6 ވަނަ މައިލޯ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުލަބް ޒެފްރޯލް ހޯދިއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަނުންނަކީ ރެޑްހޯކްސް އެވެ.
މިދިޔަ މެއި މަހުގެ 20 އިން މި ޖޫން މަހުގެ 10 އަށް ކުރިއަށްދިޔަ މި ފަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި 10 ޓީމް ވާދަކޮށްފައިވާއިރު އަންހެން ޑިވިޝަނުގައި 27 ޓީމް ބައިވެރިވެފައިވެއެވެ.
މާލޭގައި ހުންނަ ރަސްމީ ހޭންޑްބޯލް ގްރައުންޑްގައި ރޭ ކުޅެވުނު ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޒެފްރޯލް ހޯދީ ފައިނަލްގައި ދިވެހި ސިފައިންގެ ކްލަބު 33-28 އިން ބަލިކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޒެފްރޯލް ޓީމުގެ އަބްދުﷲ ޒިޔާއު އެވެ.
ފިރިހެން ޑިވިޝަންގެ މޮޅު ހަތް ކުޅުންތެރިންނަކީ؛ ޒެފްރޯލްގެ ސެންޓަ ބެކް، ޒިޔާއު، ޕިވޮޓް، އަބްދުﷲ ޒަހުވާން އިމްތިޔާޒް، ލެފްޓް ބެކް، މުހައްމަދު ފިރުނާޝް އަބްދުﷲ އަދި ގޯލްކީޕަރު، މުހައްމަދު ރަމީޒް، ދިވެހި ސިފައިންގެ ކްލަބްގެ، ރައިޓް ވިންގް، އަހުމަދު ނަސީރު އާއި ލެފްޓް ވިންގް، މުހައްމަދު ޝަމާލް އަދި ވެލިދޫ ޔުނައިޓެޑްގެ މުހައްމަދު ޔަޝްމު އަހުމަދު އެވެ.
ޒެފްރޯލް އިން މިފަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލަށް ދަތުރުކުރީ ސެމީގައި ވެލިދޫ ޔުނައިޓެޑް އަތުން 45-24 އިން މޮޅުވެގެންނެވެ. ސިފައިންގެ ކުލަބުން ވަނީ ސެމީގެ ދެވަނަ މެޗުގައި ފިއުޗާ ސްޕޯޓްސް ކުލަބު އަތުން 25-23 އިން މޮޅުވެފައެވެ.
މި ފަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ރެޑްހޯކްސް އިން ހޯދީ ފައިނަލްގައި ކީންސް ސްޕޯޓްސްް ކްލަބުގެ މައްޗަށް 28-22 އިން ކުރިހޯދައިގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޑްހޯކްސް ޓީމުގެ ޔަޝްފާ އާދަމް އެވެ.
އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ؛ ރެޑްހޯކްސްގެ ގޯލްކީޕަރު، އައިޝަތު އާލާ އަލީ އާއި ރައިޓް ބެކް، ފާތިމަތު ޖުނާ، އޮރީކްސްގެ ސެންޓަ ބެކް، ފާތިމަތު އަރުޝާ އާއި ޕިވޮޓް، ރަފާހާ އިބްރާހިމް، ކީންސްގެ ލެފްޓް ވިންގް، ފާތިމަތު ރިޝްމާ އާއި ރައިޓް ވިންގް، ފާތިމަތު މާލް އިބްރާހިމް އަދި ތުޅާދޫ ޔަންގް އީގަަލްސް ސްޕޯޓްސްގެ ލެފްޓް ބެކް، މަރިޔަމް ހަމްނާ އެވެ.
މި ދެ ޓީމުން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ގޮތަށް ބަލާލާއިރު ރެޑްހޯކްސް އިން ވަނީ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން އޮރިކްސް ހޭންޑްބޯޅަ ކްލަބު އަތުން 22-20 އިން މޮޅުވެފައެވެ. ކީންސް ފައިނަލުން ޖާގަ ހޯދީ ފަހުވަގުތު ވައްދާލި ގޯލާއެކު ތުޅާދޫ ޔަންގް އީގަލްސް ސްޕޯޓްސް ކުލަބު 31-30 އިން ބަލިކޮށްގެންނެވެ.
