ސެވިއްޔާ އިން ޔުއެފާ ޔުރޮޕާ ލީގު ކާމިޔާބުކުރުމަކީ ސްޕެނިޝް ލީގުގެ ވަރުގަދަކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ސިފަކޮށްފިއެވެ.
ޓެބާސް ބުނީ، އިޓަލީގެ އޭއެސް ރޯމާ ބަލިކޮށް ސެވިއްޔާ އިން އެންމެ ފަހުގެ ޔުރޮޕާ ލީގު ކާމިޔާބުކުރުމަކީ ލަލީގާގެ ޓީމުތަކުގެ ވާދަވެރިކަމާއި ހައިބަތު ދައްކުވައިދޭ ކަމެއް ކަމަށެވެ.
"މީގެއިން ދައްކުވައިދެނީ އަހަރެމެންގެ ލީގުގެ ވަރުގަދަކަން. ސެވިއްޔާ އަކީ ސީޒަންގެ ވަކި ހިސާބަކަށް ދިޔައިރު ރެލިގޭޝަންގެ ބިރާއި ކުރިމަތިލާންޖެހިފައި އޮތް ޓީމެއް. ހަމަ މި ޓީމު މިވަނީ ޔޫރަޕްގެ ކްލަބުތަކުގެ މެދުގައި ކުޅެވޭ ދެވަނައަށް އެންމެ ޝަރަފުވެރި މުބާރާތް ކާމިޔާބުކޮށްފަ." ޓެބާސް ބުންޏެވެ.
ޓެބާސް އިތުރަށް ބުނީ، ޕްރިމިއާ ލީގުގެ ވާހަކަ ވަރަށް ގިނައިން ދެކެވޭ ކަމަށެވެ. ނަމަވެސް، މެންޗެސްޓާ ސިޓީން މިދިޔަ ހަ ސީޒަނުގެ ތެރެއިން ފަސް ފަހަރު ލީގު ކާމިޔާބުކުރިކަމަކީ ގިނަ ބަޔަކުގެ ހަނދާނުގައި އޮތް ކަމެއް ނޫން ކަމަށެވެ.
ލަލީގާގެ ރައީސް ޓެބާސް ފާހަގަކުރެއްވި ގޮަތަށް، މިދިޔަ 22 އަހަރުގެ ތެރޭގައި ޔޫރަޕްގެ ކްލަބުތަކުގެ މެދުގައި ކުޅެވުނު ޗެމްޕިއަންސް ލީގާއި، ޔުރޮޕާލީގުގެ ފައިނަލްގައި ކުޅެ، ސްޕެއިނަށް ނިސްބަތްވާ ޓީމެއް ބަލިވެފައިނުވުމަކީ އެ ގައުމުގެ ކްލަބުތަކުގެ ވަރުގަދަކަން ސާބިތުކޮށްދޭ އެއް ހެއްކެވެ.
