މިއަހަރުގެ މެއި މަހު ރާއްޖެއަށް ފަތުރުވެރިން އައި އަދަދު ދަށަށް ހިނގައްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މެއި މަހު ރާއްޖެއަށް އައީ 120،960 ފަތުރުވެރިންނެވެ. އަދި މިއީ މި އަހަރުގެ ފުރަތަމަ 5 މަސްދުވަހަށް ބަލާއިރު، އެންމެމަދުން ރާއްޖެއަާށް ފަތުރުވެރިން އައި މަސް ވެސް މެއެވެ.
މީގެ އިތުރުން މިއީ 2022 ވަނަ އަހަރާއި އަޅާބަލާއިރު 4568 ފަތުރުވެރިންގެ ދަށްވުމެއް ކަމަށް ވެސް ހިސާބުން ދައްކައެވެ. 2022 ވަނަ އަހަރުގެ މޭ މަހު ރާއްޖެއަށް އައިސްފައިވަނީ 125،528 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
މިގޮތަަށް ތަފާސް ހިސާބުން ދެއްކިނަމަވެސް ކޮވިޑްގެ ހާލަތުގެ ކުރިން 2019 ވަނަ އަހަރާއި އަޅާބަލާއިރު، މިއީ އިތުރު ވުމެކެވެ. 2019 ވަނަ އަހަރުގެ މޭ މަހު ރާއްޖެ އައިސްފައިވަނީ 64،613 ފަތުރުވެރިންނެވެ.
މުޅި އަހަރަށް ބަލާއިރު، ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ހުރީ 2022 ވަނަ އަހަރަށްވުރެ މަތީގައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު 809245 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، 2022 ވަނަ އަހަރު ރާއްޖެ އައީ 702،332 ފަތުރުވެރިންނެވެ.
މިއަހަރުގެ ޖެނުއަރީ މަހު 172،499 ފަތުރުވެރިން އައިސްފައިވާއިރު، ފެބްރުއަރީ މަހު 177،915 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި މާރޗް މަހު 173،514 ފަތުރުވެރިން އަައިއިރު، އޭޕްރީލް މަހު 164،357 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި 10 ޤައުމުގެ ތެރޭގައި ރަޝިއާ، އިންޑިއާ، ޔޫކޭ، އިޓަލީ، ޖަރުމަނުވިލާތް ހިމެނެއެވެ. އަދި ޗައިނާ، އެމެރިކާ، ފްރާންސް، ސްވިޓްޒަލޭންޑާއި ސައުތު ކޮރެއާ ވެސް ހިމެނެއެވެ.
ރާއްޖޭގެ ފަތުރވެރިކަމާއި ބެހޭ ވުޒާރާގެ މިއަހަރުގެ އަމާޒަކީ ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ގެނައުމެވެ. އެގޮތުން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް އެމްއެމްޕީއާރުސީއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު 1241 ތަނެއް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. އެއީ މުޅި ޖުމްލަ 60،734 އެނދެވެ.
