އެފްއޭކަޕް ފައިނަލްގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް 1-2 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން އެފްއޭކަޕް ކާމިޔާބުކޮށް، "ޓްރެބަލް" ފުރިހަމަކުރުމުގެ އުއްމީދު ބޮޑުކޮށްފިއެވެ.

މިފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގާއި، މިރޭ އުފުލާލީ އެފްއޭކަޕް ތަށްޓާއެކު ސިޓީގެ އަމާޒަކީ އަންނަ ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިންޓަ މިލާން ފަހަތަށް ޖައްސާލުމަށްފަހު ސީޒަނުގެ ތިންވަނަ ތަށި ކާމިޔާބުކުރުމެވެ. މީގެކުރީން، 1999 ވަނަ އަހަރު "ޓްރެބަލް" ކާމިޔާބުކޮށްފައިވާ ހަމައެކަނި އިނގިރޭސި ޓީމުގެ ޝަރަފު އޮތީ ޔުނައިޓެޑް އަތުގައެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗު ފެށިގެން 12 ވަރަކަށް ސިކުންތުގެ ތެރޭގައި ސިޓީން ލީޑްނެގީ އެ ޓީމުގެ ކެޕްޓަން އިލްކާއި ގުންޑޮގާން ކާމިޔާބުކުރި ގޯލުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ކެވިން ޑި ބްރޭނާ އެވެ. މިއީ އެފްއޭކަޕްގެ ފައިނަލްގައި މިހާތަނަށް ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ. ކުރިން މި ރެކޯޑް އޮތީ 2009 ވަނަ އަހަރުގެ ފައިނަލްގައި މެޗު ފެށިތާ 25 ސިކުންތުގެ ތެރޭގައި ޗެލްސީ ކޮޅަށް ލަނޑުޖެހި އެވަޓަންގެ ލުއިސް ސަހާ އަތުގައެވެ.

މެޗުގެ 33 ވަނަ މިނެޓުގައި ޔުނައިޓެޑުން އެއްވަރުކުރީ ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ވައްދާލި ލަނޑުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ސިޓީގެ އިނގިރޭސި ވިންގް، ޖެކް ގްރީލިޝް އަތުގައި ބޯޅައިން ޖެހުމުން ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަވަނަ މިނެޓުގައި ސިޓީ އަށް އަލުން ލީޑްނަގައިދިނީ ވެސް ގުންޑޮގާން އެވެ. މިއީ ޑި ބްރޭނާ ނެގި ހިލޭޖެހުމެއްގެ އެހީގައި އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ގުންޑޮގާން ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، ޔުނައިޓެޑުން އެއްވަރުކުރަން ކުރި މަސައްކަތުގެ ތެރެއިން ރަފައެލް ވަރާން ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވިއިރު ރީބައުންސްގައި އެ ބޯޅަ ސްކޮޓް މެކްޓޮމިނޭ ފޮނުވާލުމުން ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މިއީ އެފްއޭކަޕްގެ ތާރީޚުގައި ވެސް މެންޗެސްޓާ އަށް ނިސްބަތްވާ ދެ ޓީމުން ފައިނަލްގައި ކުޅުނު ފުރަތަމަ ފަހަރެވެ. މި މެޗުން ހޯދީ މޮޅާއެކު ސިޓީން ވަނީ ހަތްވަނަ ފަހަރަށް އެ މުބާރާތް ކާމިޔާބުކޮށްފައެވެ.