ފައިނަލްގައި 1-0 އިން އިންޓަ މިލާން ބަލިކޮށް މެންޗެސްޓާ ސިޓީން ޔުއެފާ ޗެމްޕިއަންސް ލީގު ހޯދުމަށް ކުރި ދިގު ދަތުރު ނިންމާލައި، ތިން މުބާރާތުގެ ތަށި އުފުލާލައި 'ޓްރެބަލް' ފުރިހަމަކޮށްފިއެވެ.
މި ފަހަރުގެ ޕްރިމިއާ ލީގާއި، އެފްއޭކަޕްގެ އިތުރުން ޗެމްޕިއަންސ ލީގު ކާމިޔާބުކޮށް ސިޓީން ވަނީ 1999 ވަނަ އަހަރު އަލެކްސް ފާގަސަންގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ޔުނައިޓެޑުން ފުރިހަމަކުރި 'ޓްރެބަލް' ގެ ކާމިޔާބީ ތަކުރާރުކޮށްފައެވެ.
މިއީ ސިޓީގެ ތާރީޚުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެ ޓީމުން މި މުބާރާތުގެ ތަށި ހޯދާފައިމިވަނީ ފައިނަލްގައި ކުޅުނު ދެވަނަ ފަހަރެވެ. މީގެކުރީން، 2021 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ޗެލްސީ އަތުން ވަނީ ބަލިވެފައެވެ.
އިސްތަންބޫލްގައި ހުންނަ އަތާތުރްކް އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 68 ވަނަ މިނެޓުގައި ސިޓީ އަށް ކާމިޔާބުކޮށްދިނީ ސްޕެއިނުގެ ޑިފެންސިވް މިޑްފީލްޑަރު، ރޮޑްރީ އެވެ. ޕެނަލްޓީއޭރިޔާ ބޭރުން ރޮޑްރީ ފޮނުވާލި މި ބޯޅަ ސަލާމަތްކުރަން އިންޓަގެ ގޯލްކީޕަރު އަންދްރޭ އޮނާނާ އަށް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ އެޓޭކްތައް ހުއްޓުވުމުގައި އިންޓަގެ ޑިފެންޑަރުން ކާމިޔާބު ހޯދިއިރު މި ހާފުގައި ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު، ކެވިން ޑި ބްރޭނާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކޮށްފައެވެ. މީގެކުރީން، 2021 ވަނަ އަހަރުގެ ފައިނަލްގައި ވެސް ޑި ބްރޭނާ އަށް އަނިޔާވެގެން އެ މެޗުގެ ބޮޑުބައި ނުކުޅެއެވެ.ރޭގެ މެޗުގައި ޑި ބްރޭނާގެ ބަދަލުގައި ކުޅެން ނިކުތް ފިލް ފޯޑެން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
އޭގެ މާގިނައިރުތަކެއް ނުވަނީސް އިންޓަ އަށް ލަނޑެއްޖަހައިދޭން ފެޑެރީކޯ ޑި މާކޯ ބޮލުން ފޮނުވާލި ބޯޅައެއް ވަނީ ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައެވެ. އެ ބޯޅަ ދެވަނަ ފަހަރަށް ޑި މާކޯ އަށް ލިބުމުން ފޮނުވާލުމުން ބްލޮކްވީ އެ ޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫގެ ގައިގަ ޖެހިފައެވެ.
އަދި އޭގެފަހުން، މެޗު ނިމެން ދަނިކޮށް ލުކާކޫ ބޮލުން ފޮނުވާލި ބޯޅައަކާއި، ދެވަނަ ހާފުގެ ފަހު ބައިގައި ކުޅެން ނިކުތް ރޮބިން ގޮސެންސް ފޮނުވާލި ބޯޅަ ވެސް ސިޓީގެ ކީޕަރު އެޑަސަން މޮރައެސް ވަނީ މަތަކޮށްފައެވެ.
ރޭގެ މެޗުން އިންޓަގެ މައްޗަށް ސިޓީން މި ހޯދީ މޮޅާއެކު އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ މިވަނީ 2011 ވަނަ އަހަރުގައި ބާސެލޯނާ އާއެކު ޗެމްޕިއަންސް ލީގު ހޯދިފަހުން މި މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފައެވެ. ގާޑިއޯލާ ވަނީ މިހާތަނަށް މި މުބާރާތުގެ ތަށި ތިން ފަހަރު އުފުލާލައި، އެންމެ ގިނަ ފަހަރު ޗެމްޕިއަންކަން ހޯދީ ކޯޗުންގެ ލިސްޓުގެ ދެވަނައިގައި އުޅޭ ފްރާންސްގެ ޒައިނުއްދީން ޒިދާންއާ އެއްވަރުކޮށްފައެވެ. މި ލިސްޓުގެ އެންމެ ކުރީގައި އުޅޭ ކާލޯ އަންޗެލޮޓީ ވަނީ އެ މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.
