ކޮންމެ އަހަރެެއްގެ މޭ މަހުގެ 31 ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ގޮތުގައެވެ. ކޮންމެ އަހަރަކު މި ދުވަސް ފާހަގަ އެކި ފެންވަރުގައި ފާހަގަ ކުރެވެމުން ދާއިރުގައިވެސް މިއީ މަގުސަދު ހާސިލްވުނެ ބޭކާރު ވެގެންދާ ދުވަސްތަކެއް ކަމުގައި ވެދެއެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މިކަމުގައި ސަބަބުތައް ކިތައްމެހާވެސް ގިނައެވެ. 

ހެދިފައިވާ ގަވާއިދުތަކަށް އަމަލު ނުކުރެވުމަކީ މީގެ ތެރެއިން އެއްމެ ބޮޑު އެއް ސަބަބެވެ. ކިތައް ކިތައް އިމާރާތުގެ ކިތައް ކިތައް ފާރުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކަމުގެ ނިޝާން ޖަހާފައި ހުރޭ ހެެއްޔެވެ؟ އޭގެތެރެއިން ކިތައްކިތައް ތަނުގައި އެ ބުނާ ނަމާ ކަމެއް ތަންފީޒުވޭތޯ؟ ގިނަފަހަރަށް އެފަދަ އިއުލާނުތަކާއި ނިޝާންތައް ފެންނަނީ، ގާނޫނީ ގޮތުން ހޯދަން ބޭނުންވާ ހުއްދައެއް ހޯދުމަށް ބޭނުންކުރާ ނިޝާނެއްގެ ގޮތުގައެވެ. ކަން ވެ ނިމުނުން، ދެން އެ ނިޝާނުގެ ބޭނުން ކުރެވޭ ތަނެއް، އޭގައި ބުނާ ގޮތަށް ފިޔަވަޅެއް އެޅޭ ތަނެއް ނުފެނެއެވެ. އާދޭހެވެ! މިހެން ދެންނެވި ނަމަވެސް މަދުފަހަރަކު، ފިޅަވަޅު ނާޅާ ވާހަކައެއް ނުދަންނަވެމެވެ. މިއީ ޖުމްލަކޮށް އާއްމު ހާލަތުގެ ވާހަކައެވެ.

ކެފޭ ހޮޓާ ތަކުގައިވެސް ވަކި ސަރަހައްދެއް ކަނޑައެޅިފައި ހުންނައިރު، އެވެސް ފެންނަނީ ފާރުގައި އިންނަ އިސްޓިކާއަކުން އެކަންޏެވެ. ފަހަރުގައި އެތަނެއްގެ ވެރިން އެކަން ތަންފީޒު ކުރެވޭތޯ އުޅެފާނެއެވެ. ނަމަވެސް އެ ކެފޭ އަކަށް ނުވަތަ ހޮޓަލަކަށް އަންނަ މީހަކު، އަޑުގަދަކޮށް ވާހަކަ ދައްކާލާއިރަށް، އެމީހަކަށް، އެތަނެއްގައި، އެމީހަކު ބޭނުން ތަނަކު، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އިޒުނަ ދެވެއެވެ. މިއީ ދުންފަތާއި ދެކޮޅަށް ކުރާ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަޅު ތަކެކެވެ.

ދުންފަތާއި ދުންފަތާއި ގުޅުންހުރި އެއްވެސް އެއްޗެެއް އިޝްތިހާރުކޮށް ވިއްކުމަކީ މަނާ ކަމެކެވެ. ނަމަވެސް ފޭސްބުކާއި އިންސްޓަގްރާމާއި، ވައިބާ އާއި ޓެލެގްރާމް އަދި ވަޓްސްއަޕް ފަދަ ތަންތަނުގައި އޭގެ އިޝްތިހާރުތައް ފެންނަލެއް މަދެއް ނޫނެވެ. ރަށްރަށުގައި ހެދިފައި ހުންނަ އާއްމު ވިޔަފާރި ވައިބާ ގުރޫޕުތަކާއި ރަށްެރަށަށް ހާއްސަކޮށް ހެދިފައި ހުންނަ ފޭސްބުކް ގްރޫޕްތަކުގައިވެސް ދުންފަތާއި ދުންފަތުގެ ބާވަތްތައް އިޝްތިހާރުކޮށްފައި ހުންނަނީ އެހާމެ ގިނައިންނެވެ. މިއިން އެއްވެސް ކަމަކަށް ފިޔަވަޅެއް އެޅޭތަނެއް ނުފެނެއެވެ. މީހަކަށް އަދަބެއް ދެވޭތަނެއް ނުފެނެއެވެ. އެފަދަ ވިޔަފާރިތައް ކުރާމީހުން، ފާޅުގައި އެ ވުޔާފާރިތައް ފުޅާކުރަނީ އާއްމުކޮށް އިޝްތިހާރުކޮށްގެންނެވެ. ވީއިރު މިކަންކަމަށް ހަރުދަނާ ފިޔަވަޅުތަކެއް ނޭޅި، ކަންކަން ތަންފީޒު ނުކުރެވޭނަމަ މިއީ ދުންފަތާއި ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުވުމަށް އޮތް ހުރަހެކެވެ.

ދެން އޮތީ ބެލެނިވެރިންނާއި މައިންބަފައިންގެ ވާހަކައެވެ. މީގެ 15 ވަރަކަށް އަހަރު ކުރިއަށް ބަލާލާނަމަ، އެއްވެސް މަޔަކު އަދި ބަފަޔަކު، އެމީހުންގެ ދަރީން ދުންފަތުގެ އިސްތިއުމާލު ކުރާކަށް ނޭދޭނެއެވެ. އެއީ އެ ކުއްޖާގެ މައިންބަފައިން ދުންފަތުގެ އިސްތިއުމާލު ކުރި ކަމުގައި ވިޔަސް މެއެވެ. އެ ކުއްޖަކު، 18 އަހަރު ފުރުމުގެ ކުރިން ދުންފަތުގެ އިސްތިއުމާލު ކުރުން ހަރުކަށި ކަމާއެކު މައިންބަފައިން މަނާކުރެއެވެ. 18 އަހަރު ނުވާ ކުއްޖެއްނަމަ އޭރުގައި ދުންފަތުގެ އިސްތިއުމާލު ކުރާނީ ވަރަށް ވަގަށެވެ. ވަސް ދުވާފާނެތީ އަންނައުނުވެސް ބާލައިގެންނެވެ. ނަމަވެސް މިއަދުގެ ހާލަތު ބަލާލަމާ ހިނގާށެވެ. ސުކޫލު ކުދިން، ދުންފަތުގެ އިސްތިއުމާލު ކުރިޔަސް މިއަދު ފިޔަވަޅެއް އެބަ އެޅޭ ހެއްޔެވެ؟ ސުކޫލުކުދިން ސުކޫލުގައި އެކަން ކުރިޔަސް މެއެވެ. މައިންބަފައިން ނުކުންނަނީ އެ ކުދިންގެ ދިފާއުގައެވެ. ކުއްޖާ 18 އަހަރު ނުވަނީސް ދުންފަތުގެ އިސްތިއުމާލު ކުރަން ފަށަނީ އެއްވެސް ޖެހިލުމެެއްނެތި ފާޅުގައެވެ. މައިންބަފައިންނަށްވެސް އެކަމުގައި ގޯހެއް މިއަދަކު ނުފެނެެއެވެ. އިރެއްގައި އެއީ ގޯސް އާދައެއް ކަމުގައި ދެކެވުނެއް ކަމަކު، މިއަދު އެއީ "ނިއު ނޯމަލް" އެކެވެ. އެއީ އާއްމު އާދައިގެ ކަމެއް ކަމުގައި ބެލެނިވެރިންނާއި މައިންބަފައިން ދެކެން ފަށައިފިއެވެ. 18 އަހަރު ނުވާ ކުޑަކުއްޖާ ނުވަތަ މަދަރުސާ ކުއްޖާ ދުންފަތުގެ އިސްތިއުމާލު ކުރުމުން ފިޔަވަޅެއް ނޭޅެއެވެ. ހީވާ ކަހަލައެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީވެސް އެކުދިންނަށް ލިބޭ ހައްގެކެވެ!

ގޯހެއް އެއީ އާދައިގެ ކަމަކަށް ބަދަލުވުމުން، ސިއްރުގައި ހެދި ގޯސްތައް މި ހަދަނީ ފާޅުގައެވެ. ގޯހެއް އެއީ އާއްމު ކަމެއް ކަމުގައި ވުމުން، އެކަމަކަށް ފިޔަވަޅެއް ނޭޅެއެވެ. ބެދޭ މަޅި ނުފެނި ހުއްޓާ މިއޮތީ ރަނގަޅަށް ބެދިފައެވެ. ދެން މި މަޅިން އަރައިގަތުމަށް ކުރަން އޮތް މަސައްކަތުގެ ބޮޑުކަން ވަޒަންވެސް ނުކުރެވެއެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހެއް ފާހަގަކުރުމަކުން އަދި ނުފުދޭނެއެވެ. ހިތާމައިގެ ކޮޅެއް ނެތެވެ!