ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖް 2023 ގެ ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން އިންޑިއާގެ ރަވީ އާއި އަޝްމިތާ ޗާލިހާ ހޯދައިފިއެވެ.

މި ޖޫން މަހުގެ 5 އިން 10 ގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި ހުރިހާ އިވެންޓެއް ހިމެނޭ ގޮތަށް 33 ގައުމަކުން ގާތްގަނޑަކަށް 300 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކޮށްފައިވެއެވެ. އޭގެތެރޭގައި ރާއްޖޭގެ 30 އަށް ވުރެ ގިނަ ކުޅުންތެރިން ހިމެނެއެވެ.

ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި އިއްޔެ ކުޅެވުނު ފަސް އިވެންޓްގެ ފައިނަލްގެ ތެރެއިން ތިން ފައިނަލެއްގައި ވާދަކޮށް އިންޑިއާ އަށް ނިސްބަތްވާ ކުޅުންތެރިން ވަނީ ދެ އިވެންޓެއްގެ ޗެމްޕިއަންކަން ހޯދާފައެވެ. އެއީ، ފިރިހެން އަދި އަންހެން ސިންގަލްސް ބައިންނެވެ. އިންޑިއާ އަށް ނާކާމިޔާބުވީ އަންހެން ޑަބަލްސް އިވެންޓުންނެވެ.

ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖްގެ ފިރިހެން ސިންގަލްސް ފައިނަލް މެޗު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ-2) އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް (މ) ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި. --ފޮޓޯ: ރައީސް އޮފީސް

ފިރިހެން ސިންގަލްސް އިވެންޓްގެ ފައިނަލްގައި އިންޑިއާގެ ރަވީ ވަނީ މުބާރާތުގެ ހަތްވަނަ ސީޑް ކަމަށްވާ މެލޭޝިއާގެ ސޫންގް ޖޫ ވެން ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ފަހު ސެޓުގައި ރަވީގެ ފައިގެ ކުޑަހުޅަށް އަނިޔާވި ނަމަވެސް އޭނާ ވަނީ ފަރުވާ ހޯދައިގެން މެޗު ފުރިހަމަކޮށްފައެވެ. ފައިނަލް މެޗުގެ ސެޓުތައް ރަވީ ގެންދިޔައީ 21-19، 21-18 އިންނެވެ. ފައިނަލަށްކުރި ދަތުރުގެ ތެރެއިން ރަވީ ވަނީ ކުއާޓާ ފައިނަލްގައި މުބާރާތުގެ އެއްވަނަ ސީޑް ކަމަށްވާ އިންޑިއާގެ މިތުން މަންޖުނަތު ވެސް ބަލިކޮށްފައެވެ.  މި އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ރަވީ އަށް ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އެވެ.

އަންހެން ސިންގަލްސް ފައިނަލްގައި އިންޑިއާގެ ދެ ކުޅުންތެރިންގެ ކުރިމަތިލުން ފަހަތުންއަރައި 2-1 އިން ކާމިޔާބުކުރީ އަޝްމިތާ އެވެ. މި މެޗުގެ ފުރަތަމަ ސެޓު 21-19 އިން ތަސްނީމް މީރް ގެންގޮސްފައިވަނިކޮށް، ދެން ޖެހިގެންއައި ދެ ސެޓު އަޝްމިތާ ކާމިޔާބުކުރީ 21-17 އަދި 21-11 އިންނެވެ.

އަންހެން ޑަބަލްސް ފައިނަލްގައި މުބާރާތުގެ އެއްވަނަ ސީޑްކަމަށްވާ އިންޑިއާގެ އަޝްވިނީ ބަޓް އާއި ޝިކާ ގޯތަމްގެ ޕެއާގެ މައްޗަށް ކުރިހޯދީ ތައިލެންޑްގެ ލަކްސިކާ ކަންލަހާ އާއި ޕަތައިމަސް މުއެންވޯންގެ ޕެއާ އެވެ. މި މެޗުން ތައިލެންޑްގެ ޕެއާ މޮޅުވީ 24-22، 21-15 އިންނެވެ.

މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި އިންޑިއާގެ އަޝްމިތާ ޗާލިހާ ޓްރޮފީ ހިފައިގެން. --ފޮޓޯ: އަދަދު

މުބާރާތުގެ ފިރިހެން ޑަބަލްސް ފައިނަލްގައި މެލޭޝިއާގެ ލޯ ހެންގް ޔީ އާއި އެންޖީ އިންގް ޝިއޯންގްގެ ޕެއާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ތައިލެންޑްގެ ޕަރަންޔޫ ކައޮސަމާން އާއި ވޮރަޕޯލް ތޮންގްސާ-އެންގާގެ ޕެއާ އެވެ. މި ދެ ކުޅުންތެރިންގެ ޕެއާ އިން މެޗު ކާމިޔާބުކުރީ 21-19، 21-16 އިންނެވެ.

މިކްސް ޑަބަލްސް އިވެންޓްގައި އެމެރިކާ ފަހަތަށް ޖައްސާލުމަށްފަހު ތަށި ހޯދީ މެލޭޝިއާ އެވެ. ފައިނަލުގައި އެއްވަނަ އަށް ސީޑްކޮށްފައިވާ އެމެރިކާގެ ވިންސަން ޝިއޫ އާއި ޖެނީ ގާއީގެ ޕެއާ އަތުން މެލޭޝިއާގެ ހޫ ޕަން ރޮން އާއި ތެއޯ މެއި ޝިންގެ ޕެއާ ވަނީ 13-21، 18-21 އިން މޮޅުވެފައެވެ.

މި ފަހަރުގެ ލިނިން އިންޓަނޭޝަނަލް ޗެލެންޖް މުބާރާތަކީ މީގެ ހަވަނަ މުބާރާތެވެ. މީގެކުރީން، 2011، 2012، 2013، 2019 އަދި 2022 ވަނަ އަހަރު މި މުބާރާތް ބާއްވާފައިވެއެވެ.