ެއިންސާނާގެ ހަށިގަނޑަށް ލިބޭ އެކި އެކި ޒަހަމްތަކުގައި އިންސާނާގެ ހަށިގަނޑުން ލޭ ނިރަނީ، ލޭ ދައުރުކުރާ ލޭހޮޅިއަކަށް އަނިޔާވުމުންނެވެ. އެ ލޭ ހޮޅިއެއްގެ ކުޑަ ބޮޑުމިނާއި، އެ ލޭ ހޮޅިއަކުން ލޭ ދައުރުކުރާ މިސްރާބާއި ބާރުމިނަށް ބަލާ ލޭ އަންނަ މިންވަރު ވަޒަން ކުރެވެއެވެ. އިންސާނާގެ ހަށިގަނޑުގައި ބޮޑެތި ލޭ ހޮޅިތައް ހުންނަ އިރު، ކުދި ކުދި އެތައް ލޭ ހޮޅިއެއް ވެސް ހުރެއެވެ. މި ލިޔުމުގައި މި ބަލާލަނީ ލޭ އަންނަ ތަނަކުން، ލޭ މަނާވުމުގެ ގުދުރަތީ މަރުހަލާއަށެވެ.
އިސްވެ ދެންނެވިފަދައިން ލޭ އަންނަނީ ލޭ ހޮޅިއަކަށް އަނިޔާއެއް ވުމުންނެވެ. މިގޮތަށް ލޭ ހޮޅިއަށް އަނިޔާވުމުން، އެ ލޭ ހޮޅީހެ ތެރޭގައި ހުންނަ ލޭތައް ބޭރުވާން ފަށައެވެ. މިގޮތަށް ލޭ ބޭރުވަމުންދާ ތަނެއްގައި ލޭ މަނާ ވަމުންދަނީ އަޖައިބެއްކަހަލަ ފުރިހަމަ ނިޒާމެެއްގެ ތެރެއިންނެވެ. ލޭ މަނާވަމުން ދާއޮރު، ގަނޑުވަނުންދާ ލޭގެ ފަށަލައެއް އުފެދޭނެއެވެ. މި ފަށަލަ މާ ބޯ ވެއްޖެނަމަވެސް އެއީ ގެއްލުން ހުރި ކަމެކެވެ. އަދި މި ފަށަލަ މާ ތުނި ކަމުގައިވަނީނަމަ އެއީ ލޭ މަނާ ނުވެދާނޭ ކަމެކެވެ. އެހެންކަމުން މި ފަށަލަ އުފެދެނީ އޭގެ އެއްމެ ފުރިހަމަ ގޮތުގައި އެ ލޭ ހޮޅިއަކަށް އެކަށީގެންވާ ބޯމިނެއްގައެވެ.
ލޭ މަނާވުމުގައި ފުރަތަމަ ހިނގާ މަރުހަލާ އަކީ އެ އަނިޔާއެއް ލިބުނު ލޭ ހޮޅި، ހިމަވެ، އޭގެ އެތެރޭގެ ޖާގަ ކުޑަ ކޮށްލުމެވެ. މިހެންވަނީ ބޭރުވާ ލޭގެ މިންވަރު މަދުކުރުމަށެވެ. އެއާއި އެކު ލޭގެ ތެރޭގައި ހުންނަ ލޭ މަނާ ކުރުމުގެ ގާބިލުކަން ހުންނަ ހަތާތައް މަސައްކަތް ކުރަން ފަށައެވެ. އެއީ ޕްލޭޓްލެޓްސް ނަމަކަަށް ކިޔާ ހަތާތަކެވެ. އެއަށްފަހު ލޭގެ ތެރޭގައި ހުންނަ ޕްރޮޓީންތަކެއް، މި ޕްލޭޓްލެޓްސް ތަކާއި އެކުވެ މަސައްކަތް ކުރަން ފަށައެވެ.
އަނިޔާއެއް ލިބި، ލޭ ހޮޅިން ލޭ ބޭރުވަމުންދާއިރު، ލޭގައި ހުންނަ ލޭ މަނާކުރުމުގެ ގާބިލުކަން ހުރި ޕްލޭޓްލެޓްސް ތަކުގެ ސިފަ ބަދަލުވާން ފަށައެވެ. އޮމާންކަމެއް ހުރި އެ ހަތާތަކުގެ ސިފަ، ކަށި ބޯޅަ ތަކެއްގެ ސިފައަކަށް ބަދަކުވަމުން ދެއެވެ. މިގޮތަށް ކަށި ބޯޅައެއްގެ ބައްޓަމަށް މި ހަތާތަށް ބަދަލުވުމުން، މީގެ އެއް ހަތާ އަނެއް ހަތައާއި ގުޅި އޭގެ ބައިގަނޑު ބޮޑުވަމުން ދެއެވެ. އަދި ލޭ ހޮޅިން ލޭ ބޭރުވާ ތަނެއްގައި ގޮސް، އެ ތަނެއްގައި ހަރުލާ ގޮތް ވެއެވެ. މިގޮތަށް އެ ތަނުގައި މި ހަތާތަށް ހަރުލާ، ގިނަވަމުން ދާ އިރު، ލޭގައި ހުންނަ ފައިބްރިން ނަމަކަށް ކިޔާ ޕްރޮޓީން އެއް މި ހަތާތަކާއި ގުޅެއެވެ. އެއާއި އެކު ހަރުލާފަައި ހުރި ޕްލޭޓްލެޓްސްގެ ހަތާތަކާއި އެކު ފައިބްރިން ގެ މައްސަތަކަތީ ދާގަނޑެއްފަދަ ގޮތަކަށް، އެ ލޭ ބޭރުވާތަނެއްގައި އަަށަގަތުމެވެ. ނަތީޖާއަކަށް ވަނީ ރަތުލޭ ހަތާތައް އެ ދާގަނޑުގައި ޖެހި، ލޭ ހޮޅިން ބޭރު ނުވެ ހުރުމެވެ. މިގޮތަށް އެ ދާގަނޑުގައި ޖެހިފައި ހުންނަ ރަތުލޭ ހަތާތަށް އެ ތަނުގައި ގަނޑުވެއެވެ. އެހިސާބުން ލޭ މަނާވެގެން ދެއެވެ.
މިގޮތަށް އުފެދޭ އެ ގަނޑު ލޭތަށް، އެއްކަލަ ޕްރޮޓީންގެ ހަތާތަކުގެ އެހީގައި ނެތިކޮށްލާ، އަނިޔާ ލިބުނު ލޭ ހޮޅި، ފަސޭހަކޮށްދެއެވެ. ޕްރޮޓީން އަކީ އަނިޔާތައް ފަސޭހަކޮށްދިނުމުގެ އަސާސީ މާއްދާއެވެ. ކިތައްމެ ބޮޑުކޮށް ނުވަތަ ކިތައްމެ ކުޑަކޮށް ތަނެއް ކަނޑައިގެން ދިޔަ ނަމަވެސް، އެ ތަނެއްގައި ލޭ މަނާ ވުމުގެ ގުދުރަތީ މަރުހަލާ ހިނގާނީ ހަމަ އިސްވެ ބުނެވުނު ގޮތަށެވެ. މި ކަންކަމުން އެނގި ހާމަވަނީ އިންސާނާގެ ހަށިގަނޑު އުފައްދަވާ، ނިޒާމުތައް ތަރުތީބުކުރެއްވި އިލާހުގެ ކުޅަދުންވަންތަކަމާއި އެ އިލާހުގެ ހަލްޤުކުރެއްވުމުގެ ފުރިހަމަ ކަމެވެ.
