ޗެކްރިޕަބްލިކްގެ ކެރޮލީނާ މުކޯވާ ބަލިކޮށް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ އިގާ ސްވިއަޓެކް، ޖެހިޖެހިގެން ދެވަނަ ފަހަރަށް ފްރެންޗް އޯޕަން އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއާއެކު، ސްވިއަޓެކް ވަނީ 1992 ވަނަ އަހަރު އެމެރިކާގެ މޮނިކާ ސެލެސް އަށް ފަހު ޖެހިޖެހިގެން ދެ ފަހަރު ފްރެންޗް އޯޕަން ކާމިޔާބުކުރި އެންމެ ޒުވާން އަންހެން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އަނެއްކޮޅުން މިއީ ސްވިއަޓެކް މި މުބާރާތް ކާމިޔާބުކުރި ތިންވަނަ ފަހަރު ވެސް މެއެވެ. މީގެކުރީން، އޭނާ ވަނީ 2020 އާއި 2022 ވަނަ އަހަރު ޗެމްޕިއަންކަން ހޯދާފައެވެ.
އިއްޔެ ޕެރިހުގައި ފިލިޕް ޗެޓްރިއާ ކޯޓްގައި ކުޅުނު މި ފަހަރުގެ ފްރެންޗް އޯޕަން ފައިނަލްގައި މުކޯވާގެ މައްޗަށް ސްވިއަޓެކް ކުރިހޯދީ 6-2، 5-7 އަދި 6-4 އިންނެވެ.
"އަހަންނަށް ނޭނގެ އަހަންނަށް އިހުސާސް ކުރެވުނު ގޮތެއް،" ތިން ވަނަ ފަހަރަށް ފްރެންޗް އޯޕަން އުފުލާލިތާ ދެ ގަޑިއިރު ފަހުން ތޮއްޖެހިފައިވާ ޕްރެސް ރޫމްގައި ހުރެ ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުން ސްވިއަޓެކް ބުންޏެވެ.
"އެއީ ސިފަކުރަން އުނދަގޫ ކަމެއް. އެކަމަކު މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް. މިދިޔަ ތިން ހަފްތާއަށްފަހު ކުއްލިއަކަށް ވަރުބަލިކަން އިހުސާސް މި ކުރެވުނީ. ފަހަރެއްގައި އަހަރެންގެ މެޗުތަކަކީ ފިޒިކަލީ އެހާ ވަރުބަލިވާ ކަހަލަ ކަމެއް ނުވެދާނެ، އެކަމަކު މިދިޔަ ތިން ހަފްތާ ވަންދެން ފޯކަސް ބެހެއްޓުމަކީ ކިތަންމެހާވެސް އުނދަގޫ ކަމެއް." ސްވިއަޓެކް ބުންޏެވެ.
ސްވިއަޓެކް، 22، އަކީ މިވަގުތު ކުޅެމުން އަންނަ އަންހެން ކުޅުންތެރިންގެ ތެރެއިން އެމެރިކާގެ ވީނަސް ވިލިއަމްސް އާއި ޖަޕާނުގެ ނައޯމީ އޮސާކާ އާއެކު ހަތަރު ގްރޭންޑް ސްލޭމް ތަށި ނުވަތަ އެއަށްވުރެ ގިނަ މުބާރާތް ކާމިޔާބުކޮށްފައިވާ ތިން ކުޅުންތެރިންގެ ތެރެއިން އެކަކެވެ.
