ފަހު ދެ ބޯޅައިން 10 ލަނޑުހަދައި، ގުޖުރާތު ޓައިޓަންސް އަތުން ފަސް ވިކެޓުން މޮޅުވެ، ޗެންނާއީ ސުޕަ ކިންގްސް އިން ފަސްވަނަ ފަހަރަށް އައިޕީއެލްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއާއެކު، ޗެންނާއީ ވަނީ މުބާރާތުގެ ތާރީޚުގައި އެންމެ ކާމިޔާބު ޓީމު ކަމަށްވާ މުމްބާއީ އިންޑިއަންސްއާ އެއްވަރަށް ފަސް ތަށި ކާމިޔާބުކޮށްފައެވެ. ޗެންނާއީ އިން ތަށި އުފުލާލީ 2010، 2011، 2018 އާއި 2021 އަދި 2023 ވަނަ އަހަރު އެވެ.
ކުރިން މި މަހުގެ 28 ވީ އާދީއްތަ ދުވަހު ކުޅެން ހަމަޖެހިފައި އޮތް މި ފަހަރުގެ އައިޕީއެލް ފައިނަލް، އެ ދުވަހު އިންޑިއާގެ އަހުމަދުއާބާދަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރެއަށް ފަސްކުރަން ޖެހުނީ އެވެ.
ގުޖުރާތުގެ އަހުމަދުއާބާދުގައި ހުންނަ ނަރެންދްރަ މޯދީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން ޗެންނާއީ އިން ގަސްދުކުރީ ހޮވަން އަރާށެވެ. ފުރަތަމަ އިނިންގްސްގައި ގުޖުރާތުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތަރު ވިކެޓަށް 214 ލަނޑުހެދިއެވެ. މިއީ އައިޕީއެލްގެ ތާރީޚުގައި ފައިނަލެއްގައި ފެނިގެންދިޔަ އެންމެ މަތީ ސްކޯ އެވެ.
މި އިނިންގްސްގައި ގުޖުރާތަށް ކުޅެމުން އަންނަ ޗެންނާއީ އަށް އުފަން، އުމުރުން 21 އަހަރުގެ ސާއި ސުދަރްސަން ވަނީ 47 ބޯޅައިން 96 ލަނޑުހަދައިފައެވެ. އޭނާގެ މި އިނިންގްސްގައި 8 ފަހަރު ހަތަރަކަށް ޖަހައި، ހަ ފަހަރު ހަޔަކަށް ޖަހައިފައެވެ. މިއީ ފައިނަލެއްގައި ކުޅުންތެރިއެއްގެ ފަރާތުން ފެނިގެންދިޔަ ތިންވަނަ އަށް އެންމެ މަތީ ސްކޯ އެވެ. މީގެކުރީން، 2018 ވަނަ އަހަރުގެ ފައިނަލްގައި ސަން ރައިޒާސް ހައިދަރުއާބާދުއާ ދެކޮޅަށް ޗެންނާއީގެ ޝޭން ވޮޓްސަން ނުބައިނުވެ 117 ލަނޑުހެދިއިރު، އޭގެ ހަތަރު އަހަރު ކުރީން ކުޅެވުނު 2014 ގެ ފައިނަލްގައި ޕަންޖާބް ކިންގްސްގެ ރިދިމަން ސަހާ ވަނީ ކޮލްކަތާ ނައިޓް ރައިޑާސްއާ ދެކޮޅަށް ނުބައިނުވެ 115 ލަނޑުހަދައިފައެވެ.
ގުޖުރާތުން ފުރަތަމަ އިނިންގްސްގައި ދެން އެންމެ ރަނގަޅަށް ކުޅުނީ 39 ބޯޅައިން 54 ލަނޑުހެދި ވިކެޓްކީޕަރު ބެޓްސްމަން ސަހާ އާއި ނުބައިނުވެ 12 ބޯޅައިން 21 ލަނޑުހެދި އެ ޓީމުގެ ކެޕްޓަން ހާޑިކް ޕާންޑްޔާ އެވެ. މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިންޑިއާގެ ޝުބްމަން ގިލް ނުބައިވީ 39 ލަނޑަށެވެ. މި އިނިންގްސްގައި ޗެންނާއީ އަށް އެންމެ ގިނަ ވިކެޓްނަގައިދިނީ މަތީޝާ ޕަތިރާނާ އެވެ. އޭނާ ދެ ވިކެޓްނެގިއިރު ދީޕަކް ޗަހާރް އާއި ރަވިންދްރަ ޖަދޭޖާ ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ.
މި އިނިންގްސްގައި ހެދި ބައިސައްތަ އާއެކު ސަހާ ވަނީ އައިޕީއެލްގެ ތާރީޚުގައި ފައިނަލް މެޗެއްގައި ބައިސައްތަ ހެދި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ރޭގެ މެޗުގައި ކުޅުނުއިރު އޭނާގެ އުމުރަކީ 38 އަހަރާއި 218 ދުވަހެވެ.
ފުރަތަމަ އިނިންގްސްއާ ހިލާފަށް ވާރޭގެ ސަބަބުން ދެވަނަ އިނިންގްސް ފަށަން ޖެހުނީ މެދުކެނޑުމަކަށްފަހު އެވެ. ދެވަނަ އިނިންގްސް ފެށިގެން ޗެންނާއީގެ އޯޕަނިން ބެޓްސްމަނުން ތިން ބޯޅައާ ކުރިމަތިލިތަނާ ވާރޭ ވެހެން ފެށުމުން މެޗު މެދުކަނޑާލިއިރު ދެން ކުޅުން ފެށުނީ ދެ ގަޑިއިރެއްހާއިރު ފަހުންނެވެ. ވާރޭގެ ސަބަބުން ދެވަނަ އިނިންގްސްގެ ފެށުން ލަސްވުމުން، ޑަކްވޯތު ލުވިސް މެތަޑް އިން ބަލައިގެން މެޗު ކާމިޔާބުކުރުމަށް ޗެންނާއީ އަށް ކަނޑައެޅިފައިވާ ޓާގެޓަކީ 15 އޯވަރުގެ ތެރޭގައި 171 ލަނޑެވެ.
ޖަވާބުގައި ކުޅެން އެރި ޗެންނާއީ އިން ހާސިލްކުރަންޖެހޭ ޓާގެޓަށް ވާސިލްވީ ފަހު ދެ ބޯޅައިން 10 ލަނޑުހެދި ޖަދޭޖާ މޮޅު ކުޅުމުގެ ސަބަބުންނެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 25 ބޯޅައިން 47 ލަނޑުހެދި ޑެވޯން ކޮންވޭ އާއި ނުބައިނުވެ 21 ބޯޅައިން 32 ލަނޑުހެދި ޝިވަމް ދުބޭ އެވެ. މީގެއިތުރުން، 13 ބޯޅައިން 27 ލަނޑުހެދި އަޖިންކިޔާ ރަހާނޭ އާއި އެންމެ 8 ބޯޅައިން 19 ލަނޑުހެދި އަމްބަތީ ރައިޑޫގެ ކުޅުން ފާހަގަކޮށްލެވުނެވެ. ކޮންވޭ އާއެކު އެންމެ ފުރަތަމަ ކުޅެން ނިކުތް ރުތުރާޖް ގައިކްވާޑް ވަނީ 16 ބޯޅައިން 26 ލަނޑުހަދައިފައެވެ.
ޗެންނާއީގެ މި ތާރީޚީ މޮޅުގައި އެންމެ ހިއްސާ ބޮޑު އެއްކުޅުންތެރިޔާ ކަމަށްވާ، ޖަދޭޖާ ވަނީ ނުބައިނުވެ 6 ބޯޅައިން 15 ލަނޑުހަދައިފައެވެ. އޭނާ ވަނީ ޗެންނާއީގެ ކެޕްޓަން މަހެންދްރަ ސިންގ ދޯނީ ސުމަކަށް ނުބައިވުމުން، އެ ދަނޑިވަޅުގައި ޓީމު ހަމައަކަށް އަޅުވައިދީ މޮޅު ކަށަވަރުކޮށްދިނުމަށް، ފަހު ދެ ބޯޅައިން ހަޔަކަށާއި ހަތަރަކަށް ޖަހައިފައެވެ. މި އިނިންގްސްގައި ގުޖުރާތުން އެންމެ ރަނގަޅަށް އުކި މޯހިތު ޝަރްމާ ތިން ވިކެޓްނެގިއިރު ނޫރް އަހުމަދު ދެ ވިކެޓްނެގިއެވެ.
މެޗަށްފަހު ކުޅުންތެރިންނަށް އިނާމުދިންއިރު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗެންނާއީގެ އޯޕަނިން ބެޓްސްމަން ކޮންވޭ އެވެ. އެމާޖިންގ ޕްލެއާ އޮފް ދަ ޓޯނަމަންޓްގެ މަގާމަށް ރާޖަސްތާން ރޯޔަލްސްގެ ޔަޝަސްވީ ޖައިސްވާލް ހޮވުނުއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން އެންމެ ގިނަ ލަނޑުހެދި ކުޅުންތެރިޔާ އަށް ދޭ އޮރެންޖް ކެޕް ހާސިލްކުރީ ގުޖުރާތުގެ ޝުބްމަން އެވެ. އެންމެ ގިނަ ވިކެޓްނެގި ކުޅުންތެރިޔާ އަށް ދޭ ޕާޕްލް ކެޕް ހޯދީ ގުޖުރާތުގެ މުޙައްމަދު ޝާމީ އެވެ.
