• ސޮނެވާ ނަމޫނާ އާއި ނ. އަތޮޅުގެ 6 ރަށެއްގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ގުޅިގެން އަލުން ބަލުން ރީސޭލް މާކެޓް ހުކުރު ދުވަހު ބާއްވައިފިއެވެ.
  • މިގޮތުން ނ. އަތޮޅުގައި ފުރުތަމަ ފަހަރަށް ބޭއްވުނު އަލުން ބަލުން މާކެޓް ފަށާފައިވަނީ މި ޕްރޮގްރާމްގައި ބައިވެރިވާ 6 ރަށް ކަމުގައިވާ މަގޫދޫ، ޅޮހި، ކުޑަފަރި، މާފަރު ލަންދޫ އަދި ހޮޅުދޫގައި އެއްފަހަރާއެވެ. 

އަލުން ބަލުން ރީސޭލް މާކެޓަކީ ސޮނެވާ ނަމޫނާއާއި ބ. އަތޮޅުގެ 7 ރަށެއްގެ ބައިވެރިވުމާއެކު އޮކްޓޫބަރު 2022 ގައި ފެށުނު މާކެޓެކެވެ. 

މި މާކެޓްގެ މައިގަނޑު އަމާޒަކީ ރަށްރަށުގައި ތަކެތި އަލުން ބޭނުންކުރާ މިންވަރު އިތުރުކުރުމާއި، ރީޔުސް ކުރުން ނުވަތަ އަލުން ބޭނުންކުރުމުގެ ޘަޤާފަތެއް ޤާއިމުކުރުމާއެކު، ތިމާވެށި ރައްކާކުރުމުގައި މުހިންމު ރޯލެއް ކުޅޭ ބައެއްގެ ގޮތުގައި އަންހެނުން ބާރުވެރިކުރުމެވެ. މި މަސައްކަތުގެ ދަށުން، އުކާލަން ހަމަޖެހިފައިވާ ތަކެތީގެ ތެރެއިން އަލުން ބޭނުންކުރެވޭ ޒާތުގެ މުދާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން ހޯދައި، އެތަކެތި ސާފުކުރަން ޖެހިއްޖެ ނަމަ ސާފުކޮށް މަރާމާތުކޮށް، މި ޕްރޮގްރާމްގައި ބައިވެރިވާ އަވަށްޓެރި ރަށްރަށަށް ވިއްކަން ފޮނުވައެވެ. 

އެއް ރަށެއްގައި އެއްކުރެވޭ ތަކެތި އެހެން ރަށަކަށް ވިއްކުމަށް ފޮނުވުމުން ކުދި ކުދި ރަށްތަކުގައި ކުރިން ބޭނުންކުރެވިފައިވާ ތަކެތި ވިއްކުމަށް ހުންނަ ގޮންޖެހުންތަކުން އަރައިގަނެވޭނެއެވެ. އަލުން ބަލުން މާކެޓްއިން މިހާތަނަށް ވަނީ 20,000 ރުފިޔާ ސާފު ފައިދާ ގޮތުގައި ހޯދާ، 500 އައިޓަމް އަލުން ބޭނުންކޮށް ކުނީގެ ގޮތުގައި އުކާލުމުން ސަލާމަތް ކޮށްފައެވެ. 

މި މާކެޓްގައި ބައިވެރިވާ ރަށްތަކަށް އެތަކެއް ފައިދާތައް ލިބިގެންދާނެއެވެ. އެ ގޮތުން، އަލުން ތަކެތި ބޭނުންކުރުމުގެ ސަބަބުން ރަށްރަށުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކަށް އުކާލަން ނުވަތަ އަންދާލަން ގެންދާ ކުނީގެ އަދަދު މަދު ވެގެންދާނެއެވެ. 

މީގެ އިތުރުން، މި ޕްރޮގްރާމްގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ބޭނުންވާ އެކި ލީޑަޝިޕް ހުނަރުތައް ލިބި ބާރުވެރިވާނެއެވެ. އަދި ރަށްތަކުގެ ތެރޭގައި  ތަކެތި އަލުން ބޭނުންކުރުމާއި  ބޭނުންކުރާ މިންވަރު މަދު ކުރުމާމެދު ހޭލުންތެރިކަން އިތުރުވާނެއެވެ. 

ނ. އަތޮޅުގެ އަލުން ބަލުން ރީސޭލް މާކެޓަކީ ބ. އަތޮޅުން ހޯދި ރަނގަޅު ނަތީޖާތައް ނަކަލުކޮށް، ތިމާވެއްޓާ ރައްޓެހި އާދަތައް އަށަގެނުވުމާއެކު މުދާ އަލުން ބޭނުންކުރުމުގެ ޘަގާފަތެއް އުފެއްދުމަށް ހިންގޭ މާކެޓެކެވެ. މި މާކެޓް އިންތިޒާމު ކުރެވިގެންދަނީ ނ. އަތޮޅު ކައުންސިލްގެ އިތުރުން މި 6 ރަށު ކައުންސިލްގެ އެއްބާރުލުމާއެކުގައެވެ. 

"ނ. އަތޮޅަށް އަލުން ބަލުން ރީސޭލް މާކެޓް ގެނެވިގެންދާތީ އަޅުގަނޑުމެން އުފާކުރަން. އަޅުގަނޑުމެންގެ އަމާޒަކީ މި އަތޮޅުގެ ތެރޭގައި ތަކެތި އަލުންބޭނުންކުރުމާ މެދު އާންމުންގެ ވިސްނުން މުޅިން އެއްކޮށް ބަދަލުކޮށްލުން. އަދި މި މާކެޓްގެ ސަބަބުން މި ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ގުޅާލެވި ކޮމިޓީތަކުގެ މެދުގައި ބަދަހި ގުޅުމެއް އުފެދިއްޖެ،" ކުޑަފަރީ ގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް މިލްހާނާ އިބްރާހީމް ވިދާޅުވިއެވެ. 

"އަޅުގަންޑުމެން މި ދަނީ މި މާކެޓަކީ މި އަތޮޅުގައި ދެމެހެއްޓެނެވި ގޮތެއްގައިބޭއްވިގެންދާ އިވެންޓަކަށް ހެދުމަށް ސޮނެވާ ނަމޫނާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ގުޅިގެން މަސައްކަތް ކުރަމުން. އުންމީދަކީ މި އިވެންޓް ކައުންސިލް މެންބަރުންނާއި ކޮމިޓީގެ މެންބަރުން ބަދަލުވިޔަސް ކުރިއަށް ދިޔުން. މި ޕްރޮގްރާމާއެކު ކުނި މެނޭޖްކުރުމަށް ދާއިމީ ކުރިއެރުމެއް ލިބި ވަށާޖެހޭ އިޤްތިޞާދެއް ބިނާ ކުރުމަށް އެހީތެރިވެދޭނެ،" ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވިއެވެ. 

"އަލުން ބަލުން ރީސޭލް މާކެޓް ނ. އަތޮޅަށް ފުޅާވެގެންދިޔުމުން އަޅުގަނޑުމެން އުފާކުރަން. މިއާއެކު އަލުން ތަކެތި ބޭނުންކުރުމުގެ ޘަޤާފަތެއް ޤާއިމްކުރެވި ކުނި ގޮނޑުތަކަށް އުކާލާ ކުނި މަދުކުރެވޭނެ. މި މާކެޓް ހަޤީޤަތަކަށް ހެދުމަށް މި 6 ރަށުގެ ކައުންސިލް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ނ. އަތޮޅު ކައުންސިލުން ކުރަމުންގެންދާ ބުރަ މަސައްކަތް އަޅުގަނޑުމެން ފާހަގަކުރަން.ކުނި މެނޭޖްކުރުމާއި ދެމެހެއްޓެނިވި ވެއްޓެއް ޤާއިމުކުރުމުގެ މަސައްކަތައް ރަނގަޅު ބަދަލެއް ގެނެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ،" ސޮނެވާ ނަމުނާގެ ފަރާތުން ޚަދީޖާ ހާމިދު ވިދާޅުވިއެވެ.