11 ވަނަ އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗުތަކަށްފަހު އަންހެން އަދި ފިރިހެން ސިންގަލްސް އާއި ޑަބަލްސް އިވެންޓްގެ އިތުރުން އޯޕަން ސިންގަލްސް ޗެމްޕިއަނުން ކަށަވަރުވެއްޖެއެވެ.

މި މަހުގެ 18 އިން 26 އަށް ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާގައި ކުރިއަށްދިޔަ މި ފަހަރުގެ މުބާރާތުގައި ހުރިހާ އިވެންޓެއް ހިމެނޭގޮތަށް 45 ކުޅުންތެރިން ބައިވެރިވެފައިވެއެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަންހެން އަދި ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައިމިނަތު ވިދާދް އާއި އިސްމާއިލް އަޒްމީން އެވެ. މިދިޔަ އަހަރު ވިދާދް ހޯދި ތަށި އޭނާ ދިފާއުކުރީ ފައިނަލްގައި އާމިނަތު ވިޝާމާ އަތުން ސީދާ ދެ ގޭމުން މޮޅުވެގެންނެވެ. މި މެޗުގެ ސެޓްތައް ވިދާދް ގެންދިޔައީ 25-15، 19-9 އިންނެވެ.

ފިރިހެން ސިންގަލްސް ފައިނަލްގައި އަޒްމީން ވަނީ ސީދާ ދެ ގޭމުން މުޙައްމަދު މުންތަސިރު (މުންކޮ) ބަލިކޮށްފައެވެ. އަޒްމީން ވަނީ އެ މެޗުގެ ސެޓްތައް 25-21 އަދި 22-7 އިން ކާމިޔާބުކޮށްފައެވެ.

ފިރިހެން ޑަބަލްސް އިވެންޓްގެ ފައިނަލްގައި އިސްމާއިލް އަޒްމީން އާއި އިބްރާހިމް އަޒްމީންގެ ޕެއާ އިން ވަނީ 2-1 އިން ހަސަން ނާޒިމް (ނާނަ) އާއި އުމަރު ޒިޔާދުގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓް 23-16 އިން އިސްމާއިލް އަޒްމީން އާއި އިބްރާހިމް އަޒްމީންގެ ޕެއާ ގެންދިޔައިރު ދެން ޖެހިގެން ދެވަނަ ސެޓުގައި ނާނަ އާއި އުމަރުގެ ޕެއާ ވަނީ 19-16 އިން ކުރިހޯދާފައެވެ. ނަމަވެސް، އިސްމާއިލް އަޒްމީން އާއި އިބްރާހިމް އަޒްމީންގެ ޕެއާ ވަނީ ތިންވަނަ ސެޓް 25-12 އިން ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދާފައެވެ.

ފިރިހެން ޑަބަލްސް އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި އާދަމް އަދީލް އާއި އިބްރާހިމް ލިފާއު އާމިރުގެ ޕެއާ ވަނީ މުޙައްމަދު މުންތަސިރު (މުންކޮ) އާއި އަހުމަދު މުޝްރިފްގެ ޕެއާ އަތުން 25-10 އަދި 25-17 އިން މޮޅުވެފައެވެ.

އަންހެން ޑަބަލްސް އިވެންޓްގެ ފައިނަލް މެޗުގައި ވިދާދްއާ އައިމިނަތު ޝުބާ އާދަމްގެ ޕެއާ ވަނީ ސީދާ ދެ ގޭމުން ފާތިމަތު ރަޔާނާ އާއި ވިޝާމާގެ ޕެއާ ފަހަތަށް ޖައްސާލުމަށްފަހު ޗެމްޕިއަންކަން ހޯދާފައެވެ. މި މެޗުގެ ސެޓްތައް ވިދާދް އާއި ޝުބާގެ ޕެއާ ކާމިޔާބުކުރީ 25-15، 25-10 އިންނެވެ.

މުބާރާތުގެ ފިރިހެން ޑަބަލްސް އަދި ސިންގަލްސް އިވެންޓް ކާމިޔާބުކުރިނަމަވެސް، އޯޕަން ސިންގަލްސްގެ ފައިނަލްގައި އަޒްމީން ވަނީ އިބްރާހިމް ހުޖާން އަލީ އަތުން ބަލިވެ، ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ. ހުޖާން މި މެޗު ކާމިޔާބުކުރީ 25-13 އިންނެވެ.