ކުކުޅުބިހަކީ އަހަރެމެން ވަރަށް އާއްމުކޮށް ކައި އުޅޭ އެއްޗެކެވެ. އެއްބަޔަކު ބިހުގައި ބިސްގަނޑު އަޅައިގެން ކައި އުޅޭ އިރު އަނެއްބަޔަކު ބިސް، ފެނުކައްކައިގެން ކައި އުޅެއެވެ. ކުކުޅު ބިހާއި ބެހޭ ގޮތުން ދެއްކޭ އެއް ވާހަކަ އަކީ އޭގެ ގޮބޮޅިގަނޑަކީ ކޮލެސްޓްރޯލު ގިނަ ބައެއް ކަމުގެ ވާހަކައެވެ. އެއާއި އެކު ގޮބޮޅިގަނޑު ނުކާ މީހުންވެސް އަހަރެމެންގެ ތެރޭގައި މަދެއް ނޫނެވެ.

އާދޭހެވެ! ކުކުޅުބިހު ގޮބޮޅިއަކީ އޭގައި ކޮލެސްޓްރޯލު ގިނަ ބައެކެވެ. ދިރާސާވެރިން ފާހަގަ ކުރާ ގޮތުގައި އެވްރެޖް ސައިޒުގެ ބިހެއްގެ ގޮބޮޅީގައި 212 މިލިގްރާމްގެ ކޮލެސްޓްރޯލް ހުރެއެވެ. އެއީ ޑައިޓީޝަނުން ލަފާކޮށް ބުނާ، ދުވަހުގެ ކެއުމުގައި ކޮލެސްޓްރޯލު ހިމަނަންވީ މިންވަރުގެ %71 އެވެ. އެހެން ކަމުން ކުކުޅުބިހުގެ ދެ ގޮބޮޅި ކައިފިނަމަ، ދުވަހަކަށް ބޭނުންވާ މިންވަރަށްވުރެ މާ ގިނައިން އެ މާއްދާ އަހަރެމެންނަށް އެބަ ކެވެއެވެ.

ނަމަވެސް މިތަނުގައި ހަނދާންކުރަންޖެހޭ މުހިއްމު އެހެން ކަމެއް އެބަ އޮތެވެ. ކުކުޅުބިހުގެ ގޮބޮޅި އޭގެ ޠަބީއަތުގައި އެއީ އޮކްސިޑައިސް ވާ ކޮލެސްޓްރޯލު ހުންނަ ތަނެއް ނޫނެވެ. ނަމަވެސް އެއަށް ގަދަ ހޫނެއް ލިބުމުން އެތަނުގައި ހުންނަ ކޮލެސްޓްރޯލް އޮކްސިޑައިސް ވެއެވެ. އެހެންކަމުން، ގަދަ ހޫނުގައި ގިނަ އިރު ކުކުޅުބިސް ކައްކައިގެން ކާނަމަ، އޭގެ ގޮބޮޅިގަނޑުން ލިބޭ ކޮލެސްޓްރޯލުގެ މިންވަރު އިތުރު ވެއެވެ. ހަމަ އެގޮތަށް ތެލުލުމުންވެސް އޭގައި ހުންނަ ކޮލެސްޓްރޯލުތައް އޮކްސިޑައިސްވާ މިންވަރު އިތުރުވެއެވެ.

އެހެންކަމުން ކުކުޅުބިހެއް ކާން އެދޭ މީހާއަށް އެއްމެ ފައިދާހުރި ގޮތަކީ ކުކުޅުބިސް ފެނުކައްކައިގެން ކެއުމެވެ. އަދި ފެނުކައްކާއިރު، މާ ބޮޑަށް ނުކެއްކުމަށް ސަމާލުކަން ދޭންވާނެއެވެ. އެހެނީ ބޮޑަށް ކެެކިފައިވާ ކުކުޅުބިހަކަށް ވުރެ، ކުޑަކޮަށް ކެކިފައިވާ ކުކުޅުބިހުން ލިބޭ ކޮލެސްޓްރޯލުގެ މިންވަރު މަދުވާނެތީއެވެ. އެހެންވަނީ އިސްވެ ބުނެވުނުފަދައިން ގަދަ ހޫނުގެ ސަބަބުން އޭގައި ހުންނަ ކޮލެސްޓްރޯލުތައް އޮކްސިޑްއިސް ވުމުގެ ސަބަބުންނެވެ.

އޮކްސިޑައިސް ވެފައިވާ ކޮލެސްޓްރޯލަކީ އޭގެ ސަބަބުން ލޭގެ ތެރޭގައި ހުންނަ ކޮލެސްޓްރޯލު އިތުރުކޮަށްދޭނެ ކޮލެސްޓްރޯލެކެވެ. ކޮލެސްޓްރޯލް އެކޮސްސިޑައިސް ވުމުން، ފަސޭހަ ކަމާއި އެކު ލޭގެ ތެރެއަށް ނަގާ، ލޭ ހޮޅިތަކުގައި ހަރުލާ ގޮތް ވެއެވެ. އެހެންކަމުން ކުކުޅުބިސް ކާންވީ ކުޑަކޮށް ރޯފިލުވައިގެންނެވެ.

 

ހަވާލާ: ނަޓާލިއޭ އޮލްސަން، "ހެލްތްލައިން" -2023