ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އަށް ފައިސާގެ އެހީއެއް ވެއްޖެ އެވެ.
އެގޮތުން އެއްލައްކަ ފަންސާސް ހާސް ރުފިޔާގެ އެހީ އެ ބޭންކުން މިއަދު ވަނީ ހަދިޔާކޮށްފަ އެވެ.
ބީއެމްއެލް އިން ބުނީ މިއީ އެ ޖަމިއްޔާއިން އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ ޕިންކް ރިބަން ރަން- ވޯލްކް އަށް ދިން އެހީއެއް ކަމަށެވެ.
މި އެހީ އެޖަމިއްޔާ އާ ހަވާލުކޮށްދެއްވީ ބޭންކުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ އެވެ.
ހަދިޔާކޮށްދެއްވުމަށްފަހު ޓިމް ވަނީ ސީއެސްއެމްގެ ބައެއް މެންބަރުންނާއި އުރަމަތީގެ ކެންސަރުން ފަރުވާ ހޯދައި ރަނގަޅުވެފައިވާ ފަރާތްތަކާއި މި ބަލިން ފަރުވާ ހޯދަމުންދާ ފަރާތްތަކާ ބައްދަލުކުރައްވާފަ އެވެ.
މިއަހަރުގެ ޕިންކް ރިބަން ރަން- ވޯލްކް ހަރަކާތް ވަރޗުއަލް އިވެންޓެއްގެ ގޮތުގައި ބާއްވާފައިވަނީ ކޮވިޑް-19 ގެ ސަބަބަުން މީހުން އެއްވެ އުޅުމާއި ކޮންޓެކްޓް ސްޕޯޓްސް ފަދަ ކުޅިވަރުތައް ކުޅުން މަނާކޮށްފައިވާތީ އެވެ.
މިއަހަރުގެ ހަރަކާތުގައި ގާތްގަނޑަކަށް 700 މީހުން ބައިވެރިވެފައި ވެއެވެ.
ބީއެމްއެލް ގެ އިޖްތިމާއި ޒިންމާގެ ދަށުން، 2016 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން އަންނަނީ ކެންސަރ ސޮސައިޓީއަށް އެހީތެރިވަމުން ނެވެ.
