މި ފަހަރުގެ ސީޒަނުގައި ލެސްޓާ ސިޓީ އާއި ލީޑްސް ޔުނައިޓެޑުން ޕްރިމިއާ ލީގުން ރެލިގޭޓްވިކަން ކަށަވަރުވެފައިވަނީ އެންމެ ފަހު ދުވަހު ކުޅެވިގެންދިޔަ މެޗުތަކަށްފަހު ލީގުގެ 18 އާއި 19 ވަނައިގައި އެ ދެ ޓީމުން ނިންމާލުމުންނެވެ. އެ ދެ ޓީމުގެ ނަތީޖާތައް އެގޮތަށް ނިކުތްއިރު، ގުޑިސަން ޕާކްގައި ބޯންމައުތުގެ މައްޗަށް 1-0 އިން ހޯދީ މޮޅާއެކު އެވަޓަން ވަނީ ރެލިގޭޓްނުވެ، ސަލާމަތްވެފައެވެ.
މިރޭގެ މެޗުތަކަށްފަހު އެވަޓަން ނިންމާލީ ރެލިގޭޝަން ޒޯނާއި ދެ ޕޮއިންޓް ކައިރިން، 38 މެޗުން ލިބުނު 36 ޕޮއިންޓާއެކު 17 ވަނައިގައެވެ. ލެސްޓާ އަށް 38 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ލީޑްސް އަށް 38 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ސައުތެމްޓަނަށް ލިބުނީ 38 މެޗުން 25 ޕޮއިންޓެވެ.
ލީގުގެ ފަހު ދުވަހުގެ ކުޅުން ކުރިއަށްދިޔައިރު މައިގަނޑު ވާހަކައެއްގެ ގޮތުގައި އޮތީ ރެލިގޭޝަން ޒޯނުން ސަލާމަތްވާނެ ޓީމަކާއި، ރެލިގޭޓްވާނެ ޓީމުތަކާ ގުޅޭ ވާހަކަތަކެވެ. އެގޮތުން، އެވަޓަން އާއި ލީޑްސް އަދި ލެސްޓާގެ ސަޕޯޓަރުންނަށް މުޅި ދުވަސް އެއްކޮށް ދިޔައީ ނޭވާހިއްޓާލަންޖެހޭ ފަދަ ވަގުތުތަކަކާއެކު ގިނަ ކަންތައްތަކެއް ފެނިގެންދިޔަ ދުވަހެއްގެ ގޮތުގައެވެ.
މިއަދު ކުޅެވުނު 38 ވަނަ މެޗުތަކާ ކުރިމަތިލިއިރު، 17 ވަނައިގައި އެވަޓަން އޮތީ ރެލިގޭޝަން ޒޯނަށް ވުރެ ދެ ޕޮއިންޓް ކުރީގައެވެ. ލެސްޓާ އާއި ލީޑްސް އަށް 31 ޕޮއިންޓް ލިބިފައިވާއިރު، ލެސްޓާ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
ހުރިހާ މެޗެއް އެއް ވަގުތެއްގައި ކުޅެމުންދިޔައިރު އެލަން ރޯޑްގައި ލީޑްސް ކޮޅަށް ދެވަނަ މިނެޓުގައި ހެރީ ކޭން ވައްދާލި ލަނޑާއެކު އެ ޓީމުން ފަހަތުގައި އޮތްއިރު، އެ ޓީމަށް އެ މެޗުގައި ނަތީޖާ ނެރެވޭގޮތެއްނުވެ، ޓޮޓެންހަމް އަތުން ބަލިވީ 4-1 އިންނެވެ.
އަދި ލެސްޓާ ކުޅުނު މެޗުގައި ހާވީ ބާންސް، ވެސްޓް ހޭމް ޔުނައިޓެޑްގެ ގޯލް ހުޅުވާލައިދިނުމާއެކު އެ ޓީމުން ރެލިގޭޝަން ޒޯނާއި ދުރަށް ޖެހިލީ އެވަގުތު ބޯންމައުތުއާ ދެކޮޅަށް އެވަޓަންގެ ދަނޑުގައި ކުޅެމުންދިޔަ މެޗުގައި ގޯލެއް ޖެހިފައިނުވުމުންނެވެ. ނަމަވެސް، އެ މެޗު ނިމުމުގެ ކުރީން އަބްދުލާއެ ޑުކޫރޭ ކާމިޔާބުކުރި ގޯލާއެކު އެވަޓަން އިން ބޯންމައުތުގެ މައްޗަށް ކުރިހޯދައި، ރެލިގޭޝަނާ ދުރަށް ޖެހިލައި، އަލުން ތާވަލްގެ 17 ވަނަ އަށް އަރާފައެވެ. މިއާއެކު، ލެސްޓާ އިން އަމިއްލަ ދަނޑުގައި 2-1 އިން ވެސްޓް ހޭމް އަތުން މޮޅުވިނަމަވެސް ސަލާމަތެއްނުވިއެވެ. އެ ޓީމުން ރެލިގޭޓްވެފައިމިވަނީ މީގެ ހަ އަހަރު ކުރީން، ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ކުޅެ އާ ތަޖުރިބާތަކެއް ކޮށްފައިވަނިކޮށެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ގިނަ ބަދަލުތަކަކާއެކު ނިކުތް ޗެމްޕިއަން މެންޗެސްޓާ ސިޓީ ވަނީ ރަށުން ބޭރުގައި ބްރެންޓްފޯޑް އަތުން 1-0 އިން ބަލިވެފައެވެ. ދެވަނައިގައި އޮތް އާސެނަލް ވަނީ އަމިއްލަ ދަނޑުގައި 5-0 ގެ ތަފާތު ބޮޑުނަތީޖާއަކުން ވުލްވްސް ބަލިކޮށްފައެވެ. ވިލާ ޕާކްގައި އެސްޓަން ވިލާ އިން 2-1 ގެ ނަތީޖާއަކުން ބްރައިޓަން ބަލިކުރިއިރު ފުލަމް އަތުން އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް މޮޅުވީ ވެސް ހަމަ އެ ނަތީޖާއިންނެވެ.
ސައުތެމްޓަންގެ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 4-4 އިން އެއްވަރުވިއިރު، ޗެލްސީއާ ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗުގެ އިތުރުން ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ވެސް 1-1 އިން އެއްވަރުވެގެންނެވެ.
