ދިވެހިރާއްޖޭގައި ހެދިފައިހުންނަ ގަސްގަހާގެހީގެ ބާވަތްތަކުގެ ތެރެއިން މޫނިމާ ގަސްގަހަކީ މަދު އަދަދެއްގެ ގަސްގަހެއް ނޫނެވެ. އާއްމުކޮށް ރަށްރަށުގެ މިސްކިތްތަކާއި ސުކޫލުތަކާއި އަދި ހެލްތް ސެންޓަރު ނުވަތަ ހޮސްޕިޓަލް ތަކުގައި މޫނިމާ ގަސް އިންދާ އުޅުނެވެ. އެފަދަ ބައެއް ގަސްގަސް، އަދިވެސް އެ ތަންތަނުގައި ބޮޑުކޮށް ހެދިފައި އެބަ ހުއްޓެވެ. ސައިންޓިފިކަލީ މޫނިމާގަހަށް މިމުސޮޕްސް އެލެންގި އޭ ކިޔާއިރު، އިނގިރޭސިބަހުން އާއްމުކޮށް މޫނިމަލަށް، ސްޕެނިޝް ޗެރީ އޭ ކިޔައެވެ.

މޫނިމާ ގަހުގައި އަޅާ ކުދި ކުދި މޭވާ ތަކަކީ އޭގެ ޅަ އިރުގައި ފެހިކުލައިގައި ހުރި ނަމަވެސް ދޮންވެ ފައްކާވުމުން ގަދަ އޮރެންޖު ކުލައަކަށް ބަދަލުވާ މޭވާއެކެވެ. މިއީ ކެއުމަށް ބޭނުން ކުރި އަދި ކުރާ ނުވަތަ ކުރެވިދާނޭ މޭވާ އެކެވެ. އިހުގައި މޫނިމާއޮށް ކައި އުޅުނު މީހުން މަދެއް ނުވާނެއެވެ. ނަމަވެސް މިހާރަކަށް އައިސް މި މޭވާ ކެވޭ މިންވަރު ވަރަށްވެސް މަދެވެ. ސަބަބަކީ މީގެ ގިނަ ގަސްގަސް ނެތިގެން ދިއުމާއި، އެކަމުގެ ޝައުގުވެރިކަންވެސް މީހުންގެ ކިބައިން ނެތިގެން ދިއުމެވެ.

ކެއުމުން އަނގަ ބޯވާ ޒާތުގެ ގޮތެއް މި މޭވާގައި ހުއްޓެއް ކަމަކު، މިއީ އަނގައަށް ވަރަށްވެސް ރަނގަޅު މޭވާއެކެވެ. އެގޮތުން ހިރުގަނޑު ގިރުމާއި، ހިރުގަނޑުން ލޭ އައުމާއި ދަތްފަނި ކެއުންފަދަ އަނގައިގެ ބަލިތަކުން ދުރުކޮށްދިނުމަށް އެހީތެރިވެދޭ ގިނަ އަދަދެއްގެ އެންޓިއޮކްސިޑަންޓްސް މޫނިމާއޮށުގައި ހުރެއެވެ. އަދި މޫނިމާއޮށުގައި ހުންނަ އެންޓި-ބެކްޓީރިއަލް މާއްދާތަކުގެ ސަބަބުން އަނގައިގައި ހެދޭ ފާރުކޮޅުތައް އަވަހަށް ފަސޭހަވެ، ފާރުކޮޅުތައް ނުބައިވިޔަ ނުދީ ހިފަހައްޓައިދެއެވެ. މީގެ އިތުރުން މޫނިމާއޮށުގައި ހުންނަ ގަސްގަހާގެހީގެ ނުވަތަ ފަތްޕިލާވެލީގެ ތާސީރުތަކެއްގެ ސަބަބުން އަނގައިގެ ކެންސަރު ޖެހުމުން ދުރުކޮށްދިނުމަށްވެސް އެހީތެރިވެދެއެވެ.

ކަންމިހެން ހުރުމާއި އެކު އަނގަތެރެ ބޯވި ނަމަވެސް، މޫނިމާއޮށަކީ އަނގައިގެ ދުޅަހެޔޮކަމަށް ގިނަ ފައިދާތަކެއް ކުރުވާ މޭވާ އެކެވެ. މިފަދަ ބައެއްކަހަލަ، ކާނާތަކަކީ އޭގައި ފޮރުވިފައިވާ އެތައް ފައިދާތަކެއްވާ ކާނާތަކެކެވެ.

 

ހަވާލާ: ސިލްވިއާ، ހެލްތް ބެނެފިޓް ޓައިމްސް - 2019