ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފިއުލް ސްޓޯރޭޖެއް ޔޫއޭއީ ގައި ގާއިމުކުރަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
މިކަން ހާމަކުރީ އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދުއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މި ޖަލްސާގައި ސައީދު ވިދާޅުވީ ބައިނަލްއަގުވާމީ ބަންކަރިން ހިދުމަށް ފެށުމުގެ މަސައްކަތް އެސްޓީއޯއިން ކުރިއަށްގެންދާ ކަމަށެވެ. އަދި ސަރުކާރާއި ރާއްޖޭން ބޭރުގެ ކޮންސަލްޓެންޓެއްގެ އެހީގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތަށް ބޭނުންވާ ގާނޫނީ މަސައްކަތްތައް މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
މީގެ އިތުރުން ބަންކަރިންގެ ހިދުމަތާ އެކު ޔޫއޭއީގައި ތެޔޮ ރައްކާކުރުމަށް ސްޓޯރޭޖް ހެދުމަށް ވިސްނަމުން ގެންދާ ކަމަށާއި އެސްޓީއޯ ސިންގަޕޫރު އަދި އެމްއެންއޯސީން ކުރިއަށްގެން ދިޔަ އޮޕަރޭޝަންތައް އަލުން ފަށައިގަތުމަށްފަހު، ތެލުގެ ވިޔަފާރި ފުޅާކުރަން ވިސްނާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ޔޫއޭއީގެ ރަށެއްގައި ސްޓޯރޭޖް ގާއިމުކުރަނީ ފިއުލް ޓްރޭޑް ކުރުމުގެ ވިސްނުމުގައި ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
އިންޓަނޭޝަނަލް ބަންކަރިން ކުރުމުގެ ހުއްދަ އެސްޓީއޯއަށް ލިބިފައިވާ ކަމަށާއި އެސްޓީއޯ ސިންގަޕޫރް އާއި މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ (އެމްއެންއޯސީ) މެދުވެރިކޮށް އިންޓަނޭޝަނަލް ފިއުލް ޓްރޭޑް ކުރުމަށް ވެސް އެކުންފުނިން ނިންމާފައިވާ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
