އިންސާނުންގެ ހަށިގަނޑުގައި ތަފާތު އެތައް މާއްދާތަކެއް ހުރެއެވެ. އެއިން ކޮންމެ މާއްދާއަކީވެސް އިންސާނާގެ ހަށިގަނޑު ހެދިބޮޑުވުމަށާއި ދުޅަހެޔޮަކަންމަތީ ހުރުމަށް އަސާސީ މާއްދާތަކެކެވެ. މި މާއްދާތައް އިންސާނާގެ ހަށިގަނޑަށް ވާސިލްވަނީ އިންސާނާ ކާ ކާނާގެ ސަބަބުންނެވެ. އެހެންކަމުން ދުޅަހެޔޮ ހުރި ދުޅަހެޔޮ ހަށިގަނޑެއް އެދޭ މީހާ، ތަފާތު ގިނަ މާއްދާތަށް ލިބޭ ކެއުންތަށް ކެއުން މުހިއްމެވެ.
އިންސާނުންނަށް ބޭނުންވާ މާއްދާތަކުގެ ތެރެއިން އިންސާނާގެ ހަށިގަނޑުގެ "މަރާމާތަށް" ބޭނުންވާ އެއްމެ އަސާސީ މާއްދާއަކީ ޕްރޮޓީންސް އެވެ. ޕްރޮޓީންސް އަކީ އިންސާނާގެ ހަށިގަނޑުގައި ތަފާތު އެތައް މަސައްކަތްތަކެއް ކުރާ ނުވަތަ ކުރުމަށް އެހީތެރިވެދޭ ނުވަތަ ކުރުމަށް މަގުފަހިކުރުވާ މާއްދާއެކެވެ.
އެގޮތުން ޕްރޮޓީން އަކީ އެތައް އެންޒައިމްއެއް އުފައްދައިދޭ މާއްދާއެކެވެ. އަދި އެތައް ހޯމޯނެއްވެސް ޕްރޮޓީން ގެ ސަބަބުން އުފެދެއެވެ. މީގެ އިތުރުން ބައެއް ހަށީ ކެމިކަލްސްވެސް ޕްރޮޓީންގެ ސަބަބުން އުފެދެއެވެ. އިންސާނާގެ ހަށިގަނޑުގެ ކައްޓާއި މަޑުކައްޓާއި މަހާއި ލޭ ހޮޅިތަކާއި ހަންގަނޑުގެ ހަތާތަކުން ހަތާރުތައް އުފެދި އެމުނި އެކުލެވި، ގެތި ބަދަހިވުމަށްވެސް ޕްރޮޓީން އަކީ އެއްމެ އަސާސީ އެއް މާއްދާއެވެ.
އިންސާނާގެ ހަށިގަނޑުގެ ގުނަންތަކުގެ ހަތާތަކުގެ އާރް.އެން.އޭ އާއި ޑީ.އެން.އޭ ގެ ސިންތެސިސްއަށް ޕްރޮޓީންގެ ސަބަބުން އަސަރު ކުރެއެވެ. އެގޮތުން ގުނަންތަކުގައި އަލަށް އުފެދޭ ހަތާތަކާއި ހަތާރުތަކުގެ ބަދަހިކަން އިތުރުކޮށްދީ އެ ހަތާތަށް އުފެދުމުގެ މަރުހަލާ އަވަސްކޮށްދެއެވެ. އަދި ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ހުދުލޭ ހަތާތަކުގެ މަސައްކަތްވެސް އަވަސްކޮށްދީ ހަރުދަނާކޮށްދެއެވެ. ނަތީޖާއަކަށްވަނީ ދިފާއީ ނިޒާމު ހަރުދަނާވެ ވަރުގަދަ ވުމެވެ.
އިސްވެ ދެންނެވުނު ބައެއް ގުނަންތަކުގެ ހަތާތަކާއި ހަތާރުތައް އުފެދި ގުޅި ބަދަހިވެ އެމުނި އެކުލެވުމުގައި ޕްރޮޓީންގެ ދައުރު ބޮޑުކަމީ ޕްރޮޓީންގެ ސަބަބުން ފާރު ހިކެން ފަސޭހަވާ މައިގަނޑު ސަބެބެވެ. އެހެންކަމުން ހަށިގަނޑުގައި ހެދިފައި ހުންނަ ފާރުކޮޅެއް އަވަހަށް ފަސޭހަވެ، ހިކެން އެދޭނަމަ ކެއުމުގައި ޕްރޮޓީން ބޭނުން ކުރެވޭ މިންވަރު އިތުރު ކުރާށެވެ.
ފާރުހިކުމާއި އަނިޔާތަށް ފަސޭހަ ވުމާއި، ގެއްލުންތައް ރަނގަޅުވުންފަދަ ހަށިގަނޑުގެ "މަރާމާތުގެ" މަސައްކަތްތަކަށް އެއްމެ އަސާސީ މާއްދާ އަކީ ޕްރޮޓީން އެވެ. ޕްރޮޓީން ގިނައިން އެކުލެވޭ ކާނާތަކަކީ އެއްގަމު މަހާއި ކަނޑުމަހާއި ފަރުމަހާއި ކޯރުމަހާއި، ކުކުޅު ބިހެވެ. މީގެ އިތުރުން ފެހިކުލަގަދަ ފަތާއި ކިރުގެ ބާވަތްތަކާއި އެކިކަހަލަ އޮށްއޮށާއި މަދުގެ ބާވަތްތަކެވެ. މިއީ އެއްމެ އާއްމުކޮށް ޕްރޮޓީން ލިއްބައިދޭ ކާނާތަކެވެ. މީގެ އިތުރުންވެސް ޕްރޮޓީން ލިއްބައިދޭ ކިތައްމެ ކާނާއެއް ހުންނާނެވެ.
ކަންމިހެން ހުރުމާއި އެކު، އަވަހަށް ފާރުހިއްކަން ބޭނުންވާ މީހާ ނުވަތަ އަވަހަށް އަނިޔާއަކުން އަރައިގަތުމަށް އެދޭމީހާ، އޭނާގެ ކެއުމުގައި ޕްރޮޓީން ބޭނުންކުރާ މިންވަރު އިތުރު ކުރާށެވެ. ހަށިގަނޑުގެ "މަރާމާތަށް" ޕްރޮޓީން އަކީ އެއްމެ އަސާސީ މާއްދާއެވެ.
