11 ވަނަ އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕްގެ އިނާމުދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިދިޔަ މެއި މަހުގެ 18 އިން 26 އަށް ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާގައި ކުރިއަށްދިޔަ މި ފަހަރުގެ އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕްގައި ހުރިހާ އިވެންޓެއް ހިމެނޭ ގޮތަށް 45 ކުޅުންތެރިން ބައިވެރިވެފައިވެއެވެ.
ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާގައި ރޭ ބޭއްވި އިނާމުދިނުމުގެ ރަސްމިއްޔާތުގައި ރަންވަނަތަކަށް ކުޅުންތެރިންނަށް އިނާމާއި، ހަނދާނީ ލިޔުން އަދި މެޑަލް ދީފައިވާއިރު މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓްގެ ހަސަން އަހުމަދު އެވެ.
މިފަހަރުގެ އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އިސްމާއިލް އަޒްމީން ހޯދިއިރު އަންހެން ސިންގަލްސް ޗެމްޕިއަން ތަށި އުފުލާލީ އައިމިނަތު ވިދާދް އެވެ. ފިރިހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ އިސްމާއިލް އަޒްމީން އާއި އިބްރާހިމް އަޒްމީންގެ ޕެއާ އިންނެވެ. އަންހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަނުންނަކީ ވިދާދް އާއި އައިމިނަތު ޝުބާ އާދަމްގެ ޕެއާ އެވެ. އޯޕަން ސިންގަލްސްގެ ޗެމްޕިއަންކަން ހާސިލްކުރީ އިބްރާހިމް ހުޖާން އަލީ އެވެ.
މި އަހަރުގެ މުބާރާތުގައި ފަސް ކުޅުންތެރިއަކު ސްލޭމް ހެދިއިރު ފުރަތަމަ ސްލޭމް ހެދި ކުޅުންތެރިޔާ އަށް ދޭ "ގޯލްޑެން ސްލޭމް" އެވޯޑް ހާސިލްކުރީ ޚާތިމް ޚަލީލް އެވެ. ޚާތިމްގެ އިތުރުން މިފަހަރުގެ މުބާރާތުގައި ސްލޭމް ހެދީ؛ އަލީ ހަސަން، އާދަމް އަދީލް، މުޙައްމަދު މުންތަސިރު (މުންކޮ)، އަޒްމީން އަދި ހުޖާން އެވެ.
މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް އަލީ އަޚްކަމް އާދަމް ހޮވުނުއިރު އެންމެ މޮޅު އަމަޕަޔަރުގެ މަގާމް ހޯދީ މަރިޔަމް ޖައިޝާ އަހުމަދު ޝަރީފް އެވެ.
މީގެއިތުރުން، ރޭގެ ރަސްމިއްޔާތުގައި މި ފަހަރުގެ މުބާރާތުގައި އިންސާފުކޮށްދެއްވި ޗީފް އަމްޕަޔަރު އާއި އަމްޕަޔަރުންނަށް ވެސް ހަނދާނީ ލިޔުން ދީފައިވެއެވެ.
