ ހަސަން ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-6 އިން އަލީ ގެންގޮސްފައިވަނިކޮށް، މުންކޮ ވަނީ ދެން ކުޅެވުނު ދެ ސެޓު 19-16 އަދި 22-17 އިން ގެންގޮސް ފައިނަލަށް ދަތުރުކޮށްފައެވެ.
ފިރިހެން ސިންގަލްސް ބައިގައި ސެމީގެ ކުރީން މުންކޮ ވަނީ ނިސްބަތުން ވަރުގަދަ މެޗުތަކެއް ކުޅެފައެވެ. އެގޮތުން، މުންކޮ ކުޅުނު ފުރަތަމަ މެޗުގައި ޔަމާން އަބްދުލް ޖަލީލް އަތުން 2-1 އިން މޮޅުވިއިރު، އެ މެޗުގެ ސެޓްތައް މުންކޮ ގެންދިޔައީ 21-16، 8-25 އަދި 25-12 އިންނެވެ. ދެން ކުޅުނު މެޗުގައި ގައުމީ ޗެމްޕިއަން ހަ ފަހަރު ހޯދާފައިވާ ހަސަން ނާޒިމް (ނާނަ) އަތުން މޮޅުވީ 15-14، 25-13 އިންނެވެ. އެއަށްފަހު ދެން ކުޅުނު ކުއާޓާ ފައިނަލް މެޗުގައި އާދަމް އަދީލް އަތުން މޮޅުވީ 2-1 އިންނެވެ. އެ މެޗުގެ ފުރަތަމަ ސެޓް 25-16 އިން އަދީލް ގެންގޮސްފައިވަނިކޮށް، މުންކޮ ވަނީ ދެން ޖެހިގެންއައި ދެ ސެޓް 25-8 އަދި 25-12 އިން ގެންގޮސް ސެމީ އަށް ދަތުރުކޮށްފައެވެ.
އަޒްމީންއާ މުންކޮ ބައްދަލުކުރާ ފިރިހެން ސިންގަލްސް ފައިނަލް މެޗު އޮންނާނީ މިރޭ 9:15 ގައެވެ.
