މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގާތް އެކުވެރި ގުޅުމާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދުއާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ މަޝްވަރާކުރެއްވިއެވެ. އަދި ކޮވިޑް-19 އިން އަރައިގަތުމަށް ކުރެވޭ މަސައްކަތާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން އިންޑިއާއިން ވަރަށް އަވަހަށް ފޯރުކޮށްދެއްވާފައިވާތީ، އެކަމަށް މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. 
ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދުގެ ދަޢުވަތަކަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް މިކުރައްވާ ދަތުރުފުޅުގައި، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުމުގެ ތެރެއިން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލައްވާނެއެވެ. މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝްރިންގްލާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.