ޔުރޮޕާ ލީގުގެ ފައިނަލްގައި ރޭ ޕެނަލްޓީ ޖަހައިގެން އޭއެސް ރޯމާ 4-1 އިން ބަލިކޮށް، ސެވިއްޔާ އިން އެ މުބާރާތުގެ ޗެމްޕިއަންކަން ހަތްވަނަ ފަހަރަށް ހޯދައިފިއެވެ. 

ސެވިއްޔާ އިން ވަނީ މިހާތަނަށް ފައިނަލްގައި ކުޅުނު ހަތް ފަހަރު ވެސް ޗެމްޕިއަންކަން ހޯދާފައެވެ. އެއީ، 2006، 2007، 2014، 2015، 2016، 2020 އަދި 2023 އެވެ. އަނެއްކޮޅުން ރޭގެ މެޗަކީ މި މުބާރާތުގެ ފައިނަލްގައި ރޯމާ ބަލިވި ދެވަނަ ފަހަރެވެ. މީގެކުރީން، 1991 ވަނަ އަހަރުގެ ފައިނަލްގައި އިންޓަ މިލާން އަތުން ވެސް ރޯމާ ވަނީ ބަލިވެފައެވެ.

ބުޑަޕެސްޓްގައި ހުންނަ ޕުސްކަސް އެރީނާގައި ރޭ ކުޅުނު މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވުމުން، ޕެނަލްޓީ ޝޫޓްއައުޓްގައި ސެވިއްޔާ މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެންމެ ފަހުގެ ވޯލްޑް ކަޕް ފައިނަލުގައި ފްރާންސްއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި އެ ޓީމު މޮޅުވި ޕެނަލްޓީ ވެސް ކާމިޔާބުކުރި ގޮންޒާލޯ މޮންޓިއެލް އެވެ. 

ރޭގެ މެޗު ފެށިގެން 34 ވަނަ މިނެޓުގައި ރޯމާ އިން ލީޑްނެގީ އާޖެންޓީނާގެ ފޯވާޑް، ޕައޮލޯ ޑިބާލާ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ އިޓަލީ ޑިފެންޑަރު ޖިއަންލޫކާ މަންޗިނީ ދިން ޕާހަކުން ގޯލްގެ ކަނާތްފަރާތު ތިރީ ކަނަށް އަމާޒުކޮށްލައިގެން ޑިބާލާ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، ފުރަތަމަ ހާފުގައި ރޯމާގެ ލީޑް ފުޅާކޮށްދޭން ލިއޮނާޑޯ ސްޕިނަޒޯލާ އަށް ލިބުނު ފުރުޞަތުގެ ބޭނުމެއްނުހިފުނެވެ.

އޭއެސް ރޯމާގެ ފޯވާޑް، އަންދްރެއާ ބެލޮޓީ ގޯލަށް އަމާޒުކޮށް ބޯޅަ ފޮނުވާލަނީ. --ޔުއެފާ

ދެވަނަ ހާފުގެ ކުޅުން ފެށިގެން 10 ވަރަކަށް މިނެޓުގެ ތެރޭގައި ސެވިއްޔާ އިން އެއްވަރުކުރި ގޯލަކީ ރޯމާގެ ޑިފެންޑަރު މަންޗިނީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މިއީ ސެވިއްޔާގެ ކެޕްޓަން ޖެސޫސް ނަވާސް ހުރަހަކުން ފޮނުވާލި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި މަންޗިނީ އަތުން ވަތް ގޯލެކެވެ.

އޭގެފަހުން، މި މެޗުން ރޯމާ މޮޅުކޮށްދޭން ގިނަ ފުރުޞަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެ ޓީމުގެ އިނގިރޭސި ފޯވާޑް، ޓެމީ އެބްރަހަމް އާއި ރޮޖާ އިބާނޭޒް އަދި އަންދްރެއާ ބެލޮޓީ ފޮނުވާލި ހަމަލާތަކުގައި ގޯލެއް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ. 

ޕެނަލްޓީއޭރިޔާ ތެރެއިން ސެވިއްޔާގެ ލޫކަސް އޮކަމްޕޯސް އަށް ރޯމާގެ އިބާނޭޒް ފައުލްކުރިކަމަށް ނިންމައި، ރެފްރީ އެންތަނީ ޓެއިލާ ޕެނަލްޓީއެއް ދޭން ނިންމުމާއެކު ސެވިއްޔާ އަށް ލަނޑުޖަހާނެ ރަނުގެ ފުރުޞަތެއް ލިބުނީ ކަމަށް ބެލެވުނެވެ. ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީގެ ނިންމުން ވަނީ ބަދަލުކޮށްފައެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ރޯމާ މޮޅުކޮށްދޭން އެ ޓީމުގެ އިނގިރޭސި ޑިފެންޑަރު، ކްރިސް ސްމޯލިން އަށް ލިބުނު ފުރުޞަތުގައި ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

ރޯމާއާ ދެކޮޅަށް ސެވިއްޔާ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

ޕެނަލްޓީ ޝޫޓްއައުޓްގައި ރޯމާ އިން ފޮނުވާލި ތިން ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީއެކެވެ. އެއީ ބްރަޔަން ކްރިސްޓަންޓޭގެ ޕެނަލްޓީ އެކަންޏެވެ. އެ ޓީމުން ދެން ފޮނުވާލި މަންޗިނީގެ ޕެނަލްޓީ ސެވިއްޔާގެ ކީޕަރު ޔަސީން ބޯނޯ މަތަކުރިއިރު، އިބާނޭޒް ފޮނުވާލި ބޯޅަ ދިޔައީ ދަނޑީގައި ޖެހިފައި ބޭރަށެވެ.

ސެވިއްޔާ އިން ފޮނުވާލި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. އެ ޓީމުގެ ފުރަތަމަ ތިން ޕެނަލްޓީ ފޮނުވާލީ އޮކަމްޕޯސް، އެރިކް ލަމޭލާ އަދި އިވާން ރަކިޓިޗް އެވެ. ހަތަރުވަނަ އަށް ޕެނަލްޓީ ފޮނުވާލަންދިޔައީ މޮންޓިއެލް އެވެ. އޭނާ ފުރަތަމަ ފޮނުވާލި ޕެނަލްޓީ ރޯމާގެ ކީޕަރު ރުއީ ޕެޓްރީޝިއޯ މަތަކުރިއެވެ. ނަމަވެސް، އެ ބޯޅަ ފޮނުވާލުމުގެ ކުރީން ޕެޓްރީޝިއޯ ގޯލްގެ ރޮނގަށްވުރެ ކުރިއަށް ނިކުތުމުން އެ ޕެނަލްޓީ އަލުން ޖެހުނީ ޖަހާށެވެ. މި ފަހަރު މޮންޓިއެލް ވަނީ ޕެނަލްޓީ ކާމިޔާބުކޮށް، ސެވިއްޔާ އަށް ޗެމްޕިއަންކަން ކަށަވަރުކޮށްދީފައެވެ.

ރޭގެ މެޗަކީ ޔޫރަޕްގެ ކްލަބު ފުޓްބޯޅަ މުބާރާތެއްގެ ފައިނަލަށް ދަތުރުކޮށް، ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ފުރަތަމަ ފަހަރެވެ. މީގެކުރީން، މޮރީނިއޯގެ ޓީމުތަކުން ވަނީ ފައިނަލްގައި ވާދަކުރި ފަސް ފަހަރު ވެސް ތަށި އުފުލާލައިފައެވެ.